ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތަޅުމުގައި އެދުވަހަކު ހިނގާ މަސައްކަތްތައް ނިމުމަކީ މަޖިލިސް މެންބަރުންގެ މަސައްކަތް ނިމުނީ ކަމަށް ނުދެކުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބުދުﷲ އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ވަކި ހިސާބަކުން، ޖަލްސާ ބައްލަވާ ފަރާތްތަކާއި މީޑިއާގެ ސަމާލުމަކަށް އެކަން ގެނައުމުގެ ގޮތުން ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ މަސައްކަތަކީ ހަމައެކަނި ތަޅުމުގައި ހިނގާ ބަހުސްގެ މައްޗަށް ބިނާވަގެންވާ މަސައްކަތެއް ނޫން ކަމަށެވެ. މަޖިލީހުގެ މައިގަނޑު މަސައްކަތް ކުރެވެނީ ކޮމިޓީތަކުގައި ކަމަށް ވެސް ވިދާޅުވިއެވެ.
މަޖިލިސް ރައީސް ވިދާޅުވީ މިއަދުގެ ފަސް ކޮމިޓީއެއްގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެ ކޮމިޓީ ބައްދަލުވުންތަކުގައި ބަރާބަރަށް މެންބަރުން ހަމަވާނަމަ، އެއީ މަޖިލީހުގެ 55 މެންބަރުން ކޮމިޓީތަކުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"މިއަދުވެސް ފަސް ކޮމިޓީގެ މަަސައްކަތް ކުރިއަށް އެބަދޭ، ފަސް ކޮމިޓީގައި ބަރާބަރަށް މެންބަރުން ތިބޭކަމަށް ވަންޏާ 55 މެންބަރުން ކޮމިޓީތަކުގެ މަސައްކަތްތަކުގައި މަޝްއޫލުވެ އުޅޭނެ، އެހެންވީމާ ތަޅުމުގެ މަސައްކަތް ނިމުމަކީ މަޖިލީހުގެ މަސައްކަތް ނިމުނެއް ނޫން، މެންބަރުންގެ މަސްއޫލިއްޔަތު އަދާކުރުމަށް އިތުރު ފުރުސަތު ލިބޭނެ ތަޅުމުގެ މަސައްކަތް ނިމި ކޮމިޓީގެ މަަސައްކަތް ފެށިގެންދާ އިރު،"
މަޖިލިސް ރައީސް މިހެން ވިދާޅުވި ނަމަވެސް މަޖިލީހުގެ ތަލުމުގެ މަސައްކަތްތައް 10:30 އިން ފެށިގެން 11:00 އާ ހަމައަށް އިއްޔެ ނިންމާލި އިރު، އެއްވެސް ކޮމިޓީއެއް ބާއްވައިފައެއް ނުވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު