އައިސީސީ ޗެމްޕިއަން ޓްރޮފީ ސެމީ ފައިނަލް ދެވަނަ ޖާގަ، ނިއު ޒީލެންޑުން ހޯދައިފިއެވެ.

މިދިޔަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕްގެ ގަދަ ހަތް ޓީމުގެ އިތުރުން ހޯސްޓް ގައުމުގެ ގޮތުގައި ޕާކިސްތާނުން ޗެމްޕިއަންސް ޓްރޮފީގައި ވާދަކުރި އިރު، އިންޑިއާ ކުޅޭ ހުރިހާ މެޗެއްވެސް ހޯސްޓް ކުރަނީ ދުބާއީގައެވެ. ގްރޫޕް އޭގައި އިންޑިއާގެ އިތުރުން ނިއު ޒިލެންޑާއި ބަންގުލަދޭޝް އަދި ޕާކިސްތާން ހިމެނުނު އިރު، ނިއު ޒީލެންޑަކީ އެ ގްރޫޕްގެ ދެވަނަ ޓީމެވެ. އިންޑިއާއާއި ނިއު ޒީލެންޑް ގްރޫޕް ސްޓޭޖުގައި ކުޅުނު މެޗުން މޮޅުވީ އިންޑިއާއެވެ.

ގްރޫޕް ބީގެ އެއްވަނަ ދެކުނު އެފްރިކާ ކައިރިން މިރޭ ނިއު ޒީލެންޑުން މޮޅުވީ 50 ލަނޑުންނެވެ. ޕާކިސްތާނުގެ ލަހޯރުގެ ގައްޒާފީ ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ޓޮސް ދިމާވީ ނިއު ޒީލެންޑަށެވެ. ޓޮސް ދިމާވުމުން ނިއު ޒީލެންޑުން ބެޓް ކުރަން އަރައި، 50 އޯވަރު ތެރޭގައި ހަ ކުޅުންތެރިން ނުބައިވި އިރު، 362 ލަނޑު ހަދާފައިވެއެވެ.

އެއީ މިހާތަނަށް ޗެމްޕިއަންސް ޓްރޮފީގައި ޓީމަކުން ހެދި އެންމެ ބޮޑު ސްކޯއެވެ. ނިއު ޒީލެންޑްގެ ރަޗިން ރަވިންދްރާއާއި ކޭން ވިލިއަމްސަންގެ ވަރުގަދަ ޕާޓްނާޝިޕެއް ފެނިގެން ގޮސްފައިވާ އިރު، ދެ ކުޅުންތެރިންވެސް ސައްތަ ފުރިހަމަ ކުރިއެވެ. ރަޗިން 101 ބޯޅައިން 108 ލަނޑު ހެދި އިރު، ވިލިއަމްސަން ވަނީ 94 ބޯޅައިން 102 ލަނޑު ހަދައިފައެވެ.

ދެކުނު އެފްރިކާއިން އެންމެ ރަނގަޅަށް އުކި ލުންގީ ގީޑީ ތިން ވިކެޓް ނެގި އިރު، ބަދަލުގައި ދެކުނު އެފްރިކާއިން ކުޅެން އަރައި 50 އޯވަރު ތެރޭގައި ނުވަ ކުޅުންތެރިން ނުބައިވި އިރު، އެޓީމަށް ހެދުނީ 312 ލަނޑެވެ.

ނިއު ޒީލެންޑަށް އެންމެ ރަނގަޅަށް އުކީ މިޗެލް ސަންޓްނާއެވެ. އޭނާ ތިން ވިކެޓް ނެގިއެވެ.