ދިރާގުގެ ސީއެސްއާރުގެ ދަށުން، މުޖުތަމައުގައި އެހީއަށް ބޭނުންވެފައި ތިބި އާއިލާތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން، މަމްސް އެއިޑްގެ "ބެކް ޓު ސްކޫލް 2025" ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

"ބެކް ޓު ސްކޫލް 2025" ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ ދިރާސީ އާ އަހަރު ފެށޭއިރު މުޖުތަމައުގައި އެހީތެރިކަމަށް ބޭނުންވެފައި ތިބި އާއިލާތަކުގެ ތެރެއިން ހާއްސަކޮށް އެކަނިވެރި މައިންނަށް އެއްބާރުލުން ދިނުމެވެ. އެ މައިންގެ ތެރޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ ކުދިން ބަލަހައްޓާ މައިން ހިމެނެއެވެ.

ދިރާގުން މިއަދު ބުނީ އެ ޕްރޮގްރާމްގެ ދަށުން، ދިރާސީ އާ އަހަރު ފެށޭއިރު ކުދިން ސްކޫލަށް ތައްޔާރުކުރުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ މަމްސް އެއިޑް ކެއާ ލިސްޓުގައި ހިމެނޭ ފައުންޑޭޝަން ސްޓޭޖުގެ (ޕްރީސްކޫލް ލެވެލް)ގެ ދަރިވަރުންނަށް ބޭނުންވާ ބޫޓު، އިސްޓާކީނު ދަބަސް، ޔުނީފޯމް ސެޓް އަދި ސްޓޭޝަނަރީ ފޯރުކޮށްދެވޭނެ ކަމަށެވެ.

އޭގެ އިތުރުން، ދިރާގުން ވަނީ ރަމަޟާން މަހަށް ހާއްސަކޮށްގެން މަމްސް އެއިޑް އިން ކުރިއަށްގެންދިޔަ "ރަމަޟާން އެއިޑް" އަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. "ރަމަޟާން އެއިޑް" އަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެކަނިވެރި މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ މައިންނާއި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އަޅާލާ މައިންނަށް ރަމަޟާން މަހަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ފޯރުކޮށްދިނުމަށް ހިންގި ޕްރޮގްރާމެކެވެ.

ދިރާގުން މައުލޫމާތުދޭ ގޮތުގައި "ރަމަޟާން އެއިޑް" އަދި "ބެކް ޓު ސްކޫލް" ގެ ދަށުން ދިރާގުން ވަނީ 140 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދީފައެވެ.

މަމްސް އެއިޑްއަކީ މުޖުތަމައުގައި އެހީތެރިކަން ބޭނުންވެފައި ތިބި ގިނަ އާއިލާތަކަށް އެއްބާރުލުން ފޯރުކޮށްދޭ އެންޖީއޯއެކެވެ. މަމްސް އެއިޑާއެކު ދިރާގުން ކުރިއަށްގެންދާ އެ ޕާޓްނާޝިޕްގެ މަގުސަދަކީ، އެ އާއިލާތަކަށް އެއްބާރުލުން ދިނުމާއި، ހާއްސަކޮށް ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާން ޖެހިފައިވާ މައިންނަށް އެހީތެރިކަން ފޯރުކޮށްދީ އެއްބައިވަންތަ މުޖުތަމައުއެއް ބިނާކުރުމެވެ.