ކޯޓުތަކަށް ނުވަތަ ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކުރީ ސަރުކާރުން ކަމަށް އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީ އިސްލާހުކުރުމަށް ބަޔާންކޮށްފައިވާ އިޖުރާއަތުގެ ތެރެއިން ގާނޫނުއަސާސީއަށް ގެންނަ އިސްލާހެއްގެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންވާ ކަމަށް ކަނޑައަޅައި، ކުރިއަށް ގެންދިއުމަށް ސުޕްރީމް ކޯޓުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 18 ގައި ނިންމައިފައެވެ.

މިއީ ރައްޔިތުންގެ މަޖިލީހުން ގާނޫނުއަސާސީއަށް ގެނައި އެ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު އިސްލާހެއް ކަމަށްބުނެ އެ އިސްލާހު ބާތިލުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައެކެވެ. 24 ނޮވެމްބަރު 2024 ގައި ހުށަހެޅި އެ މައްސަލަ ސުޕްރީމް ކޯޓުން ބަލައިގަތީ އެ މަހުގެ 27 ގައެވެ.

އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމުން ދައުލަތުން ވަނީ އިޖުރާއީ ނުކުތާއެއްގެ ގޮތުގައި އެ މައްސަލަ ބެލުމުގެ އިހުތިސޯސް ސުޕްރީމް ކޯޓަށް ލިބިގެންނުވާކަން ފާހަގަކޮށްފައެވެ. ނަމަވެސް އެ މައްސަލަ ބެލުމުގެ އިހުތިސޯސް ލިބިގެންވާ ކަމަށް ނިންމައި ސުޕްރީމް ކޯޓުން ވަނީ މައްސަލައިގައި ޖަވާބުދާރީވުމަށް 10 ދުވަހުގެ މުއްދަތެއް ދައުލަތަށް ދީފައެވެ.

ސުޕްރީމް ކޯޓުން އެގޮތަށް ނިންމާފައިވަނިކޮށް ރައްޔިތުންގެ މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗު ހަތަކުން، ފަހަކަށް ބަދަލުކުރަން ފާސްކޮށްފައެވެ. އެފަހުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރެއް ކަމަށްވާ ފަނޑިޔާރު ހުސްނުއްސުއޫދު، ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު ސަސްޕެންޑުކޮށްފައެވެ. އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް ޖޭއެސްސީން ވެސް ދަނީ ބަލަމުންނެވެ. ނަމަވެސް އެއީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ސަރުކާރުން އުފައްދައިގެން އުޅޭ އަސްލެއް ނެތް މައްސަލަތަކެއް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.

އެ ވާހަކަތަކަށް ރައްދުދެއްވައި އުޝާމް އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2019 ވަނަ އަހަރުން ފެށިގެން މިއަދާ ހަމައަށް ޖޭއެސްސީން ފަނޑިޔާރުންނަށް އަޅާފައިވާ ފިޔަވަޅުތަކަށް ބަލާއިރު ފަނޑިޔާރުގެއަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވަނީ ކޮން ދުވަސްވަރެއްގައިކަން އެނގޭނެ ކަމަށެވެ.

"ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ދައްކާ ވާހަކައަކާ ގުޅިގެން ނުވަތަ ނިންމާ ނިންމުމަކާ ގުޅިގެން 'ސްލޫކީވުން' ނިމުމަކަށް ގެނައީ ނޮވެމްބަރު 2023 އިން ފެށިގެން" އުޝާމް ވިދާޅުވިއެވެ.

އުޝާމް ވަނީ ކުރީ ސަރުކާރުގެ ދުވަސްވަރު ޖޭއެސްސީން ފަނޑިޔާރުންނާ ގުޅޭގޮތުން ބަލައިފައިވާ މައްސަލަތަކަކާއި މި ސަރުކާރުގެ މިހާތަނަށް ޖޭއެސްސީން ބަލައިފައިވާ މައްސަލަތަކުގެ ތަފާސް ހިސާބު އާންމު ކުރައްވައިފައެވެ.

  • މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު - 8
  • ސަސްޕެންޑް ކުރި ފަނޑިޔާރުންގެ އަދަދު - 12
  • މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު - 3
  • ސްލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ފަނޑިޔާރުންގެ އަދަދު - 33
  • ޖުމުލަ - 56
  • މަގާމުން ވަކިކުރި ފަނޑިޔާރުންގެ އަދަދު - 0
  • ސަސްޕެންޑް ކުރި ފަނޑިޔާރުންގެ އަދަދު - 3
  • މަގާމު ދަށްކުރި ފަނޑިޔާރުންގެ އަދަދު - 0
  • ސްލޫކީ މައްސަލަ ސާބިތުވި ކަމަށް ކަނޑައަޅައި ނަސޭހަތް ދިން ފަނޑިޔާރުންގެ އަދަދު - 2
  • ޖުމުލަ - 5