ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާއެކު ގިނަ ބަޔަކު މަރުވެ، ގިނަ ބަޔަކު ޒަހަމްވުމާ ގުޅިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ.
މިޔަންމާއަށް މިއަދު އައި 7.7 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމުގެ ސަބަބުން މިޔަންމާގެ އިތުރުން އެ ގައުމާ އިންވެގެން އޮންނަ ތައިލެންޑާއި ޗައިނާއަށް ވެސް ބިންހެލުމުގެ އަސަރުކޮށް ގެއްލުންތަކެއް ވަނީ ވެފައެވެ.
ބިންހެލުމުގެ ސަބަބުން ތައިލެންޑާއި މިޔަންމާގައި ކުއްލި ހާލަތު އިއުލާންކޮށްފައިވާ އިރު، އެ ބިންހެލުމުގައި ލިބުނު ގެއްލުންތަކާ ގުޅިގެން މިހާތަނަށް 150 އަށްވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ރައީސް އޮފީހުން މިއަދު ބުނީ ދެކުނު އިރުމަތީ އޭޝިއާ ބައްރަށް އައި ބާރުގަދަ ބިންހެލުމުގައި، ތައިލެންޑާއި އަދި އެ ސަރަހައްދުގެ އެތައް ބައެއްގެ ފުރާނަ ގެއްލި، ގިނަ އަދަދެއްގެ މީހުން ޒަހަމުވެފައިވާތީ، ތައިލެންޑްގެ ބޮޑުވަޒީރު ޕެޓޮންގޓާން ސިނޮވަޓްރަ އަށް، ރައީސް ތައުޒިޔާގެ މެސެޖެއް ފޮނުއްވާފައިވާ ކަމަށެވެ.
އެ ކާރިސާގައި މަރުވި މީހުންގެ އާއިލާތަކާއި ގެއްލުން ލިބުނު މީހުންނަށް އިހުލާސްތެރިކަމާއެކު ރައީސް ހަމްދަރުދީ ފޮނުއްވާފައިވާ ކަމަށާއި އަދި ގެއްލިފައިވާ މީހުން ހެޔޮ ހާލުގައި ތިއްބައި ފެނުމަށާއި، ޒަހަމުވެފައިވާ މީހުންނަށް އަވަސް ޝިފާއެއް ދެއްވުން އެދިވަޑައިގަންނަވާ ކަމަށް އެ މަނިކުފާނުގެ މެސެޖުގައި ވިދާޅުވެފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން އިތުރަށް ބުނީ ކާރިސާގެ މި ދަނޑިވަޅުގައި ދިވެހި ރައްޔިތުން ތިބީ ތައިލެންޑްގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވަނީ، މީހުން ސަލާމަތްކުރުމުގެ މަސައްކަތާއި، ގެއްލުން ލިބުނު ސަރަހައްދު އަލުން އާރާސްތުކުރުމުގެ މަސައްކަތް އޮމާންކަމާއެކު ކުރިއަށްދާނޭ ކަމަށް އުއްމީދުކުރައްވާކަމުގައި ވިދާޅުވެފައި ކަމަށެވެ.
އެ ކާރިސާއާ ގުޅިގެން ފޮރިން މިނިސްޓްރީން މިއަދު ބުނީ މިހާތަނަށް ބެލިބެލުމުން ތައިލެންޑުގައި ދިރިއުޅޭ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މިޔަންމާގައި އެއްވެސް ދިވެހި ރައްޔިތަކު މިވަގުތު ހުރިތޯ ބެލުމަށް ޑިޕްލޮމެޓިކް ޗެނަލްތައް މެދުވެރިކޮށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ.
"މިއަދު، ތައިލެންޑާއި މިޔަންމާއަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން، މި މިނިސްޓްރީން މި ގެންދަނީ އެ ދެ ގައުމުގެ ހާލަތު މޮނިޓާ ކުރަމުންނެވެ. މިގޮތުން، ތައިލެންޑްގައި ދިރިއުޅޭ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މެދުވެރިކޮށް މި މިނިސްޓްރީން މިދަނީ މަސައްކަތް ކުރަމުންނެވެ..،" މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ކާރިސާއާ ގުޅިގެން ތައިލެންޑާއި މިޔަންމާއިން ކުއްލި ހާލަތު އިއުލާނުކޮށްފައިވުމުން، އެ ދެ ގައުމުގެ ކަމާބެހޭ އިދާރާތަކުން އެކަމާ ގުޅިގެން އަންގާ އެންގުންތަކަށް ސަމާލުވެ، އެއާ އެއްގޮތަށް އަމަލުކުރުމަށް، އެ ދެ ގައުމުގައި ތިބި ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރާ ކަމަށެވެ.
އެ ކާރިސާއާ ގުޅިގެން، ތައިލެންޑުގައި ތިބި ދިވެހި ރައްޔިތުންގެ ތެރެއިން އެއްވެސް މީހަކު އެހީތެރިކަމެއް ބޭނުންވާ ނަމަ، ނުވަތަ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ނަމަ، ތައިލެންޑުގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރަށް ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދަންނަވާ ކަމަށެވެ. އޭގެ އިތުރުން މިޔަންމާގައި މިވަގުތު އެއްވެސް ދިވެހި ރައްޔިތެއްވާ ނަމަ، އަދި އެ މީހަކަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ، އެމްބަސީ ނުވަތަ މިނިސްޓްރީގެ ހޮޓްލައިން ނަންބަރަށް ގުޅުމަށް ދަންނަވާ ކަމަށް މިނިސްޓްރީން ބުންޏެވެ.
- އެމްބަސީ ހޮޓްލައިން ނަންބަރު: 611766502 66+
- މިނިސްޓްރީ ހޮޓްލައިން ނަންބަރު: 9607983400+
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު