މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.
ނަރީޝް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމާއި ރައްޔިތުންނަށް އެހެން ހައިސިއްޔަތަކުން ހިދުމަތްކުރަން ފުރުސަތު ލިބުމާ ގުޅިގެން، މާލެ ސިޓީ ކައުންސިލްގެ މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރުކަމުންނާއި މާލެ ސިޓީ ޑެޕިިއުޓީ މޭޔަރު ކަމުން މިއަދުން ފެށިގެން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ.
ނަރީޝް މަގާމުން އިސްތިއުފާ ދެއްވައި މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީ ނަރީޝް ވަނީ އެކްސްގައި ޕޯސްޓްކުރައްވައިފައެވެ.
ނަރީޝް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވީ، 2021 ވަނަ އަހަރުގެ ބޭއްވި ލޯކަލް ކައުންސިލު އިންތިހާބުގައި މާފަންނު މެދު ދާއިރާގެ މެންބަރުން އޭނާއަށް އިތުބާރުކޮށް، ތަނަވަސް އަގުލަބިއްޔަތަކުން އިންތިހާބުކޮށްދިނީތީ ޝުކުރު އަދާކުރާ ކަމަށެވެ.
ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރަކީ ވަޒީފާގެ މާހައުލުގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އޭނާ އެ މަގާމަށް އިންތިހާބު ކުރަން ތާއީދުކުރައްވައި ވޯޓު ދެއްވި ކައުންސިލަރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
މިހާރުގެ މޭޔަރު، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެވަޑައިގަންނަވާ އާދަމް އާޒިމްގެ އަރިހުން ލިބިވަޑައިގެންނެވި ފިލާވަޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު ބެހެއްޓެވި ގާތް ކަމަށާއި އެ މަނިކުފާނު ދެއްވި އެހީތެރިކަމަށް ވެސް ނަރީޝް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަން ނަރީޝަށް ލިބިވަޑައިގަތީ މިހާރުގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު އާއި ވިލިމާލޭގެ ކައުންސިލަރު ނަހުލާ އަލީއާ ވާދަކުރައްވައިގެން ވަރަށް ހަނިކޮށް ކާމިޔާބު ކުރައްވައިގެންނެވެ.
ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރު ކަމަށް އިންތިހާބުކުރީ 19 ކައުންސިލަރުންގެ ތެރެއިން 12 ކައުންސިލަރުންގެ ވޯޓުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު