މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގައި ހުންނެވި އަހުމަދު އިމާދު އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ޑެޕއިުޓީ ގަވަރުނަރުކަމުން އިމާދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ އެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވަނިކޮށެވެ.

އިމާދު، ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުން ވަކިކުރަން މަޖިލީހުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ އަރުވަންޖެހޭ ކަމަށް އެދިވަޑައިގެން ކޮމިޓީއަށް މައްސަލަ ހުށަހެޅުއްވީ، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދެވެ.

އެމްއެމްއޭގެ ގަވަރުނަރުކަމުން މިއަދު އިސްތިއުފާ ދެއްވުމަށްފަހު ނެރުއްވި ބަޔާނުގައި އިމާދު ވިދާޅުވީ، އެ މަގާމުން އޭނާ އިސްތިއުފާ ދެއްވީ، މި ފަހުން އެމްއެމްއޭއިން ނިންމާފައިވާ ނިންމުންތަކަކީ އޭނާގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީ ކަމަށެވެ.

"މިހާރު މެދުވެރިވެފައިވާ ކަންކަމަށް ފުންކޮށް ވިސްނުމަށްފަހު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ޑެޕިއުޓީ ގަވަރުނަރުކަމުގެ މަގާމުން އަޅުގަނޑު އިސްތިއުފާދީފީމެވެ. މި ނިންމުން އަޅުގަނޑު މި ފައިސަލާކުރީ، މި ފަހުން، އެމްއެމްއޭ އިން ނިންމާފައިވާ ނިންމުންތަކަކީ އަޅުގަނޑުގެ ނަޒަރުގައި، މުއައްސަސާގެ އަސާސީ މަގުސަދުތަކާ އެއްގޮތްވާ ގޮތުގެމަތިން ނިންމާފައިވާ ނިންމުންތަކެއް ކަމުގައި ނުވާތީވެއެވެ،" އިމާދުގެ ބަޔާނުގައިވެއެވެ.

އިމާދު ވިދާޅުވީ، އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުކަމުގައި ހުރެގެން ގައުމުގެ އިގުތިސޯދީ އަދި މާލީ ހަމަޖެހުން ނެގެހެއްޓުމަށްޓަކައި ހިދުމަތް ކުރަން ލިބުމަކީ ޝަރަފެއް ކަމަށާއި އޭނާގެ ހިދުމަތުގެ ދައުރުގައި، އިގުތިސޯދީ ހާލަތުގެ ގޮންޖެހުންތަކަށް އެކަށީގެންވާ ގޮތުގައި އިޖާބަދީފައިވާނެ ކަމަށެވެ. އެގޮތުން، ބޭރު ފައިސާގެ ބާޒާރުގެ މުހިންމު އިސްލާހުތައް ގެނައުމާއި މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށްޓަކައި މުހިންމު ދައުރެއް އަދާކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.

"މި ދާއިރާގައި އަޅުގަނޑުގެ ބައިވެރިވުން ފެންނާނެ ކަންކަމުގައި ތެރޭގައި އިންސްޓަންޓް ޕޭމަންޓް ސިސްޓަމް (ފަވާރަ) ގެ ތަރައްގީ އާއި މާލީ ބައިވެރިވުން ކުރިއެރުވުމަށް ކުރެވުނު މަސައްކަތްތަކާއި ބޭރު ފައިސާއާ ބެހޭ ގާނޫނާއި ގަވާއިދުތައް ތަންފީޒުކުރުމުގެ މަސައްކަތްތަކާއި އެމްއެމްއޭގެ ދެމެހެއްޓެނިވި މާލީ އިސްނެގުންތައް ކުރިއެރުވުން ހިމެނެއެވެ. މީގެ މުހިންމު އެއް ކާމިޔާބީއަކީ ނޭޝަނަލް ސަސްޓެއިނަބަލް ފައިނޭންސިން ރޯޑްމެޕް އެކުލަވާލުމުގެ މަސައްކަތްތަކެވެ. މި ރޯޑްމެޕްގައި ތިމާވެށި، އިޖުތިމާއީ އަދި ގަވަނަންސްގެ އުސޫލުތައް (އެންވަޔަރަމަންޓަލް، ސޯޝަލް އެންޑް ގަވަނަންސް -އީ.އެސްޖީ ޕްރިންސިޕަލްސް) މާލީ ދާއިރާއާ އެކުލެވިފައިވާ ގޮތުގެ އޮނިގަނޑެކެވެ،" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، އޭނާގެ ބައިވެރިވުމާ އެކު، އެމްއެމްއޭގައި ޑޭޓާ އެނަލިޓިކްސް ގްރޫޕެއް އުފައްދުމަކީ ވެސް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ އެމްއެމްއޭގެ ޑޭޓާއަށް ބިނާކޮށް ފައިސަލާކުރުމުގެ ސަގާފަތެއް ބިނާކުރުމަށް އެޅުނު ހަރުދަނާ ބިންގަލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ރެގިއުލޭޓަރީ ސޭންޑްބޮކްސްއެއް ތަރައްގީކުރުމާއި ފިންޓެކް އިނޮވޭޝަން ހަބެއް ގާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަކީ މާލީ ދާއިރާއަށް ކުރިމަގުގައި އަންނާނެ ޑިޖިޓަލް ބަދަލުތައް ހަލުވިކުރާނެ ކަންކަމެވެ،" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، ގޮންޖެހުންތަކާއެކު ވެސް ހަމަޖެހިފައިވާ އިގުތިސޯދީ މާހައުލެއް ދެމެހެއްޓުމަށް ފައިސާގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން ކޮވިޑް-19 ބަލިމަޑުކަމުގެ ތެރޭގައި އެމްއެމްއޭގެ ފައިސާގެ ސިޔާސަތުތަކާއި ޕްރޫޑެންޝަލް ރެގިއުލޭޓަރީ ފިޔަވަޅުތަކަކީ މެކްރޯއިކޮނޮމިކް ހަމަޖެހުން ރައްކާތެރިކުރުމަށާއި މާލީ ދާއިރާގެ ހަމަޖެހުން ދެމެހެއްޓުމަށް ކޮންމެހެން ކުރަން ޖެހުނު އަސާސީ ކަންކަން ކަމަށާއި މީގެ އިތުރުން، ފޮރިން ކަރަންސީ ސްވޮޕް ފެސިލިޓީ މެދުވެރިކޮށް ފޯރުކޮށްދެވުނު ކުރު މުއްދަތުގެ ބޭރު ފައިސާގެ ލިކިއުޑިޓީ ސަބަބުން، ބޭންކިން ދާއިރާ އާއި ސަރުކާރުގެ ބޭރު ފައިސާގެ ލިކުއިޑިޓީއަށް ހައްލެއް ލިބިގެން ދިޔަ ކަމަށް ވިދާޅުވިއެވެ.

"ނަމަވެސް، ފައިސާގެ ސިޔާސަތުތަކަށް ދީފައިވާ ލުއިތައް އިޔާދަކުރުމަށް ލަފާކުރި މުއްދަތަށްވުރެ ގިނަ ދުވަސް ނެގިއެވެ. މިކަން މި ގޮތަށް މެދުވެރިވީ، ސަރުކާރުގެ ފިސްކަލް ހާލަތް ދަށްވުމާއި ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ލަސްވުމުންނެވެ،" އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، މި ދަނޑިވަޅަށް ބަލާއިރު، އިގުތިސޯދުގެ ރިއަލް ސެކްޓަރުން ރަނގަޅު ކުރިއެރުންތަކެއް ލިބެމުން އައިކަމުގައިވީ ނަމަވެސް ފިސްކަލް ސެކްޓަރާއި މަނިޓަރީ ސެކްޓާގައި ގޮންޖެހުންތައް އަދިވެސް ނުހަނު ބޮޑު ކަމަށެވެ. ހާއްސަކޮށް ދައުލަތުގެ ބޭރުގެ ދަރަނި އިތުރުވަމުންދާ ދިއުމަކީ މެކްރޯ އިކޮނޮމިކް ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާ ކަމެއް ކަމަށާއި މާލީ ސެކްޓަރަށް ބަލާއިރު، ހާއްސަކޮށް ބޭންކުތަކުން ސަރުކާރަށް ދޫކޮށްފައިވާ ދަރަނީގެ ރިސްކް މަތިވެފައިވާ އިރު، އެ ރިސްކްތައް ކުޑަކުރުމަށްޓަކައި، އެމްއެމްއޭ އިން ޕްރޫޑެންޝަލް ރެގިއުލޭޓަރީ ފިޔަވަޅުތައް އަޅަން މަޖުބޫރުވެފައިވާ ކަމަށް ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ، އެއާއެކު އެކްސްޗޭންޖް ރޭޓްގެ ޕެގް ހިފެހެއްޓުމަށްޓަކައި ހިފެހެއްޓިފައިވާ (ޓައިޓް މަނިޓަރީ) ފައިސާގެ ސިޔާސަތުތައް ގެންގުޅެން ލާޒިމުވެފައިވާ ކަމަށާއި ފައިސާ އިތުރަށް ޗާޕުކުރުމާ ދުރުހެލިވުމަށާއި ދިގު ރާސްތާގެ އިގުތިސޯދީ ހަމަޖެހުން ގެނައުމަށްޓަކައި ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުން މުހިންމު ކަމަށެވެ.

"ވީމާ، މިހާރުގެ އިގުތިސޯދީ ހާލަތަށް ބަލާއިރު، އިތުރަށް ފައިސާ ޗާޕުކުރުމުން، ސީރިއަސް މެކްރޯ އިކޮނޮމިކް އަސަރުތަކެއް މެދުވެރިވާނެއެވެ. އިތުރަށް ފައިސާ ޗާޕުކުރުމަކީ މިހާރު ވެސް ބޭންކިން ނިޒާމުގައި ހުރި އެކްސެސް ލިކުއިޑިޓީ ބޮޑުތަނުން އިތުރުވެގެންދާނެ ކަމެކެވެ. މީގެ ސަބަބުން އެކްސްޗޭންޖް ރޭޓް ދެމެހެއްޓުމަށްޓަކައި އެމްއެމްއޭ އިން ކުރަމުން އަންނަ މަސައްކަތްތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ. އަދި، ރުފިޔާގެ ލިކުއިޑިޓީ މެނޭޖްކުރުމަށް މިހާރުވެސް ކުރަންޖެހިފައިވާ ހަރަދު އިތުރުވެ، އެމްއެމްއޭގެ ބެލެންސް ޝީޓް ހީނަރުވެގެންދާނެއެވެ. މިހެންކަމުން، މިކަމަކީ އެމްއެމްއޭގެ މައިގަނޑު މަގުސަދު ކަމުގައިވާ ޕްރައިސް ސްޓެބިލިޓީ ދެމެހެއްޓުމާ ސީދާ ފުށުއަރާނެ ކަމެކެވެ. އަދިހަމަ، ފިސްކަލް ކޮންސޮލިޑޭޝަން ގެނައުމަށް ބާރު އެޅުމުގެ ބަދަލުގައި، ފިސްކަލް ސިޔާސަތު އިތުރަށް ހީނަރުވެގެން ދިޔުމަށް މަގުފަހިވިގެންދާނެ ވެސް ކަމެކެވެ،" އިމާދު ވިދާޅުވިއެވެ.

އިމާދު ވަނީ ފިސްކަލް ޒިންމާދާރު ކަމަށް އިސްކަންދީ، އެމްއެމްއޭގެ މިނިވަންކަން ހިމާޔަތްކޮށް އަދި މެކްރޯއިކޮނޮމިކް ހަރުދަނާކަން ޔަގީންކުރުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ސަރުކާރަށް ގޮވާލައްވައިފައެވެ.

އިމާދު އެމްއެމްއޭއިން މިއަދު ވަކިވެވަޑައިގެންނެވި އިރު، އޭނާ ވަނީ އެމްއެމްއޭއަށް 25 އަހަރު ހިދުމަތްކޮށްދެއްވައިފައެވެ.