"ވަން އޮންލައިން"ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެދެމެވެ.

"ވަން އޮންލައިން"ގެ ލޯގޯ ބޭނުންކޮށްގެން ވައިބާ މެދުވެރިކޮށް ގިނަ ބައެއްގެ އަތުން ފައިސާ ހޯދަމުންދާ މައްސަލައެއް ރިޕޯޓުކޮށްފައިވާކަން ފުލުހުންގެ ފަރާތުން މިއަދު އަޅުގަނޑުމެންގެ ސަމާލުކަމަށް ވަނީ ގެނެސްފައެވެ.

"ވަން އޮންލައިން"ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައިގައި ފުލުހުން ހިއްސާކުރި ބައެއް ސްކްރީންޝޮޓްތައް --

ފުލުހުން ވަނީ "ވަން އޮންލައިން"ގެ ލޯގޯ ބޭނުންކޮށްގެން ވައިބާ ނަމްބަރަކުން ހިންގި ބައެއް މުއާމަލާތްތަކުގެ ސްކީންޝޮޓްތައް ވެސް ހިއްސާކޮށްފައެވެ. އެގޮތުން އޭގެން ފެންނަގޮތުގައި ސްކޭމް ހިންގާފައިވަނީ ފަރުނީޗަރުތަކެއް ވިއްކާ ކަމަށްބުނެއެވެ.

ބައެއް ފަރާތްތަކުން އެ ތަކެތި ގަތުމަށް ފައިސާ ފޮނުވާފައިވާކަން ސްކްރީންޝޮޓްތަކުން ފެނެއެވެ. ނަމަވެސް ފައިސާ ފޮނުވާފައިވަނީ، އަމިއްލަ ފަރުދެއްގެ ބީއެމްއެލް އެކައުންޓް ނަމްބަރަކަށެވެ.

"ވަން އޮންލައިން"ގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދަމުންދާ މައްސަލައެއް ހިންގަމުންދާތީ އެކަަމާ ގުޅޭގޮތުން ނެރޭ ނޫސްބަޔާން

"ވަން އޮންލައިން" އަކީ އެެއްވެސް އިރެއްގައި ތަކެއްޗާއި މުދާ ވިއްކުން ފަދަ އެއްވެސް ވިޔަފާރިއެއްގައި ޝާމިލުވާ ފަރާތެއް ނޫނެވެ. މި ނޫހަކީ "ވަން މީޑިއާ ގްރޫޕު"ގެ ދަށުން 2018 ވަނަ އަހަރުން ފެށިގެން ހަބަރާއި މައުލޫމާތު ފޯރުކޮށްދޭ ނޫހެކެވެ.

މި ނޫހުން ފައިސާ ފޮނުވުމަށް އެއްވެސް ބޭފުޅެއްގެ ފަރާތުން ނޭދޭނެކަން މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ފައިސާ ހޯދާ މައްސަލަތައް ގިނަވެފައިވާ ދުވަސްވަރެއްގައި، މިފަދަ ސްކޭމްތަކުން ރައްކާތެރިވެ ތިބުމަށް ހުރިހާ ބޭފުޅުންގެ ފަރާތުން އެދެމެވެ.