(17 މާޗުގެ އަދަދާ ގުޅޭ)
ســيّـــدة آمـــنـــــة ވިދާޅުވާގޮތުގައި އެކަމަނާގެ ދަރިކަލުންގެ ނަންފުޅެއްކަމުގައި ހުވަފެންފުޅުގައި ބިޝާރަތު ލިބިވަޑައިގެންފައިވަނީ أحمـــد އެވެ. އެ ބިޝާރަތު ލިބިވަޑައިގެންނެވީ هـــاجـــــــر އަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ إسمـــــاعـــيــــل ކަމުގައި އިލްހާމްކުރެއްވި ފަރާތްޕުޅުންނެވެ. مــــــريـــــــم ގެފާނަށް އެކަމަނާގެ ދަރިކަލުންގެ ނަންފުޅަކީ عيسـى ކަމުގައި ބިޝާރަތު ލިބިވަޑައިގެންނެވި މަސްދަރުންނެވެ. محــمّــــد އާއި أحمـــد އަކީ މާނައިގެގޮތުން ވަރަށް ކައިރި ދެނަމެވެ. ދާދި އެއްމާނައެއްގެ ދެނަމެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީޘްކުރައްވައިފައިވެއެވެ. "އުޑުގައި އަހުރެންގެ ނަމަކީ أحمـــد އެވެ. ބިމުގައި محــمّــــد އެވެ."
ســيّـــدة آمـــنـــــة އެކަމަނާގެ ދަރިކަލުންނަށް ކިރުފޮދު އެރުއްވީ ހަތްދުވަހުއެވެ. މައްކާގެ އަޝްރާފުންގެ އާދަޔަކީ ކުދީންގެ އުމުރުން ހަތްދުވަސްވުމުން އެކުދީން ކިރުމައިންނާ ހަވާލުކުރުމެވެ. ކައުސާހިބާގެ އުމުރުފުޅުން ހަތްދުވަސްފުޅުވުމުން އިތުރު ސާހިބާ ހަވާލުކުރެވުނީ ކިރުމައިކަނބަލަކާއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް ދެވަނަޔަށް ކިރުފޮދު އެރުއްވި ބޭކަނބަލަކީ ثــــويــبـــــة الأسـلـمـيّــــة އެވެ. ثــــويــبـــــة ހަފުތާތަކެއްވަންދެން އިތުރު ސާހިބާއަށް ކިރުފޮދު އެރުއްވިއެވެ. އާޔާއެއްގެ ހައިސިއްޔަތުން އެދަރިކަލުން ބެލެހެއްޓެވީ އެކަމަނާއެވެ. ثــــويــبـــــة ވަނީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ބޮޑުބޭބޭފުޅު حــمــــــزة رضـــــى اللّــــه عــنــــه އަށްވެސް ކިރުފޮދު އަރުއްވައިފައެވެ. އިތުރު ސާހިބާގެ ބޮޑުދައިތާފުޅު أمـيـمــة ގެ ދަރިކަލުން عــبـــد اللّــــه بـــن جـحــش رضـــــى اللّــــه عــنــــه އަށާއި އިތުރު ސާހިބާގެ ބޮޑުދައިތާފުޅު بـــــرّة ގެ ދަރިކަލުން عــبـــد اللّــــه بـــن عــبـــدالأســــــد رضـــــى اللّــــه عــنــــه އަށްވެސް ކިރުފޮދު އަރުއްވައިފައެވެ.
ثــــويــبـــــة އަކީ އިތުރު ސާހިބާގެ ބޮޑުބޭބޭފުޅެއްކަމުގައިވާ أبــــو لــهــب ގެ އަޅެކެވެ. ބަޔެއް ރިވާޔަތްތަކުގައިވާގޮތުން أبــــو لــهــب ވަނީ އެކަމަނާ މިނިވަންކޮށްފައެވެ. آمـــنـــــة ގެފާނު އިތުރު ސާހިބާ ރައްކައުވިރޭ އެ އުފާވެރިކަމުގެ ޚަބަރާއިގެން أبــــو لــهــب ގެ ގާތަށް ދިޔުމުންނެވެ. ނަމަވެސް އަނެއްބައި ރިވާޔަތްތަކުގައިވާގޮތުން أبــــو لــهــب އެކަމަނާ މިނިވަނެއް ނުކުރެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، أمّ المــؤمــنـــيـــن السّــيّــدة خــــديجــــــة رضــــــى اللّــــه عـــنـــهــــا އާ ކާވެނިބައްލަވައިގެންނެވުމުން خــــديجــــــة ގެފާނު ثــــويــبـــــة މުކާތިބު އަޅަކަށް ހަދައިދިނުން އެދިވަޑައިގެން أبــــو لــهــب ގެ ކިބައިން އެކަން އެދިވަޑައިގެންނެވިއެވެ. أبــــو لــهــب ބުނި ކޮންމެ އަގެއް ދެއްވާގޮތަށެވެ. އެކަމަކު أبــــو لــهــب އެކަން ގަބޫލެއް ނުކުރިއެވެ.
ކޮންމެއަކަސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެކަމަނާ ދުނިޔޭގައި އިންނެވިހައި ދުވަހު އެކަމަނާއަށް ކަމޭހިއްތެވިއެވެ. ޚިދުމަތްކުރެއްވިއެވެ. އިތުރު ސާހިބާ މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމަށްފަހު މަދީނާއިންވެސް އެކަމަނާއަށް ފައިސާއާއި ހެދުންކޮޅާއި އެހެނިހެން ތަކެތި ހަދިޔާއަށް ފޮނުއްވަމުން ގެންދެވިއެވެ. ثــــويــبـــــة އަވަހާރަވީ ހިޖުރައިން ހަތްވަނަ އަހަރުއެވެ. އިތުރު ސާހިބާ އެކަމަނާ އަވަހާރަވުމުން އެކަމަނާގެ ދަރިކަލުން مســــروق ކޮބައިތޯވެސް ބެއްލެވިއެވެ. އޭނާއަށް އެހީފުޅުވެވަޑައިގެންނެވުމަށްޓަކައެވެ. އެކަމަކު އޭރު مســــروق ވެސް ވަނީ އަވަހާރަވެފައެވެ. ثــــويــبـــــة އިސްލާމްވެވަޑައިގެންނެވިކަމާމެދުވެސް މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ކޮންމެއަކަސް ޖުމްހޫރުންގެ އަރިހުގައި ރާޖިޙު ބަހަކީ އެކަމަނާ އިސްލާމްވެވަޑައިގެންނެވި ކަމުގައި ބުނެވޭ ބަހެވެ.
އެދުވަސްވަރު މައްކާއަކީ ވިޔަފާރީގެ ރަށެކެވެ. އަޙާބީޝުންގެ އަވަށެއްވެސް މައްކާގައި އޮތެވެ. އަނެއްކާ އަޅުންގެވެސް ގިނަބަޔަކު މައްކާގައި ދިރިއުޅެމުން ގެންދެއެވެ. އެހެނިހެން ރަށްރަށުންވެސް ގިނައަދަދެއްގެ މީހުން މައްކާއަށް ވިޔަފާރިކަމު އައިސްގޮސް އުޅެއެވެ. ޢަރަބިބަސް ފިޔަވައި އެހެނިހެން ބަސްބަސްވެސް ބޭނުންކުރެވެއެވެ. އެހެންކަމުން އެޒަމާނުގެ ނިސްބަތުން މައްކާއަކީ މެޓްރޮޕޮލިޓެން ސިޓީއެކޭ ދަންނަވާނެ ޖާގަ އެބައޮތެވެ. ނަތީޖާއެއްގެ ގޮތުން މައްކާގައި ބޭނުންކުރާ ޢަރަބިބަހާ އެހެނިހެން ބަސްބަހާ ވަނީ ކޮންމެވެސްވަރަކަށް މަސްހުނިވާން ފަށައިފައެވެ. އަނެއްކޮޅުން ޢަރައްބެއްގެ އެންމެބޮޑު ޝަރަފަކީ އޭނާގެ ބަހަކީ ޚާލިޞް ޢަރަބިބަސް ކަމުގައިވުމެވެ. ޢަރަބީންނަކީ އެބައިމީހުންގެ ބަސްވާރުކަމާމެދު ފަޚުރުވެރިވާ ބަޔެކެވެ. އެމީހުން ޢަރަބީން ފިޔަވައި އެހެން ކޮންމެ މީހަކާމެދު ބުނަނީ ޢަޖަމީއެއް ކަމުގައެވެ. އާދެ، މަންމަނެއް ކަމުގައެވެ. އެހެންކަމުން ޤުރައިޝުންގެ އެންމެންވެސް އެންމެބޮޑަށް ސަމާލުކަންދޭ އެއްކަމަކީ، ތިމާގެ ދަރިފުޅަކީ ޚާލިޞް ޢަރަބިބަހުން ވާހަކަދައްކާ ބަސްތައް ފޮނި ބަސްވާރަކަށް ހެދުމެވެ. ޤުރައިޝުން އެކަމަށް ވަރަށްބޮޑަށް ގަދައަޅައި މަސައްކަތް ކުރެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވުމާ ވިދިގެން އެމާތް ސާހިބާގެ ކާފާފުޅު އެކަލޭގެފާނު އުރުވަޑުއްވައިގެން ގެފުޅުގެ ތެރޭގައި ހުންނަވައި ކުރެއްވި ދުޢާފުޅުގައިވެސް ވަނީ އެމާތް ސާހިބާއަކީ ކުޅަދާނަފުޅު ބަސްވާރެއް ކަމުގައްޔާއި ދޫފުޅުފަސޭހަ ބަސްމޮށުންތެރިޔަކު ކަމުގައި ލެއްވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. އެކަމުންވެސް އެނގެނީ އެޒަމާނުގެ ޢަރަބީންގެ ތެރޭގައި ބަހަށް ކުޅަދާނަވުމަކީ ކިހައި މުހިންމު ކަމެއްކަމެވެ.
އެދުވަސްވަރު މައްކާއަކު ސްކޫލެއް ނުހުރެއެވެ. އެއްވެސް ބާވަތެއްގެ ފަންނެއް އުނގަންނައިދޭ މަރުކަޒެއްވެސް ނުހުރެއެވެ. އެހެންކަމުން މައްކާގެ އަމީރުން އެބައިމީހުންގެ ދަރީން ބޮޑުކުރުވަނީ ބާދިޔަތުގައެވެ. ބަދަވީ ޤަބީލާތަކުގެ ތެރޭގައެވެ. އެކުދީންގެ ބަހަކީ މަސްހުނިވުމެއްނެތް ޚާލިޞް ޢަރަބިބަސް ކަމުގައި ހެދުމަށްޓަކައެވެ. ޖަމަލަށް ސަވާރުވުމާއި އަސްދުއްވުމާއި ހުސިޔާރުކަމާއި ކެރުމާއި މިނޫންވެސް ޢަރަބިވަންތަ ސިފަތައް އަށަގެންނެވުމަށްޓަކައެވެ.
ކިރުދޭނެކުދީން ހޯދާން ބަދަވީ އަންހެނުން މައްކާއަށް އާދެއެވެ. އެބައިމީހުން ޤުރައިޝްވަންހައިން ކިރުދޭނެ ކުދީން ހޯދައިގެން ގެންދަނީ ބާދިޔަތަށެވެ. އެކުދީންގެ އުމުރުން ގާތްގަނޑަކަށް ހައަހަރު ހަތްއަހަރު ވަންދެން އެކުދީން ބާދިޔަތުގައި ގެންގުޅެއެވެ. އެބައިމީހުންގެ ދަރީންނާއެކު ބާދިޔަތުގެ މާޙައުލުގައި ބޮޑުކުރެއެވެ. ދޭތެރެދޭތެރެއިން މައްކާއަށް އެކުދީންގެ މައިންބަފައިންގެ ގާތަށް ގެނެއެވެ. އެބައިމީހުންގެ އަތުން އިނާމާއި ހަދިޔާ ހޯދައިގެން އަނެއްކާވެސް އެކުދީން ގޮވައިގެން ދަނީ ބާދިޔަތަށެވެ. އާދެ، ސަހަރާތަކުގައްޔާއި ޖަންގަލިތަކުގައި ދިރިއުޅޭ ބަދަވީންގެ ފޭލިގެތަކުގެ އަވަށްއަވަށަކީ މައްކާގެ އަޝްރާފުންގެ ކުދީންގެ ނާސަރީއެވެ. އެކުދީންގެ ފަށާތަޢުލީމުގެ މަދަރުސާއެވެ. ކުރީންވެސް ދެންނެވި ފަދައިން އެކުދީން އެމާޙައުލުން ޢަރަބިބަސް އުނގެނެއެވެ. ސަހަރާވީ ދިރިއުޅުމުގެ އަދަބު އަޚުލާޤު ލިބިގަނެއެވެ. ބަދަވީ ޤަބީލާތަކުގެ ތެރެއިން ބަޔެއް ޤަބީލާތަކަކީ ކުދީން ތަރުބިޔަތުކުރަން ޚާއްޞަގޮތެއްގައި މަޝްހޫރުވެފައިވާ ޤަބީލާތަކެވެ. އެފަދަ މަޝްހޫރު އެއް ޤަބީލާއަކީ މައްކާގެ އިރުދެކުނުގައި ދިރިއުޅުނު سـعــد بــــن بــكــــــر ވަންހައެވެ. އެ ވަންހަޔަކީ ހަވާޒިނުވަންހައިގެ ގޮތްޕެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ކިރުފޮދު ހިއްޕަވަން އުޅުއްވީ އެ ވަންހައިގެ ތެރޭގައެވެ. އިތުރު ސާހިބާ އެއްފަހަރަކު ޙަދީޘްކުރެއްވިއެވެ. "އަހުރެންނަކީ ތިޔަބައިމީހުންކުރެ އެންމެބޮޑަށް ޢަރަބިބަސް ދަންނަ މީހާއެވެ. އެހެނީ އަހަންނަކީ ޤުރައިޝަކީމެވެ. އަހުރެން ކިރުބުއިމުގެ އުމުރު ހޭދަކުރީ سـعــد بــــن بــكــــــر ވަންހައިގެ މީހުންގެ ތެރޭގައެވެ."
މިދެންނެވި ގޮތުގެމަތީން ޤުރައިޝުންގެ އަރާތިބި ބޮޑުންގެ ކުދީން ތަރުބިޔަތުވަމުން އައީ سـعــد بــــن بــكــــــر ވަންހައިގެ މީހުންގެ ތެރޭގައެވެ. ޤުރައިޝްވަންހައިގެ ބޮޑުން އެބައިމީހުންގެ ދަރީން ބަދަވީންގެ ނާސަރީއަށް ފޮނުވަމުން ގެންދިޔުމުގެ ބަޔެއް އެހެނިހެން ސަބަބުތައްވެސް ހުއްޓެވެ. އެއް ސަބަބަކީ އެދުވަސްވަރު ސަހަރުތަކުގައި ޢާންމުގޮތެއްގައި ގިނަގިނައިން ވަބާއީ ބަލިތައް ފެތުރުމެވެ. އަބުރަހަތު މައްކާއަށް ދިން ޙަމަލަޔަށްފަހު މައްކާގައި ދޭތެރެ ދޭތެރެއިން ކަށިވިދުރިއާއި ހިމަބިހިވެސް ހިލިގަންނަގޮތް ދިމާވެއެވެ. ސަހަރުތަކަށްވުރެ ބާދިޔަތުގައި ވައިފެން ރަނގަޅެވެ. އެހެންކަމުން ޢާންމުކޮށް ވަބާއީ ބަލިތަކެއް ނުއުޅެއެވެ. ހާމަ ވައިގެ ތެރޭގައި ޤުދުރަތީ މާޙައުލުގައި ކުދީން މާއަވަހަށް ހެދިބޮޑުވެއެވެ. ކުދީންގެ ކިބައިގައި ކެރުމާއި ހުސިޔާރުކަން އަށަގަނެއެވެ. ޤުރައިޝުންގެ ކާބަފައިންނަކީ ސަހަރާވީ ބަދަވީންނެވެ. ބާދިޔަތުގައި ޙާކިމެއް ރައްޔިތެއްގެ ފަރަގެއް ނުހުރެއެވެ. އޮންނަނީ މިނިވަންކަމެވެ. ހަމަހަމަކަމެވެ. ޢަރަބީންނަކީ ޝަޚުޞީ މިނިވަންކަމަށް ޤަދަރުކުރާ ބަޔެކެވެ. ކުޑަކުދީން މިނިވަން ބަދަވީ ޤަބީލާތަކުގައި ބޮޑެތިވުމުން މިނިވަން މުޖުތަމަޢުގެ ހޭޑިފޭޑިއާއި އަދަބުސަދަބު ދަސްވެއެވެ. ކާބަފައިންގެ ޝަޚުޞިއްޔަތު އެކުދީންގެ ކިބައިގައި އާލާވެއެވެ.
ބާދިޔާތަކުގައި އޮންނަނީ ފޭލިގޭގެ ދިރިއުޅުމެވެ. އެބައިމީހުން ޤާފިލާތަކުގައި ރޭގަނޑު ދަތުރުކުރަނީ ތަރިތަކުން މިސްރާބު ހިފައިގެންނެވެ. އެ މާޙައުލުގައި ބޮޑެތިވާ ކުދީންނަށް އެ ހުރިހައިކަމެއް ދަސްވެއެވެ. ބަދަވީ އަންހެނުންނަކީ ކުދީން ގެންގުޅުމުގެ ތަޖުރިބާކާރުންނެވެ. އެބައިމީހުން ކުދީންނަށް ކިރުދީ ގެންގުޅުމަކަށް ފައިސާއިން އަގެއް ނާތުލައެވެ. އެބައިމީހުންގެ ނަޒަރުގައި އެއީ ހުތުރު ކަމެކެވެ. ކުދީންނަށް ކިރުދީ ގެންގުޅެ ހެދުމުން އެކުދީންނާއި އެކުދީންގެ ކިރުމައިންނާއި އާޔާއިންނާއި އެބައިމީހުންގެ ފިރީންނާއި ދަރީންނާ ތިމާގެކަމުގެ ގުޅުމެއް އުފެދެއެވެ. އެ ގުޅުން ދެފަރާތުގެ މުޅި އުމުރަށް ދެމިއޮވެއެވެ. ލޭގެ ގުޅުމެކޭ އެއްގޮތަށް ކިރުގެ ތިމާގެކަމުގެ ގުޅުމަކީވެސް ޢަރަބީންގެ ތެރޭގައި ވަރަށްބޮޑަށް އަހަންމިއްޔަތުދެވޭ ގުޅުމެކެވެ. ޙުރުމަތްތެރި ގުޅުމެކެވެ. ބަދަވީ އަންހެނުން ކިރުދީ ގެންގުޅޭ ކުދީން އެކުދީންގެ ކިރުމައިންނާއި އާޔާއިންނާ މައިދަރިކަމުގެ ގުޅުން ބާއްވައެވެ. އެބައިމީހުންގެ ބޭނުންތަކާމެދު ޚިޔާލު ބަހައްޓައެވެ. ޙަޔާތުގައި އެކިއެކި ކަންކަމަށް ބޭނުންވާ ތަކެތީގެ ތެރެއިން ސަހަރާތަކާއި ބާދިޔާތަކުން ލިބޭން ނުހުންނަ ތަކެތި އެއުރެންނަށް ހޯދައިދެއެވެ. ސަހަރުގެ ކުއްޖަކު ބަދަވީ އަންހެނެއްގެ ގާތުން ކިރުބޮއިފިނަމަ އެކުއްޖަކު ބޮޑުވުމަށްފަހު ކިރުގެ މަންމައިންނާއި ކިރުގެ ބައްޕައިންނާއި އަޚުން އުޚުތުންނާ ގުޅުން ބާއްވައެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން