ރައީސް ޑރ. މުހައްމަދު މުއިއްޒު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ސ. ހިތަދޫ/ ބާޒީގެ ހުސައިން ޝަހީދު މިއަދު އައްޔަން ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު މެންދުރު ބޭއްވެވި ރަސްމިއްޔާތެއްގައި ޝަހީދަށް މަގާމުގެ ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދެވެ. އަދި މަގާމަށް އައްޔަން ކުރެއްވިކަމުގެ ލިޔުން، ރައީސް ވަނީ ޝަހީދާ ހަވާލުކުރައްވައިފައެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ހުސްވީ ފަނޑިޔާރު ހުސްނުއްސުއޫދު ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ.
އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމަށް ދެ ފަހަރެއްގެ މަތިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލިއެވެ. އެންމެ ފަހުން ކުރި އިއުލާނާ ގުޅިގެން ކުރިމަތިލެއްވީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ގާޒީކަން ކުރިން ކުރައްވާފައިވާ މަރްޔަމް ނިހާޔަތާއި ގާނޫނީ ވަކީލެއް ކަމަށްވާ ރުސްދުﷲ އިބްރާހީމެވެ.
އެ ބޭފުޅުންގެ ތެރެއިން ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމަށް ޖޭއެސްސީން ރައީސަށް ލަފާދެއްވުމުން އެ މައްސަލަ މަޖިލީހުގެ ޖަލްސާއަށް ފޮނުއްވެވީ އިއްޔެއެވެ. އަދި ޖުޑީޝަރީ ކޮމިޓީން އިއްޔެ ވަނީ ޝަހީދުގެ ނަން މަޖިލީހުން ފާސްކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.
އެހެންވެ މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ތިއްބެވި 65 މެންބަރުންގެ ތެެރެއިން 64 މެންބަރުންގެ އިއްތިފާގުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ޝަހީދު އައްޔަންކުރުމަށް ފާސްކުރިއެވެ.
ޝަހީދަކީ މިސްރުގެ އަލްއަޒުހަރު ޔުނިވާސިޓީ އާއި ކުއްލިޔަތުލް ދިރާސާތިލް އިސްލާމިއްޔާ އިން ޝަރީއަތާއި ގާނޫނުގެ ރޮނގުން މަތީ ތައުލީމު ހާސިލުކުރެއްވުމަށްފަހު ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީން މާސްޓާ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީއާ ޕޮލިސީ ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.
ޝަހީދު ވަނީ އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމާއި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމުވެސް އަދާކުރައްވައިފައެވެ. އޭނާ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވީ 2018 ވަނަ އަހަރުއެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރުކަމުގެ މަގާމަށް އައްޔަންކުރެއްވީ 30 އޮކްޓޯބަރު 2023 ގައެވެ.
ހަތް ފަނޑިޔާރުން ތިއްބަވާ ސުޕްރީމް ކޯޓުގެ ބެންޗުގައި މިހާރު ތިއްބެވީ އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިންގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ. މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ޑރ. އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒު ތިއްބެވީ ސަސްޕެންޑް ކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު