ހުކުރު ދުވަސްތައް ބަންދުވި ނަމަވެސް، އެ ދުވަސްތަކުގައި ޕެރިޝަބަލް ކާގޯ ދޫކުރާނެ ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބުނެފިއެވެ.

އެމްޕީއެލުން މިއަދު ބުނީ ހުކުރު ދުވަހަކީ ޕޯޓްގެ ރަސްމީ ބަންދު ދުވަހަކަށް ވިޔަސް، ރަމަޟާން މަހާ ދިމާކޮށް ރާއްޖެއަށް އެތެރެކޮޮށްފައިވާ ޕެރިޝަބަލް މުދާ (ކާބޯތަކެތި) ކަސްޓަމަރުންނަށް ވީ އެންމެ އަވަހަށް ފޯރުކޮށްދިނުމަށް ހަމަޖައްސާފައިވާ ކަމަށެވެ.

އެ އިންތިޒާމުގެ ދަށުން މާދަމާ 14:30 އިން 22:00 އަށް ޕެރިޝަބަލް މުދާ ދޫކުރުމުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކަމަށް އެމްޕީއެލުން ބުންޏެވެ.

މިމަހުގެ 24 ވަނަ ދުވަހު، އެމްޕީއެލްގެ ހެޑް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ކާގޯ ކްލިރިއަރަންސް ޑިޕާޓްމަންޓުގެ ހެޑް އަހުމަދު ނާޒިމް އެ ބައްދަލުވުމުގައި ވިދާޅުވެފައިވަނީ އޮންލައިންކޮށް ޝިޕިންއަށް ރިކުއެސްޓު ކުރަން ފަށާ ގަޑި އާއި ނިމޭ ގަޑިއަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 10:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އަށް ކަމަށެވެ.

ނޯމަލް އެކްސްޕްރެސް އަދި ޑެއިލީ އެކްސްޕްރެސްއަށް ނޯޓު ކުރާ ގަޑިތަކަކީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު، ނޯމަލް އެސްކްޕްރެސް ރޭގަނޑު 8:00 އިން ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 އަށެވެ. ޑެއިލީ އެކްސްޕްރެސްގެ ވަގުތަކީ ހެނދުނު 9:15 އިން މެންދުރު 1:00 އަށެވެ.

ޑެލިވަރީ އޯޑަރު ނޯޓް ކުރަން ފަށާ ގަޑިއަކީ ހުކުރުދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން މެންދުރު 1:00 އަށް އަދި ރޭގަނޑު 9:15 އިން ރޭގަނޑު 10:30 އަށް 20 ފޫޓް ކޮންޓޭނަރު ދޫކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ނާޒިމް ވިދާޅުވެފައިވެއެވެ.

"އާންމު ހިދުމަތުގެ ދަށުން ކަނޑާ ސަރަހައްދަށް ގެންދިއުމަށް ނޯޓް ކޮށްދޭ ކޮންޓޭނަރުގެ އަދަދު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު 150 އާއި 100 ދެމެދުގެ ޓީއީޔޫސް ކޮންޓޭނަރު،" ނާޒިމް ވިދާޅުވެފައިވެއެވެ.

ރަމަޟާން މަހު މާލެ ކޮމާޝަލް ހާބަރުން ކުލިއާކުރާ ހުރިހާ ބާވަތެއްގެ މުދާވެސް ދޫކުރުމަށް ހަމަޖެހިފައިވަނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 9:15 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 9:15 އިން ރޭގަނޑު 1:30 އާ ހަމައަށެވެ. އެ ގަޑިތަކާ އެއްގޮތަށް ހުޅުމާލެ ޓާމިނަލުންވެސް ހިދުމަތް ދޭނެ ކަމަށް އެމްޕީއެލުން ބުނެފައިވެއެވެ.

އޭގެ އިތުރުން ކޮންމެ ނަމާދު ވަގުތަކަށް ބަންގި ގޮވާ ވަގުތުން ފެށިގެން 20 މިނެޓުގެ ބްރޭކެއް މުވައްޒަފުން ނަމާދުކުރުމަށްޓަކައި ދޭނެ ކަމަށާއި އެ ވަގުތުތަކުގައި އެ ކުންފުނިން ދެމުންގެންދާ ހިދުމަތްތައް ވަގުތީގޮތުން މެދުކަނޑާލާނެ ކަމަށް ނާޒިމް ވިދާޅުވެފައިވެއެވެ.