އެމްއެޗް 370 ހޯދުމަށް އިންޑިއާ ކަނޑުގެ ސަރަހައްދު ބެލުމަށް މެލޭޝިއާ ސަރުކާރުން ހުއްދަދީފިއެވެ.

މެލޭޝިއާގެ ކެބިނެޓުން ވަނީ މީގެ ދިހަ އަހަރު ކުރިން ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓު އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށައި އެފްލައިޓު ހޯދުމަށް ހުއްދަ ދީފައެވެ.

މެލޭޝިއާ ސަރުކާރުން އިއްޔެ ވަނީ އިންޑިއާ ކަނޑުގެ ދެކުނުގެ ސަރަހައްދުން 15،000 އަކަ ކިލޯމީޓަރުގެ ސަރަހައްދު ބެލުމަށް އޯޝަން އިންފިނިޓީ ކިޔާ ކުންފުންޏަކާ ހަވާލުކޮށްފައެވެ.

މެލޭޝިއާ ސަރުކާރުން އެކުންފުންޏާއެކު ހަދާފައިވާ އެއްބަސްވުމުގައި ވާގޮތުން އެފްލައިޓުގެ ބައެއް ފެނިއްޖެ ނަމަ އެކުންފުންޏަށް 70 މިލިއަން އެމެރިކާ ޑޮލަރު ދޭނެއެވެ. ނަމަވެސް އެކަން ނާކާމިޔާބު ވެއްޖެ ނަމަ އެކަމުގެ އަގު ނުދޭނެ ކަމަށް އެއްބަސްވުމުގައިވެއެވެ.

239 ފަސިންޖަރުންނާ އެކު މެލޭޝިއާގެ ކުއަލަލަމްޕޫރުން ޗައިނާގެ ބެއިޖިންއަށް ދަތުރުކުރި މެލޭޝިއަން އެއާލައިންސްގެ ފްލައިޓު އެމްއެޗް 370 ގެއްލިފައިވަނީ 2014 ވަނަ އަހަރެވެ. އެފްލައިޓު ހޯދުމަށް މިހާތަނަށް ބައިނަލްއަގުވާމީ އެކި ފަރާތްތަކުން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފައެވެ.