ރާއްޖެއަށް މި ވަގުތު އެންމެ ރަނގަޅު ގޮތަކީ އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ އާއި ދަ ޑިމޮކްރެޓްސް ގުޅުމަކީ މި ވަގުތު ރާއްޖެއަށާއި އެމްޑީޕީއަށް އަދި ޑިމޮކްރެޓްސްއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށެވެ.

އެމްޑީޕީ އާއި ޑިމޮކްރެޓްސް ގުޅުމަށް ނަޝީދު ވިދާޅުވި އިރު ޑިމޮކްރެޓްސްގައި ތިއްބެވި އެ މަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން އެ ޕާޓީ ދޫކުރައްވައި އަލުން އެމްޑީޕީއާ ވަނީ ގުޅިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ނަޝީދު އޭރު ކުރެއްވި ޕޯސްޓެއްގައި ވަނީ، އެމްޑީޕީއަކީ އެ މަނިކުފާނުގެ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އެ ޕާޓީ ވަރުގަދަވެ، އޮތުން އެއީ އަބަދުވެސް އެދޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

އަދި މީގެ ކުރީން އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުވެސް ވަނީ މިދިޔަ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލިގެންދިޔަ މައިގަނޑު ސަބަބަކީ އެ ޕާޓީން ބަޔަކު ވަކިވެގެން ދިއުންކަން ފާހަގަކޮށް އެ މައްސަލަތައް އެއްފަރާތްކޮށް އެކުގައި މަސައްކަތް ކުރަން އެދިވަޑައިގެންފަ އެވެ.