މި ސީޒަނަށްފަހު ލިވަޕޫލްގައި މަޑުކުރާނެކަމުގެ އެއްވެސް ޔަގީންކަމެއް އަދި ނެތް ކަމަށް އެ ޓީމުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުނެފިއެވެ.
ވެން ޑައިކްގެ އިތުރުން މުހައްމަދު ސަލާހާއި ޓްރެންޓް އެލެކްސެންޑާ-އާނޯލްޑްވެސް ލިވަޕޫލް އާއެކު ހަދާފައިވާ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެއެވެ. އެ ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށް ލިވަޕޫލުން މިހާތަނަށް ކުރި މަޝްވަރާތަކުގައި މާބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
ރޭ ޕީއެސްޖީއާ ދެކޮޅަށް ކުޅެ، ލިވަޕޫލް ޗެމްޕިއަންސް ލީގުން ކެޓުމާއެކު އޭގެފަހުން ވެން ޑައިކް ބުނީ އަންނަ ސީޒަނުގައި ލިވަޕޫލްގައި މަޑުކުރާނެކަމުގެ ޔަގީންކަމެއް ނެތް ކަމަށެވެ.
"އަދި އެއްވެސް ޔަގީންކަމެއް ނެތް އަންނަ ސީޒަނުގައި މަޑުކުރާނެ ކަމެއް. މިހާރު މި ހުރި ހާލަތުގައި އަހަންނަކަށް ނޭނގެ އަންނަ އަހަރުގައި ވާނެ ގޮތެއް. އަހަރެންގެ ނިންމުން އެނގޭ ބުނާ މީހަކު އެ ހަދަނީ ދޮގެއް. އެންމެންނަށްވެސް އެނގޭނެ މަޝްވަރާތައް ކުރިއަށްދާކަން، އެކަމަކު އެއަށްވުރެ ބޮޑަކަށް އަދި ކުރިއަކަށް ނުދޭ،" ވެން ޑައިކް ބުންޏެވެ.
ޗެމްޕިއަންސް ލީގުން ކެޓިޔަސް ލިވަޕޫލް އޮތީ ލީގު ހޯދުމާ ގާތުގައެވެ. އެ ޓީމުން ތާވަލުގެ އެއްވަނައިގައި އޮތީ 15 ޕޮއިންޓްގެ ލީޑެއްގައެވެ. އަދި ލީގު ކަޕްގެ ފައިނަލަށްވެސް އެޓީމު ދަތުރުކޮށްފައިވާ އިރު، އާދީއްތަ ދުވަހު ފައިނަލުގައި ނުކުންނާނީ ނިއުކާސަލްއާ ދެކޮޅަށެވެ.
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް
ލިވަޕޫލް