"މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" އަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގާ ތަނެއްގެ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ހަމަޖައްސަވައިފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ އެ މަނިކުފާނު އެގޮތަށް ހަމަޖައްސަވާފައިވަނީ، ގާނޫނުއަސާސީގެ 116ވަނަ މާއްދާގެ (ހ) އިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، ރާއްޖޭގައި އިންޓަނޭޝަނަލް ފައިނޭންޝަލް ސެކްޓަރެއް ތަރައްގީކުރުމަށްޓަކައި ކަމާބެހޭ ފަރާތްތަކުން ކޮށްފައިވާ ދިރާސާތަކުން، އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތަކުން ހިންގާ މާލީ ހަރަކާތްތައް ރެގިއުލޭޓުކުރުމުގެ މަސައްކަތްތައް، ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގާ ވަކި އިދާރާއަކުން ކުރުމަށް ދީފައިވާ ލަފާގެ މަތިން ކަމަށެވެ.

ރައީސްގެ އެ ނިންމެވުމާއެކު އިކޮނޮމިކް މިނިސްޓްރީގެ ދަށުން "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" ހިންގުން ނިމުމަކަށް އައިސްފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، "މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ" އުފައްދަވައިފައިވަނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 21 ގައެވެ.

ރައީސް އޮފީހުން މީގެ ކުރިން ބުނެފައިވަނީ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ އަކީ އިކޮނޮމިކް މިނިސްޓްރީގެ ދަށުން ހިނގާ ގޮތަށް، ރައީސް އުފެއްދެވި އިދާރާއެއް ކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީއަކީ "ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގާނޫނު"ގައި ފާހަގަކޮށްފައިވާ އޯފް-ޝޯ ފައިނޭންސިން ހިދުމަތްތަކުގެ އިތުރުން، އޮން-ޝޯ ފައިނޭންސިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވައިލުމަށާއި ރާއްޖޭގައި އޯފް-ޝޯ/އޮން-ޝޯ ޑިވެލޮޕްމަންޓް ބޭންކުތަކާއި އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ގާއިމުކުރުމާ ގުޅޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުފެއްދި އިދާރާއެކެވެ.

އޭގެ އިތުރުން ރާއްޖޭގެ މާލީ ބާޒާރު ތަރައްގީކޮށް ވާދަވެރި ނިޒާމެއް ގާއިމުކުރުމަށް ހުރި ގާނޫނީ އަދި އިދާރީ ހުރަސްތަކަށް ޒަމާނީ ހައްލުތައް ހޯދުމުގެ ބޭނުމުގައި އުފެއްދި ކުންފުންޏެކެވެ.