އެންޑްރޮއިޑް 15 އަށް ހަދާފައިވާ ވަން ޔޫއައި 7 އަޕްޑޭޓް ލިބޭނެ ޑިވައިސްތަކުގެ އިތުރު ލިސްޓެއް ސެމްސަންގުން އިއުލާންކޮށްފިއެވެ. ކުރީން ކަށަވަރުކޮށްދީފައިވާ، ގެލެކްސީ އެސް24 ސީރީޒް، އެސް23 ސީރީޒް، ގެލެކްސީ ޒެޑް ފޯލްޑް6، ޒެޑް ފްލިޕް6، އަދި ގެލެކްސީ ޓެބް އެސް10 އަދި އެސް9 ސީރީޒްގެ އިތުރުން، އިތުރު ސްމާޓްފޯނު ތަކާއި ޓެބްލެޓްތައް މިހާރު ވަނީ ލިސްޓުގައި ހިމަނައިފައެވެ. މީގެ ތެރޭގައި ގެލެކްސީ އެސް22 އަދި އެސް21 ސީރީޒް (އެފްއީ މޮޑެލްތައް ހިމެނޭގޮތަށް)، ފޯލްޑް3/ފްލިޕް3 އިން ފެށިގެން ގެލެކްސީ ޒެޑް ފޯލްޑް އަދި ފްލިޕް ޑިވައިސްތައް، އަދި ޓެބް އެސް9 އެފްއީ ސީރީޒް، ޓެބް އެސް8 ސީރީޒް، އަދި ޓެބް އެސް6 ލައިޓް ފަދަ ޓެބްލެޓްތައް ހިމެނެއެވެ.

ވަން ޔޫއައި 7 އަޕްޑޭޓްގައި ޝައުގުވެރި ގިނަ ފީޗާތަކެއް ހިމެނެއެވެ. މީގެ ތެރެއިން އެއް މުހިންމު ފީޗާއަކީ އާ "ނައު ބާރ" އެވެ. މިއީ ލޮކް ސްކްރީންގައި ރިއަލްޓައިމް އަޕްޑޭޓްތައް ދައްކައިދޭ ފީޗަރެކެވެ. މިސާލަކަށް ފޯނު އަންލޮކް ނުކޮށް މިޔުޒިކް ޕްލޭބެކް ނުވަތަ ފިޓްނެސް ޕްރޮގްރެސް ޓްރެކް ކުރެވޭނެ އެވެ. މީގެ އިތުރުން މި އަޕްޑޭޓްގައި އޭއައި ޓެކްނޮލޮޖީއަށް އަމާޒުކޮށް އެޑްވާންސްޑް ޓޫލްތަކެއްވެސް ތައާރަފުކޮށްފައިވެއެވެ. މީގެ ތެރޭގައި ހާލަތާ ގުޅޭ އެކްޝަންތައް ހުށަހަޅާ "އޭއައި ސެލެކްޓް" އަދި ޓެކްސްޓް ހަރުދަނާކޮށް ހުލާސާކޮށްދޭ "ރައިޓިން އެސިސްޓް" ހިމެނެއެވެ. "ޑްރޯވިން އެސިސްޓް" އިން ބޭނުންކުރާ މީހުންނަށް ސާދާ ޕްރޮމްޕްޓްތައް ނުވަތަ ކުރެހުންތައް ބޭނުންކޮށްގެން ވިޝުއަލްތައް ނުވަތަ ކެރިކެޗާތައް އުފެއްދޭނެއެވެ.

މީގެ އިތުރުން، ވަން ޔޫއައި 7 ގައި "އޯޑިއޯ އިރޭޒަރ" ފީޗާވެސް ހިމެނެއެވެ. މި ފީޗާއިން ވީޑިއޯތަކުން ބޭނުން ނުވާ ބެކްގްރައުންޑް އަޑުތައް ނައްތައިލެވޭނެއެވެ. މުޅި ޑިވައިސްގެ ގާބިލުކަން އިތުރުކުރުމަށް ޓަކައި ގޫގުލް ޖެމިނައިއާއެކު ސީދާ އިންޓެގްރޭޓްކޮށްފައިވެއެވެ. މި ރޯލްއައުޓުން ސެމްސަންގުގެ ގިނަ ޑިވައިސްތަކަކަށް އިތުރަށް އިންޓުއިޓިވް، ޕަރސަނަލައިޒްޑް އަދި ބާރުގަދަ ޔޫޒާ އެކްސްޕީރިއަންސެއް ލިބޭނެ އެވެ.