ރާއްޖެއިން އިނގިރޭސި ޕްރިމިއާ ލީގުގެ ލިވަޕޫލާ ގުޅިގެން ކުރިއަށް ގެންދާ ހާއްސަ ފަތުރުވެރިކަމުގެ ކެމްޕޭނު ފެެށުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު އިނގިރޭސިވިލާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން އެންފީލްޑަށް ވަޑައިގެން، ރޭ ކުޅުނު މެޗު ބައްލަވާލައްވައިފިއެވެ.

ރާއްޖޭގެ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ލިވަޕޫލާއެކު ވެފައިވާ ހާއްސަ އެއްބަސްވުމުގެ ސަބަބުން އެ ކްލަބުގެ ރަސްމީ ޓޫރިސްޓް މަންޒިލަކީ ރާއްޖެ ކަމަށް ވަނީ ކަނޑަޅައިފައެވެ. އެ އެއްބަސްވުމާއެކު ރޭ އެވަޓަންއާއި ލިވަޕޫލް ވާދަކުރި މެޗުގެ ތެރެއިން، އެންފީލްޑްގެ އިޝްތިހާރު ބޯޑުތަކުގައި ރާއްޖޭގެ އިޝްތިހާރުވެސް ކުރަން ފަށާފައިވެއެވެ.

ރޭގެ މެޗުގެ ކުރިން ރައީސް ޑރ. މުއިއްޒު ވަނީ ލިވަޕޫލްގެ ޓްރެއިނިން ފެސިލިޓީގެ އިތުރުން އެކަޑެމީތަކުގެ ކަންކަންވެސް ބައްލަވާލައްވާފައެވެ.

އޭގެ އިތުރުން ރޭ މެޗުގެ ކުރިން ރައީސް ވަނީ ލިވަޕޫލަށް އެންމެ ގިނަ ގޯލު ޖަހައިދިން ކުޅުންތެރިޔާ އިޔާން ރަޝްގެ އިތުރުން ކްލަބުގެ އެންމެ ވަރުގަދަ އެއް ލެޖެންޑް، ސާ ކެނީ ޑަލްގްލީޝްއާވެސް ބައްދަލުކުރައްވައިފައެވެ.

ރޭގެ މެޗުގެ ކުރިން ރައީސް އެ ކްލަބުގެ ތާރީހީ ސްޓޭޑިއަމް ބައްލަވާލައްވާފައިވެއެވެ. އަދި ރާއްޖޭގެ ކެމްޕޭނު ލޯންޗު ކުރުމުގެ ކުރިން ދަނޑު ކައިރީގައި ހާއްސަ ފޮޓޯއެއްވެސް ނަންގަވާފައިވެއެވެ.