ބިންހެލުމުގެ ސަބަބުން މިޔަންމާއިން މަރުވި މީހުންގެ އަދަދު 144 އަށް އަރައިފިއެވެ.

ރެކްޓާ މިންގަޑުން 7.7 މެގްނިޓިއުޑްގައި މިޔަންމާއަށް އިއްޔެ އައި ބާރުގަދަ ބިންހެލުމުގެ ސަބަބުން އެގައުމަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.

މިޔަންމާގެ މިލިޓަރީ ސަރުކާރުން ވަނީ ބިންހެލުމުގެ ސަބަބުން މިހާތަނަށް 144 މީހުން މަރުވެފައިވާ ކަމަށާއި 700 އަށްވުރެން ގިނަ މީހުންނަށް އެކިވަރުގެ އަނިޔާވެގެން ފަރުވާ ދެމުން އަންނަ ކަމަށް ބުނެފައެވެ.

ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ރެސްކިއު ޓީމުތަކުން ކުރަމުން އަންނަ އިރު، މަރުވި މީހުންގެ އަދަދު ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވޭ ކަމަށް އޮފިޝަލުން ބުނެފައިވެއެވެ.

ބިންހެލުމުގެ ސަބަބުން މިޔަންމާއަށް ލިބިފައިވާ ބޮޑު ގެއްލުމުން އަރައިގަތުމަށް އެގައުމުގެ މިލިޓަރީ ސަރުކާރުން ވަނީ ބޭރުގެ އެހީއަށް އެދިފައެވެ. އިންޓަނޭޝަނަލް ކުރިމިނަލް ކޯޓުން ހައްޔަރު ކުރުމުގެ އަމުރެއް މީގެ ކުރިން ނެރެފައިވާ މިޔަންމާގެ ވެރިކަންކުރާ މިލިޓަރީ ސަރުކާރުގެ ލީޑަރު މިން އައުން ވަނީ އެކި ގައުމުތަކަށް ގުޅައި އެހީއަށް އެދިފައި ކަމަށް ރިޕޯޓުތައް ބުނެއެވެ.

މިޔަންމާއަށް އެހީވުމަށް ފެހި ސިގުނަލް ދީފައިވާ ގައުމުތަކުގެ ތެރޭގައި އިންޑިއާ އާއި އެމެރިކާ ހިމެނެއެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މިޔަންމާއަށް އެހީވުމަށް އެގައުމު ތައްޔާރަށް އޮތް ކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވެސް ވަނީ މިޔަންމާއަށް އެހީ ވާނެ ކަމަށް ވިދާޅުވެފައެވެ. އަދި މިޔަންމާގެ ހާލަތު ގާތުން ބަލަމުން އަންނަ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.