އާ ފޯމެޓަކަށް ބާއްވަން ތާވަލުކޮށްފައިވާ ފީފާ ކްލަބު ވޯލްޑް ކަޕް ކާމިޔާބުކޮށް، ބޮޑު ފައިސާގެ އިނާމެއް ކްލަބަށް ލިބުނު ނަމަވެސް، ކުޅުންތެރިންނަށް ބޯނަސް ހައްގު ނޫން ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ޖުމުލަ 32 ޓީމާއެކު އާ ފޯމެޓްގެ ކްލަބު ވޯލްޑް ކަޕް އޮންނާނީ އަންނަ ހޫނު މޫސުމުގައެވެ. އެއީ ފުޓުބޯޅަ ސީޒަން ބްރޭކްގައެވެ. އެމެރިކާގައި އޮންނަ މުބާރާތަށް ސިޓީ ކޮލިފައިވެފައިވަނީ 2023 ވަނަ އަހަރުގެ ޗެމްޕިއަން ޓީމުގެ ގޮތުގައެވެ. އޭގެ އިތުރުން ދެން ކްލަބު ވޯލްޑް ކަޕްގައި ވާދަކުރާނީ 2021 ވަނަ އަހަރު ޔޫރަޕްގެ ޗެމްޕިއަން ޗެލްސީއެވެ.
ކްލަބު ވޯލްޑް ކަޕަށް ފީފާއިން ބިލިއަން ޕައުންޑްގެ ޕްރައިޒް ޕޫލެއް ކަނޑައަޅާފައިވާ އިރު، ޗެމްޕިއަންކަން ހޯދާ ޓީމަކަށް ގާތްގަނޑަކަށް 97 މިލިއަން ޕައުންޑްގެ ފައިސާ ލިބޭނެއެވެ.
ސިޓީއަށް މި ސީޒަން ދަށްކޮށް ގޮސްފައިވާ އިރު، ގާޑިއޯލާ ބުނީ ކްލަބު ވޯލްޑް ކަޕްގެ ތަށްޓާއެކު ސީޒަން ނިންމާލި ނަމަވެސް، ސިޓީ ކުޅުންތެރިންނަށް ބޯނަސް ހައްގު ނޫން ކަމަށެވެ.
"އަހަރެމެންނަށް މި ސީޒަނުގެ ބޯނަސް ހައްގެއް ނޫން. އެ ލިބޭ ފައިސާއަކީ ކްލަބުގެ ފައިސާ. އަހަރެމެންނަށް މި ސީޒަނުގައި ގަޑިއެއްގެ ހިސާބުވެސް ބޯނަހުގެ ގޮތުގައި ހައްގެއް ނޫން. ކޯޗާއި އަހަރެންގެ ހުރިހާ ސްޓާފުން އަދި ކުޅުންތެރިންނަށްވެސް ބޯނަސް ހައްގެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ސިޓީން މިދިޔަ ހަތަރު އަހަރު ލީގު ތަށި ނެގި ނަމަވެސް، މި ސީޒަނުގެ މިހާތަނަށް އެޓީމު އޮތީ ފަސްވަނައިގައެވެ. އަދި 2013 ވަނަ އަހަރަށްފަހު ފުރަތަމަ ފަހަރަށް، ސިޓީން ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 އިންވެސް ކަޓައިފައެވެ.
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ
މެންޗެސްޓާ ސިޓީ