ޖެނޮސައިޑް ހުއްޓުވުމާ ބެހޭ ބައިނަލްއަގުވާމީ މުއާހަދާ (ގެމްބިއާ އިން މިޔަންމާއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލަ) ގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން މިއަދު އިއްވި ހުކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މި ހުކުމަކީ ޖެނޮސައިޑް ކޮންވެންޝަން ނެގެހެއްޓުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރެވޭ މަސައްކަތަށް ލިބުނު މުހިންމު ކުރިއެރުމެއް ކަމަށެވެ. ބައިނަލްއަގުވާމީ ގާނޫނީ ޒިންމާތައް ދެމެހެއްޓުމާއި ސުލްހަވެރި އަދި ޝަރުއީ ގޮތްތައް މެދުވެރިކޮށް ޖަވާބުދާރީކުރުވުން ކުރިއެރުވުމުގައި އައިސީޖޭގެ ދައުރުގެ މުހިންމު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މައްސަލައިގެ ޝަރީއަތުގައި ބައިވެރިވި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ. ރައީސް ވިދާޅުވީ ޖެނޮސައިޑް ހުއްޓުވައި އެފަދަ ޖަރީމާތަކާ ދެކޮޅަށް މަސައްކަތްކުރުމަށް ރާއްޖެ ދެގޮތެއް ނުވެ ސާބިތުކަމާއެކު ދެމިއޮންނާނެ ކަމަށެވެ.

އެ ޕޯސްޓުގައި ރައީސް އިތުރަށް ފާހަގަކުރެއްވި ގޮތުގައި މިފަދަ ބޮޑެތި ޖަރީމާތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ގާނޫނީ ޒިންމާތަކަށް އިހުތިރާމުކުރުމުގެ އިތުރުން، ބައިނަލްއަގުވާމީ މުޖުތަމައު އެކުގައި ގުޅިގެން ޖަވާބުދާރީކުރުވައި އަނިޔާ ލިބުނު ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގެ އަޒުމު ބޭނުންވެއެވެ.

ހުރިހާ ގައުމުތަކުންވެސް ބައިނަލްއަގުވާމީ އެއްބާރުލުން ވަރުގަދަކޮށް، ޖެނޮސައިޑް ހުއްޓުވުމާއި ޖަވާބުދާރީކުރުވުމާއި އިންސާފު ގާއިމުކުރުމާއި އިންސާނީ ކަރާމާތް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށް ރައީސް ގޮވާލެއްވިއެވެ.

އައިސީޖޭއިން މިއަދު ހުކުމްކޮށްފައިވަނީ، މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގާފައިވަނީ ޖެނޮސައިޑްގެ އަމަލެކެވެ.