ދުނިޔޭގެ އެންމެ ވަރުގަދަ ކްރިކެޓް ލީގު، އިންޑިއަން ސުޕަ ލީގު (އައިޕީއެލް) ގައި އިއްޔެ ކުޅުނު މެޗުތަކުން ސައިރައިސާސް ހައިދްރައާބާދާއި ޗެންނާއީ ސުޕަ ކިންގްސް މޮޅުވެއްޖެއެވެ.

ހައިދްރައާބާދުން އިއްޔެ ރާޖަސްތާން ރޯޔަލްސް ބަލިކުރީ 44 ލަނޑުންނެވެ. ރާޖިސްތާން ރޯޔަލްސް ބަލިވި މެޗުގައި އެޓީމަށް ކުޅެމުންދާ އިންގްލެންޑްގެ އަވަސް އުކުންތެރިޔާ ޖޮފްރާ އާޗާގެ ރެކޯޑު ފެނުނީ ދަށް ކޮށެވެ.

އާޗާ ހަތަރު އޯވަރު އުކިއިރު، ވިކެޓެއް ނުނެގި އިދިކޮޅުން ވަނީ 76 ލަނޑު ހަދައިފައެވެ. އެއީ މިހާތަނަށް އައިޕީއެލްގެ އެންމެ ދަށް އުކުމުގެ ރެކޯޑެވެ. މީގެ ކުރިން އެ ރެކޯޑަކީ އިންޑިއާގެ މޯހިތު ޝަރުމާ އަތުގައި އޮތް ރެކޯޑެކެވެ. މިދިޔަ އަހަރު ގުޖުރާތު ޓައިޓަންސްއިން ދިއްލީ ކެޕިޓަލްސްއާ ދެކޮޅަށް ކުޅުނު މެޗުގައި މޯހިތު ވަނީ ހަތަރު އޯވަރުގައި އުކައިފައެވެ. އެ ހަތަރު އޯވަރުގައި ކުޅުންތެރިޔަކު ނުބައި ނުވެ، އިދިކޮޅު ބެޓްސްމަނުން ވަނީ 73 ލަނޑު ހަދައިފައެވެ.

ހައިދްރައާބާދުގެ ރަޖީވް ގާންދީ އިންޓަނޭޝަނަލް ސްޓޭޑިއަމްގައި އިއްޔެ ކުޅުނު މެޗުގައި ރާޖަސްތާން ރޯޔަލްސްއަށް ޓޮސް ދިމާވުމުން އެޓީމުން ނުކުތީ ހޮވާށެވެ.

ހައިދްރައާބާދުން ކުޅެން އަރައި، 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވި އިރު، އެޓީމުން ވަނީ 286 ލަނޑު ހަދައިފައެވެ. އިންޑިއާގެ އުކުންތެރިޔާ އިޝާން ކިޝާން 47 ބޯޅައިން 106 ލަނޑު ހަމަކޮށް ސައްތަ ފުރިހަމަ ކުރި އިރު، ބަދަލުގައި ރާޖަސްތާނަށް ކުޅެން ނުކުމެ ހެދުނީ 242 ލަނޑެވެ. އެއީ 20 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވެގެންނެވެ.

ރާޖަސްތާނަށް އެންމެ ރަނގަޅަށް ކުޅުނީ ދުރޫވް ޖުރެލްއެވެ. އެއީ 70 ލަނޑެވެ.

ޗެންނާއީގެ ޗިދަމްބަރަމް ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ޗެންނާއީ ސުޕަ ކިންގްސްއިން މުމްބާއީ އިންޑިއަންސް ބަލިކުރީ ހަތަރު ވިކެޓުންނެވެ. ޗެންނާއީއަށް ޓޮސް ދިމާވުމުން އެޓީމުން ހޮވަން ގަސްދުކުރި އިރު، މުމްބާއީ އިންޑިއަންސްއިން ކުޅެން އަރައި 20 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވި އިރު، 155 ލަނޑު ހެދިއެވެ.

މުމްބާއީ އިންޑިއަންސްގެ އެން ތިލަކް ވަރްމާ 25 ބޯޅައިން 31 ލަނޑު ހެދި އިރު، ޗެންނާއީގެ ނޫރު އަހުމަދު ހަތަރު ވިކެޓް ނެގިއެވެ. ބަދަލުގައި ކުޅެން އަރައި ޗެންނާއީން 19.1 އޯވަރުގައި ހަ ކުޅުންތެރިން ނުބައިވި އިރު، 158 ލަނޑު ހަމަކޮށް، މެޗުން މޮޅުވިއެވެ.

މެޗުގައި ޗެންނާއީއަށް އެންމެ ރަނގަޅަށް ބެޓް ކުރީ ޒުވާން ތަރި ރަޗިން ރަވިންދްރާއެވެ. އޭނާ ވަނީ 45 ބޯޅައިން 65 ލަނޑު ހަދައިފައެވެ.