ގައުމީ އެއާލައިން، މޯލްޑިވިއަނުން ދެކުނު އެފްރިކާއަށް ދަތުރުތައް ފަށަން ނިންމައިފިއެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އެވިއޭޝަންސް ސާވިސަސް (އައިއޭއެސް)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އިޔާސް "ވަން" އަށް މިއަދު ވިދާޅުވީ ދެކުނު އެފްރިކާއިން ރާއްޖެއަށް ޑައިރެކްޓް ފުލައިޓު ނޯންނަ ކަމަށެވެ. އެ ގައުމުގެ ޓޫރިސްޓުން ރާއްޖެއަށް އަންނަނީ މެދުއިރުމަތީގެ ގައުމުތަކާއި ދެކުނު އޭޝިއާގެ ގައުމުތައް ނުވަތަ އޭޝިއާގެ އެހެން ގައުމެއް މެދުވެރިކޮށް ކަމަށެވެ.
"އެހެންވެ އަޅުގަނޑުމެން ނިންމީ ދެކުނު އެފްރިކާއަށް މޯލްޑިވިއަނުން ސީދާ ދަތުރުތައް ބާއްވަން ނިންމީ، އެކަން ނިންމީ ވަރަށް ބޮޑަށް ދިރާސާކޮށް އެކޮޅުގެ ތަޖުރިބާކާރުންނާ ވެސް މަޝްވަރާކޮށްފަ. އެހެންވީމާ ކާމިޔާބުވާނެ ކަމުގެ އުންމީދު ބޮޑު،" އިޔާސް ވިދާޅުވިއެވެ.
އިޔާސް ވިދާޅުވީ މޯލްޑިވިއަނުން އަލަށް ގެނައި އެއާބަސް އޭ-330 ދެން އެންމެ އަވަހަށް ދަތުރު ފަށާނީ ދެކުނު އެފްރިކާއަށް ކަމަށެވެ.
މޯލްޑިވިއަންގެ އޭ-330 ވަނީ ޗައިނާއަށް ވެސް ސީދާ ދަތުރުތައް މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ފަށައިފައެވެ.
މޯލްޑިވިއަނުން ގެނައި ވައިޑް ބޮޑީ މަތިންދާބޯ ނުވަތަ އޭ-330 އަކީ ތިން ކުލާހެއްގެ 264 ގޮނޑި ހުންނަ ބޯޓެކެވެ. އެއީ ބިޒްނަސް ކުލާހުގައި 18 ގޮނޑި، ފްރިމިއަމް އެކޮނަމީގައި 36 ގޮނޑި އަދި އިކޮނޮމީ ކުލާހުގައި 210 ގޮނޑިއެވެ. އެ ބޯޓުގައި ދިހަ ޓަނުގެ ކާގޯވެސް އުފުލޭނެއެވެ.
މޯލްޑިވިއަންގެ އާ މަތިންދާބޯޓު އޭ-330 ރާއްޖެ ގެނެސްފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ހަ ވަނަ ދުވަހުއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު