ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލުގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނީ، އިނގިރޭސިވިލާތަށް ރައީސް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރޭގައި ހިމެނިގެން އިއްޔެ މެންދުރު ދިވެހި ދަރިވަރުންނާއެކު ބޭއްވެވި އެ ބައްދަލުކުރެއްވުމުގައި، ދަރިވަރުންގެ ތައުލީމީ ކަންކަން ކުރިއަށްދާ ގޮތާއި، ދަރިވަރުންގެ ތަޖުރިބާތަކާ ގުޅޭގޮތުން އޮޅުންފިލުއްވި ކަމަށެވެ.

02 އޭޕްރީލް 2025، ރައީސް ޑރ. މުހައްމަދު މުއިއްޒު، އިނގިރޭސިވިލާތުގެ ލިވަޕޫލްގައި ކިޔަވަމުންދާ ދިވެހި ދަރިވަރުންނާ ބައްދަލުކުރެއްވުން -- ފޮޓޯ/ ރައީސް އޮފީސް

އޭގެ އިތުރުން މަތީ ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދެއްވާނޭކަމުގެ ޔަގީންކަން ރައީސް އެ ދަރިވަރުންނަށް ދެއްވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ދިވެހި ދަރިވަރުންނާ އެގޮތަށް ބައްދަލުކޮށްލެއްވުމުން ހިތްޕުޅު ހަމަޖެހިވަޑައިގެންނެވި ކަމަށާއި، އެ ދަރިވަރުން މަތީ ތައުލީމު ހާސިލުކުރުމުގައި ލިބިފައިވާ ކާމިޔާބީތަކާ މެދު ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އަދި، ގައުމުގެ ތައުލީމީ ދާއިރާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، އެކަންކަމަށް ސަރުކާރުން އަޅަމުންގެންދާ ފިޔަވަޅުތަކުގެ މައްޗަށް ރައީސްގެ ވާހަކަފުޅުގައި އަލިއަޅުއްވާލެެއްވިއެވެ.

ރައީސް ރާއްޖެއިން ބޭރަށް ކުރައްވާ މިފަދަ ދަތުރުފުޅުތަކުގައި ވަޑައިގަންނަވާ ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި ރައްޔިތުންނާ އަދި އެ ގައުމުތަކުގައި ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނާ ބައްދަލުކުރެއްވުމަކީ އެމަނިކުފާނު ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ ކަމެކެވެ. އެ ބައްދަލުވުންތަކުގައި ދިވެހީންނަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތައް އޮޅުންފިލުއްވައި، އެކަމަށް ހައްލުތައް ހޯއްދަވައިދެއްވުމަށް އެމަނިކުފާނު ހާއްސަ އިސްކަމެއް ދެއްވައެވެ.

ރައީސް އިނގިރޭސިވިލާތަށް ކުރައްވާ ޒިޔާރަތަކީ، ލިވަޕޫލާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ވިޒިޓް މޯލްޑިވްސްއާ ގުޅިގެން، ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ކުރިއަށްގެންދާ ކޯ-ބްރޭންޑިން ކެމްޕޭން ފެށުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.