ފަލަސްތީނުގެ ރައްޔިތުން، ގާޒާއިން ބޭރު ކުރުމުގެ ގޮތުން އިޒްރޭލުން އަޅަމުންދާ ފިޔަވަޅުތައް ރާއްޖެއިން ކުށްވެރިކޮށްފިއެވެ.
އިޒްރޭލުން ވަނީ ގާޒާގެ ރައްޔިތުން "ވޮލަންޓަރީކޮށް ފުރުން" ބޭނުންވާނަމަ އެކަން ބަލަހައްޓާނެ އެޖެންސީއެއް ގާޒާގައި ގާއިމުކުރުމަށް އިއުލާންކޮށްފައެވެ.
ފޮރިން މިނިސްޓްރީން ރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ގާޒާގައި އެޖެންސީއެއް ގާއިމުކުރުމަށް އިޒްރޭލު ސަރުކާރުން ކޮށްފައިވާ އިއުލާނާއި ގާޒާގެ ހުޅަނގު އައްސޭރީގައިވާ 13 ޣައިރު ގާނޫނީ އާބާދީ ހިމެނޭ ސަރަހައްދު ވަކިކޮށް، އެ އާބާދީތަކަށް ގާނޫނީ ހައިސިއްޔަތު ދިނުމަށް ތައްޔާރުވުމުގެ ގޮތުން އިޒްރޭލުން ރާވާފައިވާ ރޭވުންތައް ރާއްޖެއިން ކުށްވެރިކުރާ ކަމަށެވެ.
ފަލަސްތީނުގެ ރައްޔިތުން، އެ މީހުންގެ ބިމުން ބޭރުކުރުމަށް ހިންގާ އެފަދަ އަމަލުތަކަކީ ބައިނަލްއަގުވާމީ ގާނޫނާއި އދ.ގެ ގަރާރުތައް، ހާއްސަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ގަރާރާ ވެސް ހިލާފު އަމަލެއް ކަމަށް ދެކޭ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އިޒްރޭލުގެ އެފަދަ އަމަލުތަކުގެ ސަބަބުން ފަލަސްތީނުގައި ސުލްހަ ގާއިމުކުރުމަށް ހުރަސް އެޅި، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކާއި ކަރާމާތަށް ނުރައްކާވަމުންދާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
މި ހަނގުރާމައަށް އޮތް ހަމައެކަނި ދެމެހެއްޓެނިވި ހައްލަކީ 1967 ވަނަ އަހަރުގެ ކުރީން، ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައެޅުން ކަމަށާއި މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ގާއިމުކުރެވުމުންކަމުގައި މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވެފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު