ރޯދަމަހުގެ ފުރަތަމަ ދުވަހަށްވުރެ ދެވަނަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު އިތުރުވެފައިވާ ކަމަށް ސްޓެލްކޯ އިން ބުނެފިއެވެ.

ރޯދަމަހުގެ ފުރަތަމަ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު ވަނީ ދަށްވެފައެވެ. އެގޮތުން އެ ދުވަހު އެންމެ ޕީކްގައި ބޭނުންކުރީ 78 މެގަވޮޓެވެ. ރޯދަމަހުގެ ކުރިން ޕީކް ގަޑީގައި ކަރަންޓު ބޭނުންކުރާ މިންވަރު އެވްރެޖުކޮށް ހުރީ 100 މެގަވޮޓުން މަތީގައެވެ.

އެ ދުވަހު ކަރަންޓު ބޭނުންކުރި މިންވަރު މަދުވި ސަބަބެއް ކަމަށް ސްޓެލްކޯ އިން ބުނީ ވިއްސާރަ ދުވަހަކަށް ވުމުންނާއި ސްކޫލުތަކާއި އޮފީސްތައް ބަންދު ދުވަހަކަށްވުމެވެ.

ސްޓެލްކޯ އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ރޯދަމަހުގެ ދެވަނަ ދުވަހު އެންމެ ޕީކް ގަޑީގައި 80 މެގަވޮޓުގެ ކަރަންޓު ބޭނުންކޮށްފައިވާ ކަމަށެވެ. ސްޓެލްކޯ އިން އާންމުކޮށްފައިވާ ކަރަންޓު ބޭނުންކުރި ގޮތުގެ ޗާޓުގައިވާ ގޮތުން އިއްޔެ އެންމެ ޕީކް ގަޑިއަކީ ރޭގަނޑު 10 ޖެހި އިރެވެ.

އެހެންވެ ސަރުކާރުން ވަނީ ރޯދަމަހުގެ ކަރަންޓު ބިލުން 10 ޕަސަންޓު ޑިސްކައުންޓު ވެސް ދިނުމަށް ނިންމައިފައެވެ. ކަރަންޓު ބިލުން 10 ޕަސަންޓު ޑިސްކައުންޓް ދިނުމަށް ނިންމައި އެކަން ހާމަކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު، އއ. މަތިވެރިއަށް ކުރެއްވި ދަތުރުފުޅުގައެވެ.