ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިންނަށް ފުރައްސާރަކޮށް ގަނާކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަން ނިންމެވީ އެ ކުދިންގެ މަންމަގެ ހައިސިއްޔަތުން، ފަރުދީ ގޮތުން ކަމަށާއި އެކަމުގައި ސަރުކާރުގެ ބައިވެރިވުމެއް ނެތް ކަމަށް ރައީސް މުއިއްޒުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީން ބޭއްވި މުޒާހަރާއެއްގައި ދަރިކަލުން އުމައިރު މުހަންމަދު މުއިއްޒު ވޭޕް ބޭނުންކުރައްވާ ކަމަށް ތުހުމަތުކޮށް، އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) ދެއްކި ވާހަކަތަކަކާ ގުޅިގެން މެޑަމް ސާޖިދާ މިއަދު ނެރުއްވި ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އުމަރު ވޭޕް ބައްލަވާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.
"އުމައިރަކީ ވޭޕް ނުވަތަ ދުންފަތުގެ އިސްތިއުމާލު ވެސް އެއްވެސް ގޮތަކަށް ކުރާ ނޫނީ ކޮށްފައިވާ ކުއްޖެއް ނޫން، ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ވަރަށް ސާބިތުކަމާއެކު ދަންނަވަން،"
އެ ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ އެފަދަ ވާހަކަތަކުގެ އިތުރުން ދަރިކަލުންގެ ތައުލީމީ ހަޔާތަށާއި އިޖުތިމާއީ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުތަކެއް ކުރާނޭ ފަދަ ވާހަކަތައްވެސް ދައްކައި، ފަތުރާފައިވާ ކަމަށެވެ.
"މި ކަންތައްތަކުގެ ސަބަބުން އޭނާގެ މުޅި މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއްކޮށް، އޭނާގެ ރައްކާތެރިކަން ކަށަވަރުނުވާވަރުގެ ކަންތަކަކަށް މަގުފަހިވެދާނޭ ފަދަ ފުރުސަތުތައް ވަނީ ހުޅުވިގެން ގޮސްފައި، އުމައިރަކީ 16 އަހަރުގެ ކުޑަކުއްޖެއް، ހަމައެއާއެކު އޭނާއަކީ އޭނާގެ މުސްތަގުބަލު ކުރިމަތީގައި އޮތް، ތައުލީމީ ހަޔާތް އަދި ފުރިހަމަނުވާ ކުއްޖެއް، މީގެ އިތުރުން، އަޅުގަނޑުގެ އެންމެ ދޮށީ ދަރިފުޅާއި އަށް އަހަރުގެ ހަގު ދަރިފުޅަށް ގަނާކުރުމާއި ފުރައްސާރަ ކުރުމުގެ މަސައްކަތްތަކެއް މިހާރު ފަށާފައިވާކަމީ ވެސް ބަލައިގަންނަން އުނދަގޫ ކަމެއް،" މެޑަމް ސާޖިދާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލައިގައި އިދިކޮޅު އެމްޑީޕީގެ އިސް އެކްޓިވިސްޓެއް ކަމަށްވާ މަރިޔަމް ޒުބެއިރު (މަންދީ) އާއި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލާއި އެ ޕާޓީގެ މައްޗަށް ދައުވާކުރަން މެޑަމް ސާޖިދާ މުހައްމަދު ވަނީ ނިންމަވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު