އޫކްލާ ސްޕީޑް ޓެސްޓްގެ ފަރާތުން ދޭ "ފާސްޓެސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް" އެވޯޑު ދިރާގަށް ލިބިއްޖެއެވެ.

ދިރާގުން މިއަދު ބުނީ މި އެވޯޑް ދީފައިވަނީ ބާސެލޯނާގައި ކުރިއަށްދާ މޯބައިލް ވޯލްޑް ކޮންގްރެސް 2025 ގައެވެ. މިއީ މޯބައިލް ޓެކްނޮލޮޖީގެ އެންމެ ޒަމާނީ ކުރިއެރުންތައް ދައްކުވައިދޭ އެންމެ ވަރުގަދަ އެއް ގްލޯބަލް ޕްލެޓްފޯމެވެ.

ދިރާގުގެ ފަރާތުން މި އެވޯޑާ ހަވާލުވެވަޑައިގެންފައިވަނީ، އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު އަދި އެ ކުންފުނީގެ ޗީފް ޓެކްނޮލޮޖީ އެންޑް އިންފޮމޭޝަން އޮފިސަރު މުހައްމަދު މުސްއަދުއެވެ.

މިއީ ދިރާގުން މި އެވޯޑް ވިދިވިދިގެން ހޯދި ތިން ވަނަ އަހަރެވެ. މި އެވޯޑް ދިރާގަށް ލިބިފައިވަނީ މިދިޔަ އަހަރުގެ ފަހު ދެ ކުއާޓާއަށެވެ.

ދިރާގުގެ ސީއީއޯ ވިދާޅުވި ގޮތުގައި އޫކްލާއިން ދޭ ފާސްޓަސްޓް 5ޖީ ނެޓްވޯކް އިން މޯލްޑިވްސް އެވޯޑު ލިބުމަކީ ދިރާގަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މި ކާމިޔާބީން ދައްކުވައިދެނީ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދިނުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ނަތީޖާ ކަމަށެވެ.

"އަޅުގަނޑުމެންގެ އަލްޓްރާ-ފާސްޓް 5ޖީ އާއެކު، ފަރުދުންނާއި ވިޔަފާރިތަކަށް މަސައްކަތްތައް ފަސޭހަވެގެން ގޮސް، ކުރިއެރުމަށް އެހީތެރިވެގެންދާނެ. ދިރާގުން ދާނީ އަބަދު ވެސް އެންމެ ފަހުގެ ޓެކްނޮލޮޖީއަށް އިންވެސްޓްކޮށް ޑިޖިޓަލް އިނޮވޭޝަންގެ ގޮތުން ރާއްޖެ އެންމެ ކުރީ ސަފުގައި ދެމިތިބުމަށް މަސައްކަތް ކުރަމުން،" ރަޝީދު ވިދާޅުވިއެވެ.

އޫކްލާ އަކީ ފިކްސްޑް ބްރޯޑްބޭންޑް އަދި މޯބައިލް ނެޓްވޯކް ޓެސްޓިން އެޕްލިކޭޝަންތަކާއި ޑޭޓާ އަދި އެނަލިސިސްގެ ދާއިރާގެ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ދުނިޔޭގެ އެންމެ ކުރީގައި ހަރަކާތްތެރިވާ އެއް ކުންފުންޏެވެ. އޫކްލާގެ ފްލެގްޝިޕް ނެޓްވޯކް ޓެސްޓިން ޕްލެޓްފޯމް ކަމަށްވާ ސްޕީޑްޓެސްޓް އިން ކޮންމެ ދުވަހަކު ވެސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ނެޓްވޯކްތަކުގެ ޕާފޯމަންސާއި ކޮލިޓީއާ ބެހޭ އެތައް ސަތޭކަ މިލިއަން މައުލޫމާތެއް އެއްކުރެއެވެ.

މުއާސަލާތީ ހިދުމަތްތަކާއި ޑިޖިޓަލް ސޮލިއުޝަންސް ފޯރުކޮށްދިނުމުގައި ރާއްޖޭގެ އެންމެ ކުރީގައި އޮތް ކުންފުނި ކަމުގައިވާ ދިރާގުން ދަނީ ޓެކްނޮލޮޖީއަށް އަންނަ ބަދަލުތަކާ އެއް ހަމައެއްގައި ތިބުމަށް ކަސްޓަމަރުން ބާރުވެރިކުރުމަށް އެންމެ ފަހުގެ ހިދުމަތްތައް ދުނިޔޭގެ ފެންވަރުގައި ފޯރުކޮށްދެމުންނެވެ.