ކުޅިވަރު ކުރިއެރުވުމަށް ކުރިއަށް ގެންދަވާ ދުރު ރާސްތާ ޕްލޭނުގެ ސަބަބުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެ މަގު ފަހިކުރެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް އެހެން ވިދާޅުވީ ތަރައްގީއާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ދުވަހާ ގުޅިގެން އިއްޔެ ދެއްވި ހާއްސަ މެސެޖުގައެވެ.

ރައީސްގެ ރަސްމީ "އެކްސް"ގައި ވިދާޅުވީ އެއްބައިވަންތަކަމާއި ބާރުވެރިކުރުމާއި، ހަމަހަމަ ފުރުސަތުތައް ހޯދައިދިނުމަށް ކުޅިވަރަށް ލިބިފައިވާ ބާރުގެ ފުރިހަމަ ބޭނުން ހިއްޕަވަން ގަސްދުކުރައްވާކަމަށެވެ.

ތަރައްގީއާއި ސުލްހަ ގާއިމުކުރުމުގައި ކުޅިވަރު އަދާކުރާ ދައުރު ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ ދުވަހަށް، މިއަހަރު ކަނޑައަޅާފައިވާ ޝިޔާރަކީ "ލެވެލިން ދަ ޕްލެއިން ފީލްޑް: ސްޕޯޓް ފޯ ސޯޝަލް އިންކްލޫޝަން" އެވެ. އެކަމަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ އެ ޝިޔާރަކި އިޖުތިމާއީ ބައިވެރިވުމަކީ، ކުޅިވަރުކުޅުމުގެ ފުރުސަތުތައް ލިބުމުގައި، މީހާގެ އުމުރަކަށް، ނަސްލަކަށް، މިންތިއަކަށް ބެލުމެއް ނެތި، ދުޅަހެޔޮ، ހަރަކާތްތެރި ދިރިއުޅުމަކަށް ހަމަހަމަ ފުރުސަތު ކަށަވަރުކޮށްދިނުމުގައި ސަރުކާރުން ދެކޭ ތަސައްވުރާ އެއް ޝިޔާރެއް ކަމަށެވެ.

ރައީސް މުއިއްޒުގެ މެސެޖުގައި އިތުރަށް ވިދާޅުވީ 20 އަހަރުގެ ނޭޝަނަލް ސްޕޯޓްސް ޑިވެލޮޕްމަންޓް ޕްލޭންގެ ދަށުން ކުޅިވަރު ލާމަރުކަޒުކޮށް، ހުނަރު ކުރިއަރުވައި، ތަމްރީނުގެ ފުރުސަތުތަކާއި މުބާރާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްގެންދެވޭނެ ކަމަށެވެ. އަދި އެތުލީޓުންނާއި ކުޅިވަރަށް ލޯބިކުރާ ފަރާތްތަކަށް، ރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނު ކަމުގައިވިޔަސް، އެ ދާއިރާއިން ކުރިއަށްދިއުމުގެ މަގުފަހިވެގެންދާނެ ކަމަށެވެ.

ކުޅިވަރުގެ ސިންދަފާތު އިތުރުކޮށް، ކުޅިވަރުކުޅުމަށް ހަމަހަމަކަމާއެކު ފުރުސަތު ފަހިކޮށްދީގެން، އިޖުތިމާއީ ފޭރާންވެސް ރަނގަޅުކުރެވޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.