ހޯކްސް ކުންފުނީގެ ބޯޓަކުން ވަގަށް ރާއްޖެ އެތެރެކުރި 200 މާސްޓާ ކާޓޫން މެންޗެސްޓާ ސިނގިރޭޓް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ހުރިތޯ ޔަގީން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ) ގެ މެންބަރުން އެތަކެތި ހުރި ގުދަނަށް މިއަދު ޒިޔާރަތް ކުރަން ނިންމައިފިއެވެ.

ޓޫފޯވަން ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އެތަކެތި ހުރިތޯ ބެލުމަށް ކޮމިޓީ މެންބަރުން ގުދަނަށް ވަޑައިގަތުމަށް ހުށަހެޅުއްވީ އެމްޑީޕީގެ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.

އޭނާ އެގޮތަށް ހުށަހެޅުއްވީ، ކޮމިޓީން އެ މައްސަލަ ބަލަމުންދާ އިރު، އެ ސިނގިރޭޓްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތަކީ ކޮބައިތޯ، ކޮމިޓީގެ މެންބަރަކު ކޮމިޓީގެ މެންބަރާ ކުރެއްވި ސުވާލަކަށް ކޮމިޓީގެ މުގައްރިރު އެދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ދެއްވި ޖަވާބާ ގުޅިގެންނެވެ.

ސަލީމް ވިދާޅުވީ، އެ ސިނގިރޭޓްތައް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ތަޅުލާފައި ހުރި ކަމަށް އެތަނުން މައުލޫމާތު ދީފައިވާ ކަމަށެވެ. އަދި އެތަކެއްޗާ މެދު ކަންތައް ކުރާނެ ގޮތަކާ މެދު ޕްރޮސިކިއުޓާ ޖެރެނަލްއާ މަޝްވަރާ ކުރަމުންދާ ކަމަށް ކަސްޓަމުން މައުލޫމާތު ދީފައިވާ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.

ސަލީމްގެ ޖަވާބާ ގުޅިގެން ގަފޫރު ވިދާޅުވީ، މީގެ ކުރިންވެސް ވަގަށް އެތެރެކޮށް ކަސްޓަމްސްގެ ބެލުމުގެ ދަށުގައި ބޮންޑެޑްވޭއާހުސްއެއްގައި ހުރި އެތައްހާސް ސިނގިރޭޓް ކާޓޫނުތަކެއް ގެއްލިފައިވާ ކަމަށެވެ. އެހެންކަމުން ހޯކްސް ބޯޓުން އެތެރެ ކުރި ސިނގިރޭޓްތައް ގުދަނުގައި ހުރިތޯބަލަން ކޮމިޓީ މެންބަރުން ވަޑައިގަންނަވަން ޖެހޭ ކަމަށާއި އެކަމަށް ކަސްޓަމްސްގެ ހުއްދައަށް އެދުމަށް ގަފޫރު ހުށަހެޅުއްވިއެވެ.

ގަފޫރުގެ އެ ހުށަހެޅުއްވުމަށް ތާއީދު ކުރެއްވީ ޕީއެންސީގެ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދެވެ.

ކޮމިޓީގެ އިއްތިފާގުން އެ ހުށަހެޅުން ފާސްކުރިއެވެ.

އެ ނިންމުމާ ގުޅިގެން އެތަކެތި ހުރިތޯ ބަލަން ކޮމިޓީ މެންބަރުން މިއަދު 12:45 އަށް ގުދަނަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.