ނުތާހިރުކޮށް ހިންގަމުންގެންދިޔަ ކެފޭއަކުން 11 މީހުން ހައްޔަރުކޮށްފިއެވެ.

އިމިގްރޭޝަނުން ރޭ ބުނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް އަމާޒުކޮށް ޓާސްކު ފޯސްއިން ކުރިއަށްގެންދާ ރެއިޑު އޮޕަރޭޝަންތަކުގައި، ރޭ މާލޭގައި ހުންނަ ކެފޭއެއް ބަލައި ފާސްކުރި ކަމަށެވެ.

"އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް ހިންގަމުންދިއަ މި ކެފޭގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 11 ބިދޭސީއެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި،" އިމިގްރޭޝަނުން ބުންޏެވެ.

ހޯމް މިނިސްޓްރީ އާއި އިމިގްރޭޝަނާއި ފުލުހުން ގުޅިގެން ދަނީ ގަވާއިދާ ހިލާފަށް ރާއްޖޭގައި މަސައްކަތް ކުރާ އަދި ވިޔަފާރިކުރަމުންދާ ބިދޭސީން ދެނެގަތުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން މިހާތަނަށް 6،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އަނބުރާ އެމީހުންގެ ގައުމުތަކަށް ފޮނުވާލައިފައެވެ.

ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާ ގުޅޭ މައްސަލަތައް ހުށައެޅުމަށް "އިމިގްރޭޝަން ވޮޗް"ގެ ނަމުގައި އޮންލައިން ޕްލެޓްފޯމެއް ވަނީ ގާއިމްކޮށްފައެވެ.