މެންޗެސްޓާ ޔުނައިޓެޑްގެ ދުރު ރާސްތާ ޕްލޭނަކީ ޕްރިމިއާ ލީގުގެ ތަށި ހޯދުން ކަމަށާއި، އެފްއޭ ކަޕުން ރޭ ކެޓި ހިސާބުންވެސް އެ ފޯކަސް ގެއްލުވައިނުލާނެ ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފިއެވެ.

ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ރޭ ފުލަމްއާ ދެކޮޅަށް ކުޅުނު އެފްއޭ ކަޕްގެ ފަސްވަނަ ބުރުގެ މެޗުން ބަލިވީ ޕެނަލްޓީގައި 4-3 ގެ ނަތީޖާއަކުންނެވެ. އެމެޗު ޕެނަލްޓީއަށް ދިޔައީ 120 މިނެޓް ކުޅެ، 1-1 އިން އެއްވަރުވެގެންނެވެ.

އެފްއޭ ކަޕްގެ ތަށި އެންމެފަހުން ހޯދި ޔުނައިޓެޑް ކަޓައިގެން ގޮސްފައިވާ އިރު، މިއީ 1996-97 ވަނަ އަހަރުގެ ސީޒަނަށްފަހު، ތަށި ދިފާއުކުރަން ނުކުމެ އެޓީމުން އެންމެ އަވަހަށް ކެޓި ފަހަރެވެ.

މި ސީޒަނުގައި ޔުނައިޓެޑަށް ދެން ހޯދެން އޮތް ހަމައެކަނި ތަށްޓަކީ ޔޫރޮޕާ ލީގެވެ. އެޓީމުން ލީގު ތާވަލުގެ 14 ވަނައިގައި މިވަގުތު އޮތް އިރު، މި ސީޒަނުގެ ލީގު ތަށްޓަށް ވަނީ އުންމީދުވެސް ގެއްލިފައެވެ. އެ އުންމީދު މި ސީޒަނަށް ދެން ނެތް ނަމަވެސް، ކޯޗު އަމޯރިމް ބުނީ ޓާގެޓަކީ ޔުނައިޓެޑަށް އަނބުރާ ލީގު ހޯދައިދިނުން ކަމަށާއި، އެކަމަށް ދުރު ރާސްތާ ޕްލޭނަކާއެކު މަސައްކަތް ކުރާނެ ކަމަށެވެ.

"ޓާގެޓަކީ ލީގު ހޯދުން. އަހަރެމެން މިވަގުތު ދަނީ ގިނަ މެޗުތަކަކުން ބަލިވަމުންކަން އެނގޭ. ލީގު ލިބޭނީ ކިތައް އަހަރު ފަހުން ކަމެއްވެސް ނޭނގެ. އެކަމަކުވެސް ޓާގެޓަކީ އެއީ. މަސައްކަތް ކުރާނީ އެކަމަށް. އެކަމަށް ހޭދަވާނެ ދުވަހެއް ނޭނގެ. އެހެންވިޔަސް ރަނގަޅަށް ކުޅުންތެރީން އެނގެން ފެށީމަ، އެކަމަށް ފަސޭހަވާނެ،" އަމޯރިމް ބުންޏެވެ.

އަމޯރިމް ބުނީ ރޭގެ މެޗަކީ މޮޅުވާން ފުރުސަތު ލިބުނު މެޗެއް ނަމަވެސް، ފުރުސަތުތައް ނަގާލުމުން އެކަމުގެ އަސަރު ކުރި ކަމަށެވެ. އަދި އެ ނަތީޖާއާއެކުވެސް ދެން ވިސްނާނީ ސީޒަނުގައި ބާކީ އޮތް މެޗުތަކަށް ކަމަށް އަމޯރިމް ބުންޏެވެ.