އީރާނާ ދެކޮޅަށް ހަމަލާތަކެއް ފެށުމަށް ނުވަތަ ހަގުރާމައެއް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާއިން މިހާރު އެގައުމުގެ ވައިގެ ސިފައިންގެ އެންމެ ވަރުގަދަ ހަތިޔާރުތައް ފޯޅަވައްސަށް ފޮނުވާފައިވާކަން ވަނީ ކަށަވަރުވެފައެވެ. އެއީ ކޮން ހަތިޔާރެއް ބާވައެވެ. ބީ-2 މަރުކާގެ ބޮންއަޅާ ސްޓެލްތު މަތިންދާބޯޓެވެ. އެމެރިކާގައި އޮތީވެސް މިވައްތަރުގެ ޖުމްލަ ނަވާރަ ބޯޓެވެ. އޭގެތެރެއިން ހަ ބޯޓު މިހާރުވީ ފޯޅަވަހީގައެވެ. އެހެންވީމާ އެމެރިކާގެ އެންމެ ޒަމާނީ އަދި ވަރުގަދަ ސްޓެލްތު ފްލީޓުގެ ގާތްގަޑަކަށް ތިރީސް އިންސައްތަ މިހާރު އެވަނީ އީރާނަށް ބިރު ދެއްކުމުގެ ގޮތުން ފޯޅަވައްސަށް ފޮނުވައިފައެވެ. މިއިން ބޯޓެއްގެ އަގަކީ ދެ ބިލިޔަން ޑޮލަރެވެ. ދުނިޔޭގެ އެންމެ އަގުބޮޑު ބޯޓަކީވެސް އެއީއެވެ. މި ބޯޓަކީ ބިންމަތީގައިވާ އަމާޒުތަކަށް ނިއުކުލިއަރ ހަތިޔާރާއި އެނޫންވެސް ހަތިޔާރުން ހަމަލަދިނުމާއި ކޮންމެ ކަހަލަ ވައިގެ ދިފާއީ ނިޒާމެއްވެސް ފަސޭހަކަމާއެކު ފޫއަޅުވައިލުމުގެ ކެރިކުޅަދާނަކަން ލިބިގެންވާ ބޯޓެއް ކަމަށް ބުނެވެއެވެ.

އެމެރިކާގެ ވައިގެ ސިފައިން ނޫން ލަޝްކަރެއްގެ އަތުގައި މިވައްތަރުގެ ބޯޓެއް ނެތެވެ. ބީ-2 ސްޓެލްތު ބޯޓަކީ ދާދިފަހުގެ އުފެއްދުމެކެވެ. އެކަމަކު ތަފާތު އެކި ހަގުރާމަތަކުގައި އެމެރިކާއިންވަނީ މިހާރުވެސް މިބޯޓު ބޭނުންކޮށްފައެވެ. އިރާގާއި އަފްޣާނިސްތާނުގައެވެ. ދެން ލީބިޔާގައެވެ. މިބޯޓުގެ ތާރީޚަށް ބަލައިލީމާ ފެންނަނީ މިއީ މުޅިންވެސް އިސްލާމީ ގައުމުތަކާ ދެކޮޅަށް އެމެރިކާއިން ބޭނުންކުރާ ހަތިޔާރެއްގެ ގޮތުގައެވެ. އީރާނާ ދެކޮޅަށް މި ބޯޓު ބޭނުންކޮށްފިނަމަ އެކަން ވެގެންދާނީ ބީ-2 މަރުކާގެ ބޯޓުފަހަރު ޚިދުމަތަށް ނެރުނުފަހުން އެއަށް ކުރިމަތިލާންޖެހޭ އެންމެބޮޑު އިމްތިހާނު ކަމުގައެވެ. ރައީސް ޓްރަމްޕު އެބަބުނެއެވެ. އީރާނަށް ހަމަލަދޭނީ މީގެކުރިން ދުވަހަކުވެސް އެގައުމު ތަޖުރިބާކޮށްފައިނުވާ ފެންވަރެއްގައެވެ. މި އިންޒާރުގައިވެސް އިޝާރާތް އެކުރަނީ ބީ-2 މަރުކާގެ ބޯޓުފަހަރަށެވެ. މިއީ ތެޔޮއެޅުމަކާ ނުލައި ހަހާސް މޭލުގެ ދުރުމިނަށް އައިސްގޮސްވެވޭ ބޯޓެކެވެ.

މިދެންނެވި ގާބިލްކަން ލިބުނީމާ އީރާން އެއޮތީ މާރަގަޅަށްވެސް ބީ-2 ބޯޓުފަހަރުގެ ރޭންޖުގެ ތެރޭގައެވެ. ފޯޅަވައްސާއި އީރާނުގެ އެންމެ ދެކުނުގެ އައްސޭރިޔާ ދެމެދުގެ ދުރުމިނަކީ ދެހާސް ހަތަރު ސަތޭކަ މޭލެވެ. މިދެންނެވި ޒާތުގެ ބޯޓުފަހަރު ފޯޅަވައްސަށް ގެންދިޔަކަން ކަށަވަރުވަނީ ކިހިނަކުން ހެއްޔެވެ. އެކަން އެނގެނީ އެމެރިކާގެ އޮފިޝަލުންގެ އަމިއްލަ އިއުތިރާފުންނެވެ. ދެން ސެޓެލައިޓް ފޮޓޯތަކުންނެވެ. މިފޮޓޯތަކުން ފެންނަގޮތުގައި ފޯޅަވަހީގެ އެންމެ ފުލުގައިވާ ޑިއޭގޯ ގާރސިޔާގެ ވައިގެ މަރުކަޒު މިހާރު ފުރިފައިވަނީ ހަގުރާމަމަތީ އެކި ވައްތަރުގެ ބޯޓުތަކުންނެވެ. ބޮންއަޅާ ތަކެއްޗާއި ޓޭންކަރުތަކާއި އެނޫންވެސް ބޯޓުފަހަރުންނެވެ. ބީ-2 މަރުކާގެ ބޯޓުފަހަރު ފޯޅަވައްސަށް ގެންގޮސް އެވާހަކަ މާކުރިން އިއުލާންކުރުމުގެ ބޭނުމަކީ އަސްލު ހަގުރާމައެއް ކުރުމަކާ ނުލައި މިބޯޓު ދައްކައިގެން އީރާން ބިރުގެންނެވުންކަމަށް ވެދާނެއެވެ. މިއީ ބައެއް ގައުމުތަކާ ދެކޮޅަށް މީގެކުރިންވެސް އެމެރިކާއިން ބޭނުންކޮށްފައިވާ އުކުޅެކެވެ.

އެމެރިކާއިން މީގެކުރިން ބީ-2 މަރުކާގެ ބޯޓުފަހަރު ބޭނުންކޮށްފައިވާ ގޮތުގެ ތާރީޚަށް ބަލައިލާއިރު ފާހަގަކުރެވެނީ މި ބޯޓުގެ ކެރިކުޅަދާނަކަން އެކި ގޮތްގޮތަށް ވަޒަންކޮށްލުމުގެ ހަރަކާތްތަކެއްގެ ގޮތުގައެވެ. ލީބިޔާއާއި އަފްޣާނިސްތާނާއި އިރާގުފަދަ ތަންތަނާ ދެކޮޅަށް މާގިނަ ބޯޓު ބޭނުމެއްވެސް ނުކުރެއެވެ. ގިނަވެގެން ދެތިން ބޯޓެކެވެ. އެހެންވީމާ ޑިއޭގޯ ގާރސިޔާއަށް އެއްފަހަރާ ހަ ބޯޓު ގެންދިއުމަކީ މީގެކުރިން ފެނިފައިވާ ކަހަލަ މަންޒަރެއް ނޫނެވެ. މިހައިވަރު މިދައްކައިލީ ހަމަޔަގީނުންވެސް އީރާން ނޫން އެހެން ބަޔަކަށް ބިރުދެއްކުމަކަށް ނޫނެވެ. އަމާޒަކީ އީރާނެވެ. މިނުގުތާ ފާހަގަކޮށްލަން ޖެހެނީ ޔަމަނާ ދެކޮޅަށްވެސް އެމެރިކާއިން މިހާރު އަސްކަރީ އޮޕަރޭޝަނެއް ކުރިއަށް ގެންދާތީ އެކަމުގައި ބައިވެރި ކުރުމަށްޓަކައި ބީ-2 ފޮނުވީ ކަމަށް ބައެއް މީހުން ހީކުރުމުގެ ފުރުސަތު އޮތުމުންނެވެ. ބީ-2 އަކީ ޔަމަނާ ދެކޮޅަށް ބޭނުންކުރާ ބޯޓެއް ނޫނެވެ. ބޭނުންކުރަންޖެހޭ ބޯޓެއްވެސް ނޫނެވެ. އެކަންކުރަނީ ޔަމަނާ ގާތަށް އެމެރިކާއިން ފޮނުވާފައިވާ މަނަވަރުތަކުންނެވެ.

ބީ-2ގެ އެންމެ ޚާއްސަ އެއްސިފަޔަކީ ބިމުގެ ވަރަށް އަޑީގައިވާ ކޮންކްރީޓް ބިންގަރާސްތަކަަށް ހަމަލާދިނުމަށް ޚާއްސަ ބަރު ބޮން އުފުލުމުގެ ކުޅަދާނަކަން ލިބިގެންވުމެވެ. އެއީ ގާތްގަޑަކަށް ސާދަ ޓަނުގެ ބޮމެވެ. މިއީ ބިމުގެ ގާތްގަޑަކަށް ދުއިސައްތަ ފޫޓުގެ އަޑީގައިވާ ބިންގަރާސްތައް ފޫއަޅުވައިލުމަށް އެމެރިކާއިން އީޖާދުކޮށްފައިވާ ބޮމެކެވެ. މިއަށް ކިޔަނީވެސް ބިންގަރާސް ފޫއަޅުވާ ބޮމެވެ. މި އެއްޗެއް އެމެރިކާއިން އީޖާދުކުރީވެސް އެމެރިކާގެ ހަތުރުވެރި ގައުމުތަކުގައިވާ ފުން ބިންގަރާސްތައް ތޮރުފައިލުމުގެ ނިޔަތުގައެވެ. އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް ގާއިމްކުރެވިފައިވަނީ ފަރުބަދަތަކުގެ އަޑީގައިވާ ބިންގަރާސްތަކުގައެވެ. އެހެންވީމާ ޑިއޭގޯ ގާރސިޔާއަށް ބީ-2 މަރުކާގެ ބޯޓުފަހަރު ފޮނުވުމުގެ އެއް މަގުސަދަކީ ކުރިން ދެންނެވި ޒާތުގެ ބަރުބޮން ބޭނުންކޮށްގެން ބިމުގެ އަޑީގައިވާ އީރާނުގެ ނިއުކުލިއަރ މަރުކަޒުތައް ސުންނާފަތިކޮށްލުމުގެ ނިޔަތުގައި ކަމަށް ވެދާނެއެވެ. މިކަންކުރަން ބޭނުންވަނީ އެއްވަގުތެއްގައި އެއްފަހަރާ ވީހާވެސް ގިނަ ހަމަލަދީގެން ކަމަށް ވެދާނެއެވެ.

ތަގީންވާ ކަމަކީ ކޮންމެ ސްކޭލެއްގައި ކޮންމެ ފެންވަރަކަށް އެމެރިކާއިން މި ހަރަކާތް ހިންގިޔަސް އެކަމުގައި އިޒްރޭލުން އަމަލީ ދައުރެއް އަދާކުރާނޭ ކަމެވެ. އީރާނާ ދެކޮޅު އޮޕަރޭޝަނުގައި އިޒްރޭލުން ބައިވެރިވާނޭ ކަމެވެ. މިހިސާބުން އުފެދޭ ސުވާލަކީ މިހުރިހައި ކަމެއް މިގޮތަށް ހިނގާއިރު އީރާނަށް ހެޔޮއެދޭ ބާރުގަދަ ގައުމުތަކުން އެއްކަމެއްވެސް ނުކޮށް ހިމޭނުން ތިބޭނެ ބާވައެވެ. ނޫނެކެވެ. ހިޔެއް ނުވެއެވެ. ބީ-2 އަކީ ޗައިނާ އާއި ރަޝިޔާއަށްވެސް ބިރެކެވެ. މިއެއްޗެއް އެމެރިކާއިން ވުޖޫދުކުރިފަހުން އެދެގައުމުން ވަނީ މިޔާ ދެކޮޅަށް ކިތަންމެ އާލާތެއް އުފައްދައިފައެވެ. މިހާތަނަށް ކުރެވިފައިނެތް ކަމަކީ ހަގުރާމައިގެ މައިދާނުގައި އެތަކެތި ޓެސްޓް ކުރުމެވެ. ޔަގީންވަނީ މިފަހަރު އެކަން ކުރާނެކަމެވެ. ބީ-2 މަރުކާގެ ބޯޓުފަހަރުގެ ކުޅަދާނަކަން ޓެސްޓްކުރަން ޗައިނާ އާއި ރަޝިޔާވެސް އޮތީ ކެތްމަދުވެފައެވެ. އެހެންވީމާ އީރާނުގެ ވައިގެ ދިފާއީ ނިޒާމު ހަރުދަނާ ކުރުމުގައި އެދެގައުމުގެ ސީދާ ބައިވެރިވުން އޮންނާނެއެވެ. ނެތިއެއް ނުދާނެއެވެ. މިޒާތުގެ ކަންކަން އާއްމުގޮތެއްގައި ހިގާ މަގަކީ އެއީއެވެ.