އަޞްލު ލިޔުއްވީ: ޑޮކްޓަރ މުޙައްމަދު އިޤްތިދާރު ޙުސައިން ފާރޫޤީ
ތަރުޖަމާކުރީ: ޢަބްދު الله ފާރޫޤް ޙަސަން
***************
އެންމެ ފުރަތަމަ އަޅުގަނޑު ބަލައިލާނީ މަންނަ އާއި ސަލްވާގެ ނަންތަކުގެ މައްޗަށެވެ. ދިވެހިބަހުން ވާހަކަ ދެއްކުމުގައިވެސް ލިޔެކިޔުމުގައިވެސް މަންނަ އާއި ސަލްވާގެ ވާހަކަ ވަރަށް އާންމެވެ. އެހެންކަމުން މިދެބަސްވެސްވަނީ ދިވެހިބަހުގެ ރަދީފަށް ވަދެފައެވެ. ދިވެހިބަސްފޮތުގައި ސަލްވާގެ މާނަވަރަށް ރަނގަޅަށް ވަނީ ބަޔާންކޮށްފައެވެ. ދިވެހިބަސްފޮތުގައިވާ ގޮތުން ސަލްވާ އަކީ ކޮތަރަށްވުރެ ބޮޑެތި ކުކުޅަށްވުރެ ކުޑަ ދޫންޏެކެވެ. މިއީ ބަނީއިސްރާއީލް ބާގައިގެ މީހުން ސައިނާގައި ތިބި ދުވަސްވަރު މާތް الله އެބައިމީހުންނަށް ފޮނުއްވި ޚާއްޞަކާނާއެކެވެ. ދިވެހިބަސްފޮތުގައި މަންނަ މިބަސް އޮތްކަމުގައިވިޔަސް އަޅުގަނޑުމެންކުރާން މިއުޅޭމާނައެއް ރަދީފަކު ނެތެވެ. މަންނައިގެ މާނަޔަކަށް އޮތީ ތާސްބައިގެ ހަތަރު ރަނގައިގައިވެސް އެކެއްކަމުގައި ބަލާގަނޑެވެ. މިފަދައިންނެވެ. އެހެންކަމުން ދިވެހި ބަހުގެ ރަދީފުގައިވާ މަންނައިގެ މާނަ އިތުރަށް ތަފްސީލުކުރާން ޖެހޭކަމުގައި ދެކެމެވެ.
މަންނައިގެ ޤުރްއާނީ ނަމަކީ المَنَّ އެވެ. އެހެނިހެން ބަސްބަހުގެ ނަންތަކަށް ބަލާއިރު އިނގިރޭސި ބަހާއި ޔޫނާނީބަހާއި އިޓަލީ ބަހުން ކިޔަނީ MANNA އެވެ. ފަރަންސޭސި ބަހުންކިޔަނީ MANNE އެވެ. ރޫސީ ބަހުން ތަރަންގަބީން، ތަރަންޖަބީން، ގުރެންތަބީން، ގުރަންޖަބީން އެވެ. ޢަރަބި ބަހުގައި ތަރަންޖަބީނެވެ. އުރުދޫބަހުންވެސް ތަރަންޖަބީނެވެ. ޕަންޖާބީ ބަހުން ޝެރީ އެވެ. ހިންދީބަހުން މީނާއެވެ. މަލިޔާޅަން ބަހުން މަނާ އެވެ. މަންނައިގެ ނަބާތީ (ބޮޓެނިކަލް) ނަންތަކަކީ:
(1) Alhagimaurorum Medic
(Family: Leguminosae
(2) Tamarix mannifera Bunge
(Family: Tamaricaceae)
އެވެ.
1- سورة البقرة ގެ ފަންސާސްހަތްވަނަ އާޔަތުގެ މާނައިގައިވެއެވެ.
[އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ މައްޗަށް އެވިލާގަނޑުން ހިޔާއެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަންނަ އާއި ސަލްވާ ބާވައިލެއްވީމެވެ. ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ޙަލާލުތަކެތީން ތިޔަބައިމީހުން ކައިއުޅޭށެވެ. (އެންގެވީމެވެ.) އެއުރެން އެނިޢުމަތަށް ކާފަރުވެ އުރެދުމަކުން، އެއުރެންނަކަށް ތިމަންރަސްކަލާނގެއަކަށް އަނިޔާއެއް ނުކުރެވުނެވެ. އެހެނެއްކަމަކު އެއުރެން އަނިޔާކުރާކަމުގައިވީ ހަމައެކަނި އެއުރެންގެ އަމިއްލަ ނަފުސުތަކަށެވެ. ] (البقرة: 57)
ދިވެހިބަހުން ޝާއިޢު ކުރެވިފައިވާ އަލްޤުރްއާނުލް ކަރީމުގެ ތަރުޖަމާގައި މަންނަ އާއި ސަލްވާ އާމެދު އިތުރު ބަޔާނެއް ދެއްވައިފައިވެއެވެ. އެބަޔާނުގައިވާގޮތުން މަންނަ އަކީ ބައެއް މުފައްސިރުން ވިދާޅުވާގޮތުގައި ފިނިފައިބާ ގޮތަށް ފައިބާއެއްޗެކެވެ. އެއީ މާމުއިކަހަލަ ފޮނިއެއްޗެކެވެ. އަނެއްބައި މުފައްސިރުން ވިދާޅުވާގޮތުގައި އެއީ ގަނޑުފެނާ އެއްފަދަ، މާމުޔަށްވުރެ ފޮނި، ކިރަށްވުރެ ހުދު އެއްޗެކެވެ. ސަލްވާއަކީ ބާވަތެއްގެ ދޫންޏެކެވެ. (އަލްޤުރްއާނުލް ކަރީމުގެ ދިވެހިތަރުޖަމާ، ޞަފުޙާ: 17،652) ކޮންމެއަކަސް މިބަޔާން ބަޔާންލިޔުއްވި ބޭފުޅުންނަށެވެ. މިބަޔާނުގެ ޢިލްމީ ބުރަދަނާމެދު ވާހަކަ ދެއްކެވުން އަޅުގަނޑު ދޫކޮށްލާނީ ކީރިތި ޤުރްއާނުގެ ތަފްސީރާބެހޭ ޢިލްމުތަކުގެ މާހިރުންނަށެވެ.
2- سورة الأعراف ގެ ސަތޭކަ ފަސްދޮޅަސްވަނަ އާޔަތުގެ މާނައިގައިވެއެވެ.
[ އަދި ތިމަންރަސްކަލާނގެ ބާރަޤަބީލާއަށް، ޖަމާޢަތްތަކަކަށް، އެއުރެން ބައިކުރެއްވީމެވެ. އަދި މޫސާގެފާނުގެ ޤައުމުގެ މީހުން އެކަލޭގެފާނުގެ އަރިހުން ފެނަށް އެދުނުހިނދު، ތިމަންރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވީމެވެ. ކަލޭގެފާނުގެ އަސާކޮޅުން ހިލައިގައި ޖައްސަވާށެވެ! ދެން (އެކަލޭގެފާނު އެހިލައިގައި ޖެއްސެވި ހިނދު) އެހިލައިން ބާރަ ފެންއާރު އަރައިގެންފިއެވެ. ހަމަކަށަވަރުން ކޮންމެބަޔަކު، އެބަޔަކު ފެންބޯންވީ ޖާގަ ދެނެގެންފޫއެވެ. އަދި ވިލާގަނޑުން، އެއުރެންގެ މައްޗަށް ތިމަންރަސްކަލާނގެ ހިޔާއެޅުއްވީމެވެ. އަދި އެއުރެންގެ މައްޗަށް، ތިމަންރަސްކަލާނގެ މަންނަ އާއި ސަލްވާ ބާވައިލެއްވީމެވެ. (އަދި އެންގެވީމެވެ.) ތިޔަބައިމީހުންނަށް ތިމަންރަސްކަލާނގެ ދެއްވި ރަނގަޅު ތަކެތީން، ތިޔަބައިމީހުން ކައިއުޅޭށެވެ! އެއުރެން ތިމަންރަސްކަލާނގެއަކަށް އަނިޔާވެރިޔެއް ނުވެއެވެ. އެހެނެއްކަމަކު އެއުރެންގެ އަމިއްލަ ނަފުސުތަކަށް އަނިޔާވެރިވާ ކަމުގައި އެއުރެންވޫއެވެ.] (الأعراف: 160)
3- طه سورة ގެ އަށްޑިހަވަނަ އާޔަތުގެ މާނައިގައިވެއެވެ.
[އޭ އިސްރާއީލުގެ ދަރީންނޭވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ ޢަދުއްވުންގެ ކިބައިން ތިޔަބައިމީހުން ސަލާމަތްކޮށްދެއްވީމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް (އެބަހީ، މޫސާގެފާނަށް) ޠޫރުފަރުބަދައިގެ ކަނާތްފަރާތުން (ވަޑައިގަތުމަށް) މީޢާދެއް ކަނޑައެޅުއްވީމެވެ. އަދި ތިޔަބައިމީހުންގެ މައްޗަށް މަންނަ އާއި ސަލްވާ ބާވައިލެއްވީމެވެ.] (طه : 80)
ބަހަވީގޮތުން ބަލާއިރު މަންނައިގެ މާނައިގެތެރޭގައި އިޙްސާންތެރިވުމާއި، ދޭއިނާމުވެސް ހިމެނެއެވެ. ނަމަވެސް އިޞްޠިލާޙީ މާނައިގައި އެއީ ބާވަތެއްގެ ޝަބްނަމީ ކިރެކެވެ. ސައިނާގެ ސަހަރާގައި މަގުއޮޅިގެން ދަތުރުކުރަމުންދިޔަ އިސްރާއީލީންނަށް ކާނާއެއްގެ ގޮތުން އަރަހުށި މާތް الله ބާވައިލެއްވި އެއްޗެކެވެ. އެކިރު ޖަމާވަނީ ގަހެއްގެ ފަތްތަކުގެ މަތީގައެވެ. އިސްރާއީލްބާގައިގެ މީހުން ކޮންމެދުވަހަކުވެސް، އެނަގައިގެން ކައިއުޅުނެވެ. އެއީ عيسى عليه السلام ގެ 1451 އަހަރުކުރީގެ ޙާދިސާއެކެވެ. موسى عليه السلام އިސްރާއީލު ބާގައިގެ މީހުން ފިރުޢައުނުގެ އަނިޔާއިން ސަލާމަތް ކުރައްވައިގެން ކަންޢާނަށް (ފަލަސްތީނަށް) ގެންދެވުމަށްޓަކައި ސައިނާއަށް ގެންދެވި ދުވަސްވަރާގުޅޭ ޙާދިސާއެކެވެ.
އިސްވެ ދެންނެވިފަދައިން އަރަހުށި މާތް الله ކީރިތި ޤުރްއާނުގައި މަންނައިގެ ވާހަކަ ގެންނަވައިފައިވަނީ ތިންތަނެއްގައެވެ. މަންނައާބެހޭގޮތުން ސަބްކޮންޓިނެންޓްގެ ގިނަ މުފައްސިރުން ޚިޔާލުކުރައްވާގޮތުގައި، މަންނައަކީ ޣައިރު ޠަބީޢީ (މުޢުޖިޒާތީ) އެއްޗެއްނޫނެވެ. އަދި ކީއްތޯއެވެ؟ އެއީ ގަހަކުން ލިބޭ އެއްޗެކެވެ. ވަރަށްފޮނި އަދި ނުހަނު މީރު އެއްޗެކެވެ. ފައިދާހުރި އެއްޗެކެވެ.
مولانا عبد الماجد ދެރިޔާބާދީގެ ޚިޔާލުފުޅުގައި މަންނައަކީ ޤުދުރަތީ ކާނާއެކެވެ. އެއީ އިސްރާއީލުބާގައިގެ މީހުން ސައިނާގައި ދަތުރުކޮށް އުޅުނުދުވަސްވަރު އެބައިމީހުންނަށް ދެއްވި ކާނާއެކެވެ. ބުރަމަސައްކަތްކުރުމަކާއި ވަރުބަލިކަން އުފުލުމަކާ ނުލައި ލިބެމުންދިޔަ އެއްޗެކެވެ. [އަންޒަލައި]އިގެ މުރާދަކީ ކޮންމެހެން އެއްޗެއް މުޢުޖިޒާތީ ގޮތެއްގައި ބާވައިލެއްވުމެއް ނޫނެވެ.] މައުލާނާ އިތުރަށް ވިދާޅުވާގޮތުގައި ގިނަބަޔަކު ދެކޭގޮތުގައި [މަންނަ] އަކީ ތަރަންޖަބީނާ އެއްމާނައެއްގެ ބަހެކެވެ.
موضع القرآن ގައި މަންނަ އާއި ސަލްވާއާ ބެހޭގޮތުން ލިޔުއްވައިފައިވެއެވެ. އިސްރާއީލުބާގައިގެ މީހުން ފިރުޢައުނުގެ ކިބައިން ސަލާމަތްވެގެން ސައިނާގެ ޖަންގައްޔަށް ވަންއިރު އެބައިމީހުންގެ އަތަކު ކާނެއެއްޗެއް ނެތެވެ. މަންނަ އާއި ސަލްވާއަކީ އެހިނދު މާތް الله އެބައިމީހުންނަށްޓަކައި ކާނާއެއްގެ ގޮތުގައި ދެއްވިއެއްޗެކެވެ. މަންނައަކީ ކަފަގޮތަށް ހުންނަ އެއްޗެކެވެ. ފޮނިއެއްޗެކެވެ. ސަލްވާއަކީ ދޫންޏެކެވެ. މީސްތަކުން އެދޫނި ކަވާބުކޮށްގެން ކައިއުޅުނެވެ.
مولانا آزاد ވިދާޅުވާގޮތުގައި މަންނައަކީ ގަހެއްގެ ދިޔައެކެވެ. ކިރެކެވެ. އެކިރު ކިރުގަނޑެއް ފަދައިން ގަނޑުވެއެވެ. އެއީ ވަރަށްމީރު އަދި ހަކަތަލިބިދޭ ކާނާއެކެވެ. علاّمة محمد ثناء الله عثمانى ވިދާޅުވާގޮތުގައި މަންނައަކީ ތަރަންޖަބީނެވެ. ސަލްވާއަކީ ދޫންޏެކެވެ.
ތަފްސީރެ ޙައްޤާނި އާއި ތަފްހީމުލް ޤުރްއާނާއި ތަފްސީރެ އުޘްމާނީ އާއި ބަޔާނުލް ޤުރްއާނުގައިވެސްވަނީ މަންނައަކީ ގަނޑުވެފައިހުންނަ ފޮނިއެއްޗެއް ކަމުގައެވެ. ނަމަވެސް [އެކިރުގަނޑު] ލިބޭ ގަހުގެ ތަފްސީލު ދީފައެއް ނުހުރެއެވެ. عبدالله يوسف على އޭނާގެ އިނގިރޭސި ތަފްސީރުގައި ލިޔުއްވާގޮތުގައި މަންނައަކީ [ޓެމެރިކްސް] އޭކިޔާ ގަހަކުން ލިބޭއެއްޗެކެވެ.
ތަފާތު އެކިއެކި ތަފްސީރުތަކުން ޔަޤީންކަމާއެކު ބަޔާންވެއެނގޭ ގޮތުގައި މަންނައަކީ ގަހަކުންލިބޭ އެއްޗެކެވެ. އެކަމަކު އެއީ ކޮންގަހަކުން ލިބޭއެއްޗެއްކަމާއި އޭގެ ކީމިޔާވީ ބާވަތަކީ ކޮބައިކަމާ މިބާވަތުގެ ތަފްސީލުތަކެއް ޢާންމުކޮށް ލިބޭކަށެއް ނުހުރެއެވެ.
(ނުނިމޭ)
ދީން
ދީން
ދީން
ދީން