ސްޓެލްކޯ އިން ގާތްގާތުގައި ދެ ބިލެއް ފޮނުވާފައިވަނީ ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެންމެ ފުރިހަމައަށް ދިނުމުގެ ބޭނުމުގައި ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.
ރޯދަމަހަކީ އެހެން މަސްތަކަށްވުރެ ގިނައިން ކަރަންޓު ބޭނުންކުރާ މަހަކަށްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ކަރަންޓު ބިލުން 10 ޕަސަންޓް ޑިސްކައުންޓް ދިނުމަށް ނިންމައިފައެވެ.
އެ ޑިސްކައުންޓް ދޭން ސްޓެލްކޯ އިން ނިންމާފައިވަނީ ރޯދަމަހަށް ވަކި ކަރަންޓު ބިލެއް ހަދައިގެންނެވެ. އެހެންވެ ފެބްރުވަރީ މަހުގެ ބިލު ކުރިން ވަނީ ފޮނުވައިފައެވެ. ނަމަވެސް ޖަނަވަރީ މަހުގެ ބިލާއި ފެބްރުވަރީ މަހުގެ ބިލު ގާތްގާތުގައިއައި ފޮނުވުމުން ބައެއް މީހުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ފަހުމީ އެކްސްގައި މިރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ސްޓެލްކޯއަކީ ގައުމީ ހިދުމަތުގެ 75 އަހަރުގެ ރެކޯޑެއް އޮތް ކުންފުންޏެއް ކަމަށާއި ސްޓެލްކޯ އިން ރައްޔިތުންނަށް އޮޅުވާލުމުގެ ނިޔަތުގައި އެއްވެސް ކަމެއް ނުކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
އެގޮތުން ކަސްޓަމަރުންނަށް ގާތްގާތުގައި ދެ ބިލު ފޮނުވަން ނިންމީ ކަސްޓަމަރުންގެ ފައިދާއަށް ކަމަށާއި އެއީ އެއް ޔޫސޭޖަކަށް ކުރާ ބިލެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. އަދި ކަސްޓަމަރުންނަށް ކުރިމަތިވެދާނެ މާލީ ދަތިކަން ފިލުވުމަށްޓަކައި ޖޫރިމަނާ ނާރާ ގޮތަށް އެ ބިލު ދެއްކުމަށް 30 ދުވަހުގެ މުއްދަތެއް ދީފައިވާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މި ބިލް ފޮނުވުމުގެ މަގުސަދުތަކުގެ ތެރޭގައި ރޯދަމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ރޯދަމަސް ނިމެންދެން އެއް ބިލެެއްގެ ގޮތުގައި މުޅި ރޯދަ މަހުގެ ޔޫސޭޖަށް ބިލެއް ތައްޔާރުކޮށް، ސަރުކާރުން ދޭން ނިންމާފައިވާ ޑިސްކައުންޓް އެ ބިލުގައި ހިމެނުންވެސް ހިމެނޭ. މީގެ ކުރިން މި ދެންނެވި ބެކްލޮގާއެކު އެ ބިލު ފޮނުވާ ނަމަ ޑިސްކައުންޓް ދެވިގެންދާނީ ރޯދަމަހުގެ ޔޫސޭޖުގެ އެއްބަޔަށް. އެހެންކަމުން އެ ޑިސްކައުންޓުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ކަސްޓަމަރުންނަށް ހޯދަ ދިނުމަކީ މީގެ އެއް މަގުސަދު،" ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ އެ ބެކްލޮގް ފިލުވާލެވުމާއެކު އެޕްރީލް މަހުން ފެށިގެން އެ މަހެއްގެ ފަހު ހަފުތާގައި ރީޑިން ނެގުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ ބިލު ޑެލިވާ ކުުރުމުގެ ސަބަބުން ކަސްޓަމަރުންނަށް އެ ބިލުގައިވާ ރީޑިން އާއި މީޓަރާ އަޅާކިއުމުގެ ފުރުސަތު ލިބި ކަސްޓަމަރުންގެ އިތުބާރު ސްޓެލްކޯއަށް ބޮޑުވެގެންދާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު