އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭ ގޮތަށް "ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ބަދަލުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ގެޒެޓުކޮށް އަމަލުކުރަން ފެށި އެ އުސޫލުގައި، މިނިސްޓްރީ އާއި ހައްޖު ކޯޕަރޭޝަންގެ މަސްއޫލިއްޔަތުތައް ވަނީ ހިމަނައިފައެވެ.
އުސޫލުގައިވާ ގޮތުން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް ފުރުސަތު ދޭންވާނީ ފައިސާ ދައްކާފައިވާ ތަރުތީބުން، ވަކި ކަންތައްތަކަކަށް އިސްކަން ދީގެންނެވެ.
އެގޮތުން އަލަށް ހައްޖުގެ އަޅުކަން އަދާކުރަން އެދޭ ފަރާތްތަކަށް އިސްކަން ދޭންވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ. އަދި ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން މަތީގެ ފަރާތްތަކަށް ކޮންމެ އަހަރު ހައްޖު ކޯޕަރޭޝަނުން ވަކި އިންސައްތައެއް ކަނޑައަޅަން ވާނެ ކަމަށް ވެސް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.
އޭގެ އިތުރުން ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން ސިއްހީ ހާލަތަށް ބަލައި އެހީތެރިޔަކު ގެންދަންޖެހޭ މީހުންނަށް އެހީތެރިޔަކު ހަމަޖެއްސުމުގެ ފުރުސަތު ދޭންވާނެ ކަމަށާއި ނަމަވެސް އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ، ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި އާއިލާ މީހަކު ހިމެނޭ ނަމަ، އެ މީހަކު އެހީތެރިއެއްގެ ގޮތުގައި ހަމަޖެއްސުމަށް ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އަދި އެގޮތުން ފުރުސަތު ދެވޭ އާއިލާގެ މީހަކީ ހައްޖުގެ އަޅުކަން ކުރިން އަދާފައިކޮށްފައިނުވާ މީހަކަށް ވާންވާނެ ކަމަށާއި އެހީތެރިއެއްގެ ގޮތުގައި ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހެއް ހަމަޖެއްސުމުގެ ފުރުސަތު ދެވޭނީ ހައްޖު ކޯޕަރޭޝަންގެ ލިސްޓުގައި އާއިލާގެ މީހެއް ނެތިފައި، ހައްޖުގެ އަޅުކަން އަދާކޮށްފައިނުވާ މީހަކު އޭނާއަށް ލިބެން ނެތް ހާލަތުގައި ކަމަށް ވެސް އުސޫލުގައިވެއެވެ.
އުސޫލުގައި ބުނެފައިވަނީ، އުމުރުން 75 އަހަރުން މަތީގެ މީހުންގެ ތެރެއިން އެމީހެއްގެ ސިއްހީ ހާލަތު ކަށަވަރުކުރާނީ ސިއްހީ ކަންކަމާ ގުޅޭ ދައުލަތުގެ ކަމާ ބެހޭ އިދާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ ސިއްހީ ހިދުމަތްތެރިންގެ ތެރެއިން ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާ ފަރާތްތައް މެދުވެރިކޮށް ކަމަށެވެ.
ކުރިން ހައްޖުގެ އަޅުކަން އަދާކޮށްފައިވާ މީހަކަށް އިތުރު ފުރުސަތެއް ދެވޭނީ އެންމެ ފަހުން ހައްޖުގެ އަޅުކަން އަދާކުރިތާ ފަސް އަހަރުވެފައިވާނަމަ ކަމަށާއި ނަމަވެސް އެމީހުންގެ ތެރެއިން ހައްޖު ކޯޕަރޭޝަންގެ ހައްޖުގެ ހިދުމަތްތެރީންގެ ގޮތުގައި ގެންދާ ފަރާތްތައް އިސްތިސްނާވާނެ ކަމަށް އުސޫލުގައި ބުނެފައިވެއެވެ.
އުސޫލުގައި އިތުރަށް ބުނެފައިވަނީ، އުސޫލަށް އަމަލުކުރަން ފެށުމާއެކު، އެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ހައްޖު ކޯޕަރޭޝަންގައި އެކުލަވާލާފައި އޮންނަ "މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑުގެ ހައްޖު ކިޔު ލިސްޓު" 1 މުހައްރަމް 1447 ގެ ކުރިން މުރާޖައާކުރަންވާނެ ކަމަށެވެ.
އެ އުސޫލަށް ބަދަލު ގެނެސްފައި މިވަނީ، އަލަށް ހައްޖަށް ދާ މީހުންނަށް އިސްކަންދޭ ގޮތަށް އުސޫލު ބަދަލުކުރަން، މިދިޔަ ޖެނުއަރީ މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެންނެވެ.
ހައްޖަށް ދިއުމަށް ގިނަ ބަޔަކު ކިޔޫގައި ތިބުމުން ރާއްޖެއަށް ލިބޭ ހައްޖު ކޯޓާ އިތުރުކުރުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބޭރު ކުޅިވަރު
ބެލްޖިއަމް
ވިޔަފާރި
ބޭރު ކުޅިވަރު