ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ހައްޔަރުކުރި ފުލުސް މީހާ ސަސްޕެންޑް ކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ އިއްޔެ ހެނދުނު 6:20 ހާއިރު ވީއައިއޭގެ ޑިޕާޗާ ޓާމިނަލުން ހުއްދަ ނެތި ގިނަ އަދަދެއްގެ ސިނގިރޭޓް ކާޓަންތަކެއް ބޭރުކުރި މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކޮށްފައިވަނީ މ. ސިލްވަނެސްޓް، އަހުމަދު އަފްޒަލް، 45އ. އަދި ދަފްތަރު ނަމްބަރު ރސ. 14358، ޔޫސުފް ނަޒީރު، 38އ. އެވެ. އޭގެ ތެރެއިން ނަޒީރަކީ އެއާޕޯޓުގައި ޑިއުޓީ ކުރާ ފުލުހެކެވެ.

އެ ދެ މީހުންގެ ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ހާޒިރު ކުރުމުން ވަނީ ޝަރުތުތަކަކާ އެކު ދޫކޮށްލައިފައެވެ.

ފުލުހުން މިރޭ ބުނީ އެ މައްސަލައިގައި ހައްޔަރު ކުރި ފުލުސް މީހާ މުސާރަ ނުލިބޭ ގޮތަށް މިއަދުން ފެށިގެން ސަސްޕެންޑް ކޮށްފައިވާ ކަމަށެވެ.