(25 މާޗުގެ އަދަދާ ގުޅޭ)
ބާދިޔާތަކުގައި އޮންނަނީ ފޭލިގޭގެ ދިރިއުޅުމެވެ. އެބައިމީހުން ޤާފިލާތަކުގައި ރޭގަނޑު ދަތުރުކުރަނީ ތަރިތަކުން މިސްރާބު ހިފައިގެންނެވެ. އެ މާޙައުލުގައި ބޮޑެތިވާ ކުދީންނަށް އެ ހުރިހައިކަމެއް ދަސްވެއެވެ. ބަދަވީ އަންހެނުންނަކީ ކުދީން ގެންގުޅުމުގެ ތަޖުރިބާކާރުންނެވެ. އެބައިމީހުން ކުދީންނަށް ކިރުދީ ގެންގުޅުމަކަށް ފައިސާއިން އަގެއް ނާތުލައެވެ. އެބައިމީހުންގެ ނަޒަރުގައި އެއީ ހުތުރު ކަމެކެވެ. ކުދީންނަށް ކިރުދީ ގެންގުޅެ ހެދުމުން އެކުދީންނާއި އެކުދީންގެ ކިރުމައިންނާއި އާޔާއިންނާއި އެބައިމީހުންގެ ފިރީންނާއި ދަރީންނާ ތިމާގެކަމުގެ ގުޅުމެއް އުފެދެއެވެ. އެ ގުޅުން ދެފަރާތުގެ މުޅި އުމުރަށް ދެމިއޮވެއެވެ. ލޭގެ ގުޅުމެކޭ އެއްގޮތަށް ކިރުގެ ތިމާގެކަމުގެ ގުޅުމަކީވެސް ޢަރަބީންގެ ތެރޭގައި ވަރަށްބޮޑަށް އަހަންމިއްޔަތުދެވޭ ގުޅުމެކެވެ. ޙުރުމަތްތެރި ގުޅުމެކެވެ. ބަދަވީ އަންހެނުން ކިރުދީ ގެންގުޅޭ ކުދީން އެކުދީންގެ ކިރުމައިންނާއި އާޔާއިންނާ މައިދަރިކަމުގެ ގުޅުން ބާއްވައެވެ. އެބައިމީހުންގެ ބޭނުންތަކާމެދު ޚިޔާލު ބަހައްޓައެވެ. ޙަޔާތުގައި އެކިއެކި ކަންކަމަށް ބޭނުންވާ ތަކެތީގެ ތެރެއިން ސަހަރާތަކާއި ބާދިޔާތަކުން ލިބޭން ނުހުންނަ ތަކެތި އެއުރެންނަށް ހޯދައިދެއެވެ. ސަހަރުގެ ކުއްޖަކު ބަދަވީ އަންހެނެއްގެ ގާތުން ކިރުބޮއިފިނަމަ އެކުއްޖަކު ބޮޑުވުމަށްފަހު ކިރުގެ މަންމައިންނާއި ކިރުގެ ބައްޕައިންނާއި އަޚުން އުޚުތުންނާ ގުޅުން ބާއްވައެވެ.ކައުސާހިބާގެ ކިރުމައިކަނބަލުން
سـعـــد ވަންހައިގެ އަންހެނުންގެ ތެރެއިން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ކިރުފޮދު އެރުއްވީ أبـــو ذويــب ގެ ދަރިކަނބަލުން حــلـيـمــــة السـّعــــديّــــة އެވެ. އެކަމަނާގެ ފިރިކަލުންގެ ނަންފުޅަކީ حـــارث بـــن عــبـــدالـــعــــزّى އެވެ. حـــارث ގެ ކުންޔަތުގެ ނަންފުޅަކީ أبـــو كـبـشــه އެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ރަސޫލުކަމާއިގެން ފޮނުއްވުމަށްފަހު ޤުރައިޝުންގެ ބޮޑުންވަނީ إبـــن أبـــــى كـبـشــه ގެ ނަމުން އިތުރު ސާހިބާއާ މުޚާޠަބުކޮށްފައެވެ. އިތުރު ސާހިބާއަށް މަލާމާތްކޮށް ތައުހީނުކުރުމުގެ ގޮތުންނެވެ. އިތުރު ސާހިބާއަށްވުރެ ކުރީންވެސް حــلـيـمـــة ގެފާނު ވަނީ عــبـــدالمطّــلــب ގެފާނުގެ ކާފަދަރިކަލަކަށް ކިރުފޮދު އަރުއްވައިފައެވެ. أبـــوسفـيــــان بـــن حـــارث بـــن عــبـــدالمطّــلــب އެވެ. ކައުސާހިބާ ކިރުފޮދު ހިއްޕަވާ އުމުރުފުޅަށް އެޅުނުއިރު އެމާތް ސާހިބާގެ ބޮޑުބޭބޭފުޅު حــمــــــزة ހުންނެވީ ކިރުފޮދު ހިއްޕެވުމަށްޓަކައި سـعـــد ވަންހައިގެ މީހުންގެ ތެރޭގައެވެ. އެހެންކަމުން هـــاشــــم ވަންހައިގެ ބޭކަލުންނަކީ سـعـــد ވަންހައިގެ މީހުންނަށް އިތުރު ތަޢާރުފަކަށް ބޭނުންވާ ބޭކަލުންނެއް ނޫނެވެ.
حــلـيـمـــة ގެފާނު ވިދާޅުވެފައިވެއެވެ. "އަހަރެމެން މައްކާއަށް އައިސް އަހަންނަށް އަދި ކިރުދޭނެ ކުއްޖަކު ހޯދާން ނުއުޅެވިހުއްޓައި އަހަންނާއެކުގައި އައި ކޮންމެ އަންހެނަކު ކިރުދޭނެ ކުއްޖަކު ހޯދައިފިއެވެ. މައްކާގެ ރަނގަޅު ރަނގަޅު މާތް މީހުންގެ ދަރީންނެވެ. އެމީހުން އެނބުރި ރަށަށް ދިޔުމާ ބެހޭގޮތުން ވާހަކަދައްކާން ފަށައިފިއެވެ. އެމީހުންނަށްވެސް ســيّـــدة آمـــنـــــة ގެ ޔަތީމު ރަންމުތުގެ ޚަބަރު ލިބުނެވެ. އެކަމަކު އެދަރިކަލުން ބަލައެއް ނުދެއެވެ. ޔަތީމު ބޭފުޅަކު ކަމުގައި ވާތީއެވެ. ލިބޭނެ ހަދިޔާބަދިޔާ މަދުވާނެކަމުގައި ހީކޮށްގެންނެވެ. މިހެންވެފައިވަނިކޮށް އަހަންނާ عــبـــدالمطّــلــب ގެފާނާ ދިމާވެއްޖެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ކަނބުލޭގެއަކީ ކާކުހެއްޔެވެ؟ ކޮން ވަންހައެއްގެ މީހަކީމުހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އަޅުގަނޑަކީ سـعـــد ވަންހައިގެ މީހަކީމެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔައީ ކިރުދޭނެ ކުދީން ހޯދާން އައި މީހުންތާއެވެ. ކަނބުލޭގެ ނަމަކީ ކޮބައިހެއްޔެވެ. އަހުރެން ދެންނެވީމެވެ. أبـــو ذويــب ގެ ދި حــلـيـمـــة އެވެ. عــبـــدالمطّــلــب ގެފާނު ހިނިފުޅުވަޑުވައިލައްވައިފައި ވިދާޅުވިއެވެ. ބާއްޖަވެރިކަމާއި ޙިލްމާ މި ދެސިފައަކީ ކޮންމެ ޒަމާނެއްގައިވެސް ކަމޭހިތެވޭ އަދި މާތްކޮށް ހިތެވޭ ދެސިފައެވެ. އޭ حــلـيـمـــة އެވެ. ކަމަނާ ތިމަންކަލޭގެފާނުގެ ގަނޑުވަރުގައިވާ ތިމަންކަލޭގެފާނުގެ ޔަތީމު ކާފަދަރިކަލަކަށް ކިރުފޮދު އެރުވުމުގެ ބަރަކާތް ލިބިގަތުން ކީއްހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އަޅުގަނޑުގެ ގޭގެ މީހުނާ ވާހަކަދައްކައިލައިފައި އަންނަންދެން ކަލޭގެފާނު އެހެންމީހަކު ނުހޯއްދަވައި ހުންނެވުން އެދެމެވެ. އަހުރެންގެ ފިރިކަލުންނާ ވާހަކަދައްކައިލުމުން އެދަރިކަލުން ނަގަން އޭނާ ވަރަށް އުފަލާއެކު ގަބޫލުވެލައްވައިފިއެވެ. ދެން އަހުރެން އެނބުރި އައިއިރު عــبـــدالمطّــلــب ގެފާނު އަހުރެންގެ އިންތިޒާރުގައި ހުންނެވިއެވެ. އަހުރެން ދެންނެވީމެވެ. އަޅުގަނޑުގެ ގޭގެ އަހުލުވެރީން ގަބޫލެވެ. އަވަހަށް ތިޔަ ދަރިކަލުން ދައްކަވާށެވެ. ދެން އެކަލޭގެފާނު އަހުރެން ގޮވައިގެން آمـــنـــــة ގެފާނުގެ ގަނޑުވަރަށް ވަޑައިގެންފިއެވެ.
އަހުރެން އެ ގަނޑުވަރަށް ދިޔައިރު އެދަރިކަލުން އޮންނެވީ ފެހިފަށުވި ދާންކޮޅެއްގައެވެ. ގައިކޮޅުގައި ލައިފައިއޮތީ ހުދުކެހެރި ފޭރާންކޮޅެކެވެ. އެދަރިކަލުންގެ ރިވެތިކަމާއި ފުރިހަމަކަމަށްޓަކައި ހެއިފުޅުއަރުވާން ނުކެރިފައިހުއްޓައި آمـــنـــــة ގެފާނު ވަޑައިގެންފިއެވެ. އެކަމަނާ ވަޑައިގެން ވާހަކަފުޅުދައްކަވާން ފެއްޓެވިތަނާ އެދަރިކަލުން ލޯފުޅު ހުޅުއްވައިލައްވައިފައި ހިނިވަރުނަކުރައްވައިފިއެވެ. އަހުރެންވީ ލޯބިން އެދަރިކަލުން އުރުވަޑުވައި ދެބުމަފުޅު ދެމެދުގައި ބޮސްދީފީމެވެ. އެދަރިކަލުން ގޮވައިގެން އިށީނދެއްޖައީމެވެ. (އައްސިޔަރަތުއް ނަބަވިއްޔާ - صـــلاح الــدّيـــــن)
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ބާދިޔަތުގައި ހުންނަވައި ބޮޑުފުޅުވަމުން ވަޑައިގެންނެވީ ޞިއްޙަތު ރަނގަޅު އެހެންކުދީން ބޮޑެތިވާވަރަށްވުރެ މާއަވަހަށެވެ. (ސީރަތުގެ ރަންހާރު - عــبـــد اللّــــه جـــلال الــدّيـــن) حــلـيـمـــة ގެފާނުގެ އަރިހުން ރިވާވެފައިވާ ގޮތުގައި ކައުސާހިބާގެ އުމުރުފުޅުން ދެމަސްފުޅު ފުރުމާއެކު ރަނގަޅަށް ފިރުކިވަޑައިގެންފިއެވެ. ތިންމަހުގެ ތެރޭގައި ދެފައިންޕުޅުމައްޗަށް ތެދުވެވަޑައިގެންފިއެވެ. ހަތަރުމަހުގެ ތެރޭގައި ބިތުގައި ހިއްޕަވައިގެން ހިންގަވައެވެ. ފަސްމަހުގެ ތެރޭގައި އެންމެ ރަނގަޅަށް ހިންގަވައިފިއެވެ. އަށްމަސް ފުރުނުތަނާ ވާހަކަފުޅުދައްކަވަން ފައްޓަވައިފިއެވެ. ނުވަމަސް ފުރިހަމަވީއިރު ދޫފުޅު ފަސޭހަކަމާއެކު ކޮންމެ ވާހަކަފުޅެއްވެސް ދައްކަވައެވެ. ދިހަމަސްވީއިރު ކުދީންނާއެކު އަމާޒުފަތްގަނޑަށް ދުނި އުއްކަވަން ވަޑައިގަންނަވައެވެ. (އައްސިޔަރަތުއް ނަބަވިއްޔާ - صـــلاح الــدّيـــــن)
حــلـيـمـــة ގެފާނު އިތުރު ސާހިބާ ގޮވައިގެން ކޮންމެ ހަމަހަކުން އެއްފަހަރު މައްކާއަށް ވަޑައިގަންނަވައެވެ. މިވަޑައިގެންނެވުމުގައި މަންމާފުޅަށާއި ތިމާގެފުޅު އެހެން ބޭފުޅުންނަށް އިތުރު ސާހިބާ ދައްކަވައެވެ. އިތުރު ސާހިބާގެ އުމުރުފުޅުން ދެއަހަރުފުޅު ފުރިހަމަވެ ކިރުފޮދު ހިއްޕެވުން ހުއްޓައިލެއްވުމުން حــلـيـمـــة ގެފާނު އިތުރު ސާހިބާ ގޮވައިގެން މައްކާއަށް ވަޑައިގެންނެވިއެވެ. ســيّـــدة آمـــنـــــة ބޭނުންފުޅުވީ ދަރިކަލުން އެހައިތަނުން އެކަމަނާގެ އަރިހުގައި ބަހައްޓަވާށެވެ. ނަމަވެސް އިތުރު ސާހިބާއާ ވަކިވެވަޑައިގަންނަވާކަށެއް حــلـيـمـــة ގެފާނުގެ ހިތްޕުޅު ފަސޭހަފުޅެއް ނޫނެވެ. އެހެންކަމުން حــلـيـمـــة ގެފާނު ވިދާޅުވިއެވެ. "މި މައްކާގައި ބޭރަށް ހިންގުމުގެ ރޯގާއެއް އުޅޭތީ އަޅުގަނޑު ބިރުގަނެއެވެ. އެހެންކަމުން މިވަގުތު މިދަރިކަލުން މައްކާއަށް ދޫކޮށްލާކަށެއް އަޅުގަނޑުގެ ހިތަކަށެއް ފަސޭހައެއް ނޫނެވެ." ســيّـــدة آمـــنـــــة އެކަމާ އެއްބަސްވެވަޑައިގެންނެވިއެވެ. އެކަމަނާ ރުހިވަޑައިގެންނެވުމުން حــلـيـمـــة ގެފާނު އިތުރު ސާހިބާ ގޮވައިގެން އަނެއްކާވެސް ވަޑައިގެންނެވީ އެކަމަނާގެ ރަށަށެވެ. އިތުރު ސާހިބާ ســعـــد ވަންހައިގެ މީހުންގެ ތެރޭގައި ފަސްއަހަރުފުޅު ފުރޭންދެން ހުންނެވިއެވެ.
حــلـيـمـــة ގެފާނުގެ ބޭފުޅުންގެ ތެރޭގައި جـــذامـــــة އެވެ ކިޔުނު ދަރިކަނބަލަކު ހުންނެވިއެވެ. އެކަމަނާ މަޝްހޫރުވެވަޑައިގެންފައިވަނީ شيـمـــاء ގެ ނަންފުޅުންނެވެ. އިތުރު ސާހިބާ އުނގުފުޅުގައި ވަޑުއްވައިގެން ފަރީއްކޮޅު އަރުއްވަވައި އުޅުއްވީ އެކަމަނާއެވެ. ކުދީން މަސަލަސްކުރަން ކިޔައިދޭކަހަލަ ލަވަތައް ވިދާޅުވެދެއްވަނީވެސް އެކަމަނާއެވެ. شيـمـــاء އިތުރު ސާހިބާ ކޮނޑުފުޅުމައްޗަށް ލައްވައިގެން ލަވައެއް ވިދާޅުވަމުން ދުވެވަޑައިގަންނަވަނިކޮށް އިތުރު ސާހިބާ ކޮންމެވެސްކަމަކާ ނުގަބޫލުފުޅުވެވަޑައިގެން އެކަމަނާގެ ކޮނޑުފުޅުގައި ވަރަށް ބާރަށް ދައިވަޑައިގެންނެވިއެވެ. އޭގެސަބަބުން އެކަމަނާގެ ކޮނޑުފުޅުގައި ވަނީ ލަކުނެއް އުފެދިފައެވެ. އެ ލަކުނު އެކަމަނާގެ މުޅި އުމުރުފުޅަށްވެސް ނުފިލައި ހުއްޓެވެ. އެ ލަކުނު ވެފައިވަނީ އެކަމަނާއަށާއި އެކަމަނާގެ ޢާއިލާއަށާއި ســعـــد ވަންހައިގެ އެންމެންގެ މައްޗަށް ރަޙުމަތެއް ކަމުގައެވެ.
ޙުނައިނު ހަނގުރާމަ ހިނގީ ހިޖުރައިން އަށްވަނަ އަހަރުއެވެ. މައްކާ ފަތަޙަވުމަށްފަހުގައެވެ. އަރަހުށި މާތް اللّــــه އެ ހަނގުރާމައިގައި މުސްލިމުންނަށް ފަތަޙަ ދެއްވިއެވެ. ހައްޔަރުވީ މީހުންގެ ތެރޭގައި ســعـــد ވަންހައިގެ ވަރަށްގިނަ އަންހެނުންނާއި ފިރިހެނުން ހިމެނެއެވެ. (ކުރީންވެސް ދެންނެވި ފަދައިން ســعـــد ވަންހަޔަކީ هــــــوازن ވަންހައިގެ ގޮތްޕެކެވެ.) އަސީރުންގެ ތެރޭގައި شيـمـــاء ވެސް ހިމެނިވަޑައިގެންނެވިއެވެ. އެކަމަނާ ހައްޔަރުވެވަޑައިގެންނެވުމުން އެކަމަނާ މުސްލިމުންގެ ގާތުގައި ވިދާޅުވިއެވެ. އަހަންނަކީ ތިޔަބައިމީހުންގެ ނަބިއްޔާގެ ކިރުފޮދުގެ އުޚުތަކީމެވެ. އިތުރު ސާހިބާގެ އަރިހުގައި އެވާހަކަ ދެންނެވުނުހިނދު ޙަދީޘްކުރެއްވިއެވެ. އެކަމަނާގެ ކޮނޑުފުޅުމަތީގައި ކުޑަކުއްޖަކު ދައިގަތުމުގެ ނިޝާން އެބަހުރިހެއްޔެވެ؟ ނިޝާން ހުރިވާހަކަ ދެންނެވުނުހިނދު އިތުރު ސާހިބާ ހިނިވަރުނަކުރައްވައި އެކަމަނާ އެމާތް ސާހިބާގެ އަރިހަށް ގެންނެވިއެވެ. ވަރަށް އޯގާތެރިކޮށް ކަންތައްކުރައްވައި ކަމޭހިއްތެވުމާއެކު އެކަމަނާ ދޫކޮށްލަން އަމުރުކުރެއްވިއެވެ.
ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، شيـمـــاء އަށް ކަމޭހިއްތަވައި ދޫކޮށްލެއްވިތަން ފެނުމުން ســعـــد ވަންހައިގެ ވަފުދެއް އިތުރު ސާހިބާގެ އަރިހަށް އަތުވެއްޖެއެވެ. އެބައިމީހުން ދެންނެވިއެވެ. "މާތް اللّــــه ގެ ރަސޫލާއެވެ! ހައްޔަރުވެފައި މިތިބަ މީހުންގެ ތެރޭގައި ކަލޭގެފާނު އުރުވަޑުވައި ފަރީއްކޮޅު އަރުވައިހެދި މީހުން ހިމެނެއެވެ. ކަލޭގެފާނުގެ ކިރުމައިކަނބަލުންގެ ނިސްބަތުން ކަލޭގެފާނުގެ ބޮޑުދައިތާފުޅުން އެބަތިއްބެވިއެވެ. އަޅުގަނޑުމެން މިއައީ އެބައިމީހުންނަށް ހެޔޮފުޅުކޮށް ހިއްތެވުން އެދިގެންނެވެ." އިތުރު ސާހިބާ ޙަދީޘްކުރެއްވިއެވެ. "ތިޔަބައިމީހުން މާބޮޑަށް ލަސްކޮށްފީމުއެވެ. އެކަމަކު އަހުރެންނަށް ލިބިފައިވާ މީހުންނާއި عــبـــدالمطّــلــب އަށް ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލައްވައިފީމެވެ. ޞަޙާބީންނަށް އެއަޑުފުޅު އިވިވަޑައިގެންނެވުމުން އެބޭކަލުންވެސް އަސީރުންގެ ގޮތުގައި ލިބިވަޑައިގެންފައިވާ މީހުން ދޫކޮށްލެއްވިއެވެ. އެގޮތުން އެތަކެއްހާސް އަސީރުން ވަނީ ފިދުޔައަކާ ނުލައި މިނިވަންވެފައެވެ. މައްކާގެ ބޮޑުންކުރެ ســعـــد ވަންހައިގެ ތެރޭގައި ތަރުބިޔަތުވި ހުރިހައި އެންމެންގެ ފަރާތުންވެސް އެ ވަންހަޔަށް ނުލިބޭފަދަ ހެވާއި މަންފާވަނީ ســيّـــدة آمـــنـــــة ގެ ޔަތީމު ދަރިކަލުންގެ ފަރާތްޕުޅުން އެ ވަންހަޔަށް ލިބިފައެވެ.
(ނުނިމޭ)
އަބްދުﷲ ފާރޫގް ހަސަން
ދީން
ދީން
ދީން
ދީން
ކޮމެންޓް