ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި އިތުރު މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ އިއްޔެ އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ނ. ވެލިދޫ، ގަސްކަރަ، މުހައްމަދު އައިހަމް (23އ) ކަމަށެވެ.
އެނގިފައިވާ ގޮތުގައި މުހައްމަދު އައިހަމްއަކީ އެމްއެންޑީއެފްގައި މަސައްކަތް ކުރާ މީހެކެވެ.
"2025 މާޗު 21 ވަނަ ދުވަހު 15:55 އެހާކަންހާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ޑިއުޓީ ފްރީ އިން ގަވާއިދާހިލާފަށް ސިނގިރޭޓް ބޭރުކޮށްފައިވާ މައްސަލައިގެ ތުހުމަތުގައި ގަސްކަރަ/ ނ. ވެލިދޫ، މުހައްމަދު އައިހަމް (23އ) ކޯޓު އަމުރެއްގެ ދަށުން 2025 މާޗު 26 ވަނަ ދުވަހު ވަނީ ހައްޔަރުކޮށްފަ،" ފުލުހުން ބުންޏެވެ.
މުހައްމަދު އައިހަމްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 10 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެއާޕޯޓުން ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި އެހެން މައްސަލައަކާ ގުޅިގެން ފުލުހުން ވަނީ ދެ މީހަކު މިދިޔަ އަންގާރަ ދުވަހު ހައްޔަރުކޮށްފައެވެ.
ފުލުހުން އެފަހަރު ބުނެފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 6:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ދެ މީހުންނަކީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، (45އ) އަދި ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު (38އ) ކަމަށެވެ.
އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލައިފައެވެ.
އޭގެ ތެރެއިން ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ. އެ ފުލުސް މީހާ މުސާރަ ނުލިބޭ ގޮތަށް މިހާރު ވަނީ ސަސްޕެންޑުކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު