ބިލް ފޮނުވައިލީ، ފަނޑިޔާރުން ވަކިކޮށްގެން ނުވާނެ ކަމަަށް ބަޔާންކުރާ އުސޫލާ ފުށުއަރާ، އިންސާފާދުރު އިސްލާހަކަށްވާތީ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މި ބިލާމެދު މަޖިލީހުން އަލުން ވިސްނުމަށް އެދިވަޑައިގެން ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ފަނޑިޔާރުން ތަބާވާން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ، މަސައްކަތް ކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެ މީހަކު ގާބިލް ނޫން ކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑިޔާރު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ގަބޫލު ކުރެވިގެން، އެ ފަނޑިޔާރު މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަގުލަބިއްޔަތުން ފާސްވުމުން ކަމަށް ބަޔާންކޮށްފައިވާ ކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

މިހާރު ސުޕްރީމް ކޯޓުގައި ތިއްބެވި ހަތް ފަނޑިޔާރުންގެ އަދަދު ފަސް ފަނޑިޔާރުންނަށް މަދު ކުރުމަށްޓަކައި، މަދުކުރަންޖެހޭ ފަނޑިޔާރުންގެ ނަންތައް މި ބިލް ތަސްދީގުކުރައްވާތާ ފަސް ދުވަހުގެ ތެރޭގައި ޖޭއެސްސީން މަޖިލީހަށް ހުށަހަޅަންވާނެ ކަމަށާއި އެ ފަނޑިޔާރުން ވަކި ކުރުމާ މެދު ހަތް ދުވަހުގެ ތެރޭގައި މަޖިލީހުން ގޮތެއް ނިންމަންވާނެ ކަމަށް ބިލްގައި ބުނެފައިވާކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

ނަމަވެސް ބިލް ގާނޫނަކަށްވެ، އަމަލްކުރަން ފެށުމުން، ފަނޑިޔާރުން ވަކިކުރުމަށް ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތު ތަންފީޒު ކުރަންޖެހޭ އިރު، އެ އިޖުރާއަތަކީ ފަނޑިޔާރަކު މަގާމުން ވަކިކޮށްގެންނުވާނެ ކަމަށް ގާނޫނުއަސާސީގައި ބުނާ އުސޫލާ ފުށުއަރާގޮތަށް ހިންގޭނެ އިޖުރާއަތެއްކަން ވެސް ރައީސްގެ ސިޓީފުޅުގައި ފާހަގަ ކުރައްވާފައިވެއެވެ.

އޭގެ އިތުރުން އޭސީސީން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިިން ފަނޑިޔާރަކު ސަސްޕެންޑްކޮށް، ޖޭއެސްސީން އެބޭފުޅުންގެ ސުލޫކީ މައްސަލަ ބަަލަމުންދާ އިރު، އެމައްސަލަތައް ވަކި ގޮތަކަށް ނިންމާފައިނުވާ ހާލަތުގައި، ފަނޑިޔާރު ކަމަށް ގާބިލް ނޫން ކަމަށް މި ބިލްގައި ކަނޑައަޅާފައިވާ އިޖުރާއަތު ހިންގުމަކީ އިންސާފުވެރި އަދި ހަމަހަމަކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލްވާގޮތަށް ފަނޑިޔާރުންގެ ގާބިލްކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއްކަން ވެސް ފާހަގަ ކުރައްވާފައިވެއެވެ.

"އެ މައްސަލަތަކާމެދު ވަކި ގޮތެއް ނިމުމުގެ ކުރިން، ބިލްގައި ކަނޑައަޅާފައިވާގޮތަށް އަދި އެ މުއްދަތުގެ ތެރޭގައި ފަނޑިޔާރުކަމުގެ މަގާމަށް ގާބިލް ނޫން ފަނޑިޔާރުން ކަނޑައެޅުމުގެ އިޖުރާއަތު ހިންގުމަކީ، ފަނޑިޔާރުން ތަބާވާންޖެހޭ ސުލޫކީ މިންގަނޑުތަކާއި އުސޫލުތަކުން ބޭރުނުވެ މަސައްކަތް ކުރާހާ ހިނދަކު، ފަނޑިޔާރަކު މަގާމުން ވަކިކޮށްގެން ނުވާނެ ކަމަށް ބަޔާންކޮށްފައިވާ އުސޫލާ ފުށުއަރާ އަދި އިންސާފުވެރިކަމާ ދުރު އަދި ހަމަހަމަ ކަމާއެކު ހުރިހާ ފަނޑިޔާރުން ޝާމިލް ކުރެވޭގޮތަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގާބިލްކަން ވަޒަންކޮށް ގޮތެއް ކަނޑައެޅުމަށް ފުރުސަތު ގެއްލިގެންދާނެ ކަމެއްކަން ފާހަގަ ކުރެވޭތީ، މި ބިލު ތަސްދީގު ކުރުމަކީ ރަނގަޅު ކަމެއް ކަމަށް ނުފެންނަ ވާހަކަ ދަންނަވަން،"

ޖޭއެސްސީން ބަލަމުންދާ މައްސަލަތައް ފާހަގަ ކުރައްވައި، ބިލް ތަސްދީގު ނުކުރެއްވި ސަބަބު އޮޅުންފިލުއްވައި ދެއްވުމަށް މަޖިލީހުގެ ރައީސަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވިއެވެ.