ޖަރުމަނު ލީގު ތާވަލުގެ ކުރީގައި ތަށްޓަށް ވާދަކުރަމުންދާ ބަޔާން މިއުނިކާއި ދެވަނައިގައި އޮތް ބަޔާން ލެވަކޫސަންވެސް ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށްފިއެވެ.

މިވަގުތު އެއްވަނައިގައި އޮތް ބަޔާނުން ރޭ އަމިއްލަ ދަނޑުގައި އެފްސީ ސެއިންޓް ޕޯލީއާ ދެކޮޅަށް ކުޅުނު މެޗު ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.

އެ މޮޅާއެކު ބަޔާނަށް ވަނީ އެއްވަނައިގައި ހަ ޕޮއިންޓްގެ ލީޑެއް ލިބިފައެވެ. އެންމެފަހުގެ ޗެމްޕިއަން ބަޔާން ލެވަކޫސަން ދެވަނައިގައި އޮތް އިރު، އެޓީމުން ރޭ ވީއެފްއެލް ބޮޗުމް ކައިރިން މޮޅުވީ 3-1 ގެ ނަތީޖާއަކުންނެވެ.

މިހާތަނަށް ބަޔާނާއި ލެވަކޫސަންއިންވެސް 27 މެޗު ލީގުގައި ކުޅެފައިވާ އިރު، ބަޔާން އެއްވަނައިގައި އޮތީ 65 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ލެވަކޫސަން 59 ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތީ އެންޓްރެޗް ފްރޭންކްފާޓެވެ. އެޓީމަށް 27 މެޗުން ލިބިފައި ވަނީ 48 ޕޮއިންޓެވެ.

ބަޔާން މެޗު ފެށިގެން 17 ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގިއެވެ. މެދުތެރެއިން ޖަމާލް މުސީއާލާ ހޯދި ބޯޅައެއްގައި އަރިމަތިން މައިކަލް އޮލީސޭ ނަގައިދިން ބޯޅަ ގޯލަށް ވައްދާލީ ހެރީ ކޭންއެވެ.

އޭގެ 10 މިނެޓްފަހުން އެލިއަސް ސާދު ޖެހި ގޯލުން ޕޯލީން ނަތީޖާ ހަމަހަމަ ކުރި ނަމަވެސް، ދެވަނަ ހާފުގެ ކުރީކޮޅުގައި ބަޔާން ލީޑު ނެގިއެވެ. އެ ގޯލު ޖެހީ ލެރޮއި ސާނޭއެވެ. ފުރުސަތު ތަނަވަސްކޮށްދިނީ އޮލީސޭއެވެ.

ސާނޭގެ އިތުރު ގޯލަކާއެކު ބަޔާނުން 71 ވަނަ މިނެޓުގައި ތިންވަނަ ގޯލެއްވެސް ޖެހިއެވެ. މެޗު ނިމެން ދަނިކޮށް ޕޯލީގެ ދެވަނަ ގޯލު ޖެހީ ލާސް ރިޒްކާއެވެ.

ލެވަކޫސަންއިން ރޭ އަމިއްލަ ދަނޑުގައި 3-1 އިން މެޗު ކާމިޔާބުކުރި އިރު، ލެވަކޫސަންގެ ގޯލުތައް ޖެހީ އެލޭޒީ ގާސިއާއާއި ވިކްޓާ ބޮނިފޭސް އަދި އަމީނޭ އާދިލެވެ.

މެޗުގައި ބޮޗުމްގެ ހަމައެކަނި ގޯލު ޖެހީ ފެލިކްސް ޕަސްލަކެވެ.