ދިރާސީ އާ އަހަރުގެ ކިޔެވުން މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މި އަހަރުގެ ފެބްރުއަރީ މަހުގެ 23ގައި ނެރުނު ކަލަންޑަރުގައިވާ ގޮތުން އިއްޔެ ކިޔެވުން ފަށާ ގޮތަށް އެމިނިސްޓްރީގެ ކަލަަންޑަރުގައި އޮތް ނަމަވެސް ކިޔެވުނަ ފަށާފައިިމިވަނީ ރަމަޟާން މަހުގެ ރޯދަ އާއި ހަ ރޯދަވެރިންގެ ރޯދަވެސް ނިންމުމަށްފަހުގައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރުގެ ކިޔެވުން މިއަދު ފެށި އިރު، ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 12 އާ ދެމެދުގައި 89،000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާނެ ކަމަށެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހްމަދު

އޭގެ އިތުރުން 11،000 އެއްހާ ޓީޗަރުން މިފަހަރު ކިޔަވައިދޭނެ ކަމަށާއި ސަރުކާރުގެ ސްކޫލްތަކުގައި 10،000 އަށްވުރެ ގިނަ ޓީޗަރުން ކިޔަވައިދޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

މި އަހަރު އަލަށް މާލެ ސަރަހައްދަށް ގްރޭޑް 1 އަށް 2،000 އަށްވުރެ ގިނަ ދަރިވަރުން ވައްދާފައިވާ ކަމަށާއި އަލަށް މުޅި ރާއްޖެއިން 5000 އަށް ވުރެ ގިނަ ކުދިން ގްރޭޑް 1 އަށް ވައްދާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އަތޮޅުތެރޭގެ ސްކޫލުތަކުން މާލޭ ސަރަހައްދުގެ ސްކޫލުތަކަށް 1،200 އަށް ވުރެ ގިނަ ދަރިވަރުން ބަދަލުވެފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހްމަދު

އެ މިނިސްޓްރީގެ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ޗުއްޓީ ފަށާނީ ޖުލައި 24 ގައެވެ. ފުރަތަމަ ޓާމުގެ ޗުއްޓީގެ ގޮތުގައި 16 ދުވަސް ލިބޭނެއެވެ.

ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓު މަހުގެ ދިހަ ވަނަ ދުވަހުއެވެ. އަދި ދެ ވަނަ ޓާމު ނިމި ބޮޑު ބަންދު ވާނީ ޑިސެމްބަރު 28 ވަނަ ދުވަހުއެވެ.

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑުގެ ހާލަތާ ގުޅިގެން، ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން އޮގަސްޓަށް ބަދަލު ކުރިއެވެ.

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން --- ވަން ފޮޓޯ: ހަމްދާން އަހްމަދު

އެ ބަދަލާއެކު، ބޮޑު ޗުއްޓީ ހުޅަނގު މޫސުމުގެ އެންމެ ގަދައަށް ވިއްސާރަކުރާ ޖޫން/ޖުލައިގައި ލިބޭތީ ބެލެނިވެރިންގެ ހުރި ކަންބޮޑުވުމާ އެކު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިން އޮތް ގޮތަށް ޖެނުއަރީގައި ފަށައި ޑިސެމްބަރަށް ބަންދު ލިބޭ ގޮތް ބަދަލުކޮށްދެއްވައިފައެވެ. އެ ބަދަލާއެކު އަންނަ އަހަރުން ފެށިގެން ދިރާސީ އާ އަހަރު ފެށޭނީ ޖެނުއަރީ މަހުގެ ތެރޭގައެވެ.

މި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 28 އިން ޖެނުއަރީ 27 އަށެވެ.