ވިސިޓް މޯލްޑިވްސް ޕްރޯއާއެކު ދާދިފަހުން ލިވަޕޫލުން ހެދި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާއިން އެކަނި މަސައްކަތްތަކެއް ކުރުމަށް ހެދި އެއްބަސްވުމެއް ނޫން ކަމަށާއި، ރާއްޖެއިން ދެމެހެއްޓެނިވި ގޮތެއްގައި ތިމާވެށި ހިމާޔަތް ކުރުމަށް ކުރާ މަސައްކަތުގައި ގުޅިގެން މަސައްކަތް ކުރެވޭނެ ކަމަށް، ކްލަބުގެ ރެކޯޑު ގޯލު ޖެހުންތެރިޔާ އިއާން ރަޝް ބުނެފިއެވެ.

ޔޫރަޕްގެ އެންމެ ވަރުގަދަ އަދި އެންމެ ކާމިޔާބު އެއް ކްލަބު، ލިވަޕޫލްގެ ރަސްމީ ފަތުރުވެރިކަމުގެ މަންޒިލަކީ މިހާރު ރާއްޖެއެވެ. އެންމެފަހުން ލިވަޕޫލާއި އެވަޓަން ވާދަކުރި ޑާބީ މެޗުން ފެށިގެން އެންފީލްޑްގެ ލެޑް ބޯޑުތަކުގައި ރާއްޖެ އިޝްތިހާރުވެސް ކުރަން ފަށާފައިވާ އިރު، ކެމްޕޭނު ރަސްމީކޮށް ފެއްޓެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ލިވަޕޫލަށް ވަޑައިގެންފައެވެ.

އެ ދަތުރުފުޅުގައި ރައީސް ވަނީ ކްލަބުގެ ޓްރެއިނުން ފެސިލިޓީއާއި ސްޓޭޑިއަމަށްވެސް ޒިޔާރަތްކުރައްވާފައެވެ. ސްޓޭޑިއަމަށް ކުރެއްވި ޒިޔާރަތުގައި އެ ކްލަބުގެ ބައެއް ލެޖެންޑުންނާ ބައްދަލުކުރައްވާފައިވާ އިރު، ރައީސާ ބައްދަލުވުމަކީ ލިބުނު އުފަލެއް ކަމަށް ރަޝް ބުނެފައިވެއެވެ.

https://www.facebook.com/oneonlinemv/videos/1175287107021770

ރަޝްގެ އިންސްޓާގްރާމުގައި ކުރި ޕޯސްޓުގައި ބުނީ ރައީސާ ބައްދަލުވުމުގެ އިތުރުން ލިވަޕޫލުން ހެދި އެއްބަސްވުމާމެދުވެސް ހިތްހަމަ ޖެހިފައި ހުރި ކަމަށެވެ. އަދި ލިވަޕޫލްގެ 200 މިލިއަނެއްހާ ސޯޝަލް މީޑިއާ ފޮލޯވަރުންނާއެކު ދުނިޔޭގައި ގުޅުންތައް ގާއިމުވުމަކީ ހިތްހަމަ ޖެހުމެއް ކަމަށް ބުނަމުން ރަޝް ބުނީ، ރާއްޖެއަކީ ތިމާވެށީގެ ހިމާޔަތުގައި ބުރަކޮށް މަސައްކަތް ކުރާ ގައުމަކަށްވުމުން، އެ މަސައްކަތުގައިވެސް ލިވަޕޫލް ބައިވެރިވާނެ ކަމަށެވެ.

ހާއްސަކޮށް ރާއްޖެއަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ގެއްލުން ބޮޑުވާނެ ގައުމަކަށްވާތީ، ތިމާވެށީގެ ރައްކާތެރިކަމަށް ދެމެހެއްޓެނިވި މަސައްކަތްތަކެއް ކުރަން ތައްޔާރު ކަމަށް ރަޝް ބުންޏެވެ.