މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބޯޑު މެންބަރުކަމަށް އަހުމަދު ސަރުވަޝް އާދަމް އަދި އަބްދުލް މަޖީދު އަލީ އައްޔަންކޮށްފިއެވެ.

ޕެންޝަން އޮފީހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ އެ ދެ ބޭފުޅުން ބޯޑު މެންބަރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެން މަރުހަބާ ދަންނަވައިފައެވެ. ޕެންޝަން އޮފީހުން ބުނީ އެ ދެ ބޭފުޅުން ވެސް ބޯޑަށް އައްޔަންކޮށްފައިވަނީ ޕްރައިވެޓް ސެކްޓާ ތަމްސީލުކުރާ މެންބަރުންގެ ހައިސިއްޔަތުން ކަމަށެވެ.

ސަރުވަޝް ވަނީ މީގެ ކުރިން ފިނޭންސް މިނިސްޓްރީގެ ޗީފް ފައިނޭންޝަލް ބަޖެޓް އެގްޒެކެޓިވް މަގާމު އަދާކުރައްވައިފައެވެ. އޭނާ އެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ މަގާމުން އިސްތިއުފާ ދެއްވި އިރު، އޭނާ ގެންދެވީ ފިނޭންސް މިނިސްޓްރީގެ ފިސްކަލް އެފެއާޒް ޑިޕާޓްމަންޓުގެ ހެޑްގެ މަގާމުގެ ވެސް އަދާކުރައްވަމުންނެވެ.

ސަރުވަޝް ވަނީ މޯލްޑިވްސް އިލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޗެއާޕާސަންގެ މަގާމު ވެސް މީގެ ކުރިން އަދާކުރައްވައިފައެވެ.

މަޖީދު ވަނީ ޕެންޝަން އޮފީހުގެ ބޯޑު މެންބަރުގެ މަގާމު 2022 ވަނަ އަހަރު ވެސް އަދާކުރައްވައިފައެވެ. އޭގެ އިތުރުން އޭނާ ވަނީ ބޭންކް އޮފް ސިލޯނުގައި ވެސް މަސައްކަތް ކުރައްވައިފައެވެ.