ބައިނަލްއަގުވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައްވައިފިއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވެފައިވަނީ، އުޒްބަކިސްތާނުގެ ތަޝްކެންޓުގައި ކުރިއަށްދާ އިންޓަ ޕާލިމެންޓަރީ ޔުނިއަންގެ 150 ވަނަ އެސެމްބްލީގެ ހަވާސާގައި ކުރިއަށްދާ ނަން-އެލައިންޑް މޫވްމެންޓް ޕާލިމެންޓަރީ ނެޓްވޯކްގެ ހަތަރުވަނަ ކޮންފަރެންސްގައި ވާހަކަދައްކަވަމުންނެވެ.

އެ ކޮންފަރެންސްގެ މައުޟޫއު ކަމަށްވާ، "ބަންޑުންގް އުސޫލުތަކަށް 70 އަހަރު ފުރުން: ބަންޑުންގް އުސޫލުތައް ދެމެހެއްޓުމުގައި މަޖިލިސްތަކުގެ ދައުރު" އެ މައުޟޫއަށް ވާހަކަދައްކަވަމުން އަބްދުއްރަހީމް ވަނީ ބަންޑުން އުސޫލުތައް ދެމެހެއްޓުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތް ފާހަގަކުރައްވައިފައެވެ.

އޭގެ އިތުރުން މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލާއި، ބައިނަލްއަގުވާމީ އެއްބާރުލުމުގެ އަގުތައް ދެމެހެއްޓުމަށް ޕާލިމެންޓަރީ ފިޔަވަޅުތަކެއް އަލުން އެޅުމަށް އަބްދުއްރަހީމް ގޮވާލެއްވިއެވެ. އަދި މިއަދުގެ ދުނިޔޭގައި ދިމާވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައިދިނުމުގައި، ނުފޫޒު ނުފޯރުވުމާއި، ސުލްހަވެރިކަމާއެކު މައްސަލަތައް ހައްލުކުރުމާއި، ވިޔަފާރިއާއި ސަގާފަތުގައި އެއްބާރުލުން ދިނުމުގެ ބޭނުން ހިފުމުގައި ބަންޑުންގް އުސޫލުތަކުގެ މުހިންމުކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ.

ކުދި ޖަޒީރާ ގައުމުތަކުގެ ނާޒުކުކަމަށް އަލިއަޅުއްވާލައްވަމުން މަޖިލީހުގެ ރައީސް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ދުނިޔޭގެ އެއްބާރުލުން ދިނުމަށް ގޮވާލައްވައިފައެވެ. އެކަމަކީ ރާއްޖެއަށް ސީދާ ގޮތެއްގައި އަސަރުކުރާ އަދި ދުވަހުން ދުވަހަށް ނުރައްކާތެރިކަން އިތުރުވަމުންދާ ކަމެއް ކަމަށާއި އަދި ހާއްސަކޮށް އެންމެ ބޮޑަށް ނުރައްކާތެރިކަމުގެ ތެރޭގައިވާ ގައުމުތަކަށް ތިމާވެށީގެ އިންސާފު ގާއިމުކުރުމަށް ނަން-އެލައިންޑް މޫވްމެންޓް (ނާމް)ގެ މެންބަރު ގައުމުތަކުން ދޭ އަހައްމިއްޔަތުކަން އިތުރަށް ހަރުދަނާކުރަން ޖެހޭ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ގާނޫނާއި ލާމަރުކަޒީ ގާނޫނު ފަދަ ގާނޫނުތައް މެދުވެރިކޮށް އިންކްލޫސިވް ޑިވެލޮޕްމަންޓް ކުރިއެރުވުމުގައި ރައްޔިތުންގެ މަޖިލީހުން ހޯދާފައިވާ ކުރިއެރުންތަކަށް މަޖިލީހުގެ ރައީސް އަލިއަޅުއްވާލެއްވިއެވެ. އަދި އެ ގާނޫނުތަކުގެ ސަބަބުން މުޖުތަމައުތަކަށް ބާރު ލިބި، ހަމަހަމަކަން ކުރިއަރާފައިވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

އޭގެ އިތުރުން، ގައުމީ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަންތައްތައް ކުރިއަށްދޭތޯ ބެލުމުގައި ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުން، ހާއްސަކޮށް ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ "ނާމް" މެންބަރު ގައުމުތަކުން އެއްބައިވެ، ސުލްހަ އާއި އިސްތިގުލާލާއި އިންސާފު ދިފާއުކުރުމަށް ވެސް ގޮވާލައްވައިފައެވެ.