އިންޑިއާ ގައުމީ ޓީމަށް ރެކޯޑް އަދަދަކަށް ގޯލު ޖަހަދީފައިވާ ސުނިލް ޗެތުރީ، ރިޓަޔާކުރަން ނިންމާފައި ހުއްޓައި އަލުން ގައުމީ ޓީމަށް ގެންނަން ނިންމި ނިންމުން، ކޯޗު މަނޯލޯ މާކޭޒް އަނެއްކާ ވެސް ދިފާއުކޮށްފިއެވެ.
އުމުރުން 40 އަހަރުގެ އިންޑިއާ ފޯވަޑް ޗެތުރީ، ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން އިއުލާން ކުރީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ. އޭނާ އެކަން މެއި މަހު އިއުލާންކޮށް ރަސްމީކޮށް ކުޅުން ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހުގެ ހަވަނަ ދުވަހު އިންޑިއާ އިން ކުވައިތާ ދެކޮޅަށް ކުޅުނު މެޗުގައެވެ.
ޗެތުރީ ހިމަނައިގެން އިންޑިއާ އިން މި ފަހަރު އިއުލާން ކުރި ސްކޮޑަކީ މިރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗުގެ އިތުރުން މި މަހުގެ 25 ވަނަ ދުވަހު ބަންގްލަދޭޝްއާ ދެކޮޅަށް ކުޅޭ އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަން ތިންވަނަ ބުރުގެ މެޗަށް އިއުލާނުކުރި ސްކޮޑެކެވެ.
ޗެތުރީ އަލުން ގައުމީ ޓީމަށް ނުކުންނަން ތައްޔާރުވެ، މިރޭ ރާއްޖެއާ ދެކޮޅަށް ކުޅޭނެ ކަމަށް ކޯޗު މާކޭޒް ވަނީ ބުނެފައެވެ. ޕްރީ މެޗު ޕްރެސްގައި ކޯޗު ބުނީ މެޗު ތެރެއިން ކޮންމެވެސް ވަގުތެއްގައި ޗެތުރީއަށް ފުރުސަތު ދޭނެ ކަމަށެވެ.
"ޔަގީނުން ވެސް ޗެތުރީއަށް ވަގުތު ދޭނަން. އެހެން ބުނާކަށް ނޭނގެ ޗެތުރީ މެޗު ފަށާނެ ކަމެއް ނޫނިއްޔާ ނޫން ކަމެއް. އަހަރެމެންނަށް ހަ ބަދަލު ލިބޭނެ. އެހެންވީމަ އޭގެ މާނައަކީ 17 ކުޅުންތެރިން ބޭނުންކުރެވޭނޭ. އޭގެ ތެރޭގައި ޗެތުރީ ހިމެނޭނެ،" މާކޭޒް ބުންޏެވެ.
އިންޑިއާގެ ތާރީހު ދުށް އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ޗެތުރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ކުރިން ނިންމާފައިވަނީ ގާތްގަނޑަކަށް 20 އަހަރު ގައުމީ ޓީމަށް ކުޅުމަށްފަހުއެވެ. 2005 ވަނަ އަހަރުން ފެށިގެން ފުރަތަމަ ފަހަރު ރިޓަޔާ ކުރަންދެން އޭނާ ވަނީ އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމަށް 150 މެޗު ކުޅެ، 94 ގޯލުވެސް ޖަހައިދީފައެވެ.
ޗެތުރީ އަލުން ޓީމަށް ނެގުމުން އެކަމުގެ ފާޑުކިޔުންތައް ކޯޗު މާކޭޒަށް އަމާޒުވެފައިވާ އިރު، މާކޭޒް ބުނީ ރަނގަޅު ފެންވަރުގައި ކުޅޭނަމަ، 40 ނޫނީ 80 ވިޔަސް ހެޔޮ ކަމަށެވެ.
"ޗެތުރީއަކީ މިހާތަނަށް ސީޒަނުގައި އެންމެ ގިނައިން ގޯލު ޖަހާފައިވާ އިންޑިއާގެ ކުޅުންތެރިޔާ. އެހެންވީމަ އަހަންނަކަށް މުހިއްމެއް ނޫން ކުޅުންތެރިޔާއަށް 20 ނޫނީ 40 ތޯއެއް. އެއީ 87 އަހަރުވެފައިވާ އަހަރެންގެ ކާފަ އުމުރު ކުޅުންތެރިއެއް ނަމަވެސް، ފޯމު ރަނގަޅިއްޔާ ހުންނާނީ ގައުމީ ޓީމުގައި. ގައުމީ ޓީމަކީ ކުޅުންތެރިން ކުރިއަރުވާ ޓީމެއް ނޫން. ކުރިއަރާ ކުޅުންތެރިން ޖެހޭނީ ގައުމީ ޓީމަށް ނުކުންނަން. ގައުމީ ޓީމުގެ އެންމެ ފުރަތަމަ ޓާގެޓަކީ މޮޅުވުން،" މާކޭޒް ބުންޏެވެ.
މާކޭޒް އިތުރަށް ބުނީ އެކުވެރިކަމުގެ މެޗެއް ނަމަވެސް ރާއްޖެ ފަސޭހަކޮށް ނުލާނެ ކަމަށާއި ޓާގެޓަކީ މޮޅެއް ކަމަށެވެ. ހާއްސަކޮށް މިރޭގެ މެޗަކީ ބަންގްލަދޭޝް މެޗަށް ތައްޔާރުވާން ލިބޭނެ ރަނުގެ ފުރުސަތެއް ކަމަށް އޭނާ ބުންޏެވެ.
މިރޭ ރާއްޖެ ގަޑިން އިރުއޮއްސި 6:30 ގައި ކުޅޭ އެކުވެރިކަމުގެ މެޗު ވެގެންދާނީ އިންޑިއާގެ ކޯޗުކަމާ މާކޭޒް ހަވާލުވެ، ކުރިމަތިލާ ފުރަތަމަ މެޗަށެވެ. އޭނާ ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރު ޖުލައި މަހުގައެވެ.
އިންޑިއާ
އިންޑިއާ
އިންޑިއާ
އިންޑިއާ