ފާއިތުވި 24 ގަޑިއިރު ރާއްޖެއަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ ކ. ދިއްފުއްޓަށް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.
މެޓް އޮފީހުން އާއްމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ދިއްފުއްޓަށް ވަނީ 296.1 މިލިމީޓަރުގެ ވާރޭ ވެހިފައެެވެ.
މެޓްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މީގެ ކުރިން 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ހއ. ކެލައަށެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހުގެ 12 ވަނަ ދުވަހު އެ ރަށަށް 231.5 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ. އެހެންކަމުން ދިއްފުށި ވެގެން ގޮސްފައިވަނީ، 24 ގަޑިއިރު ތެރޭ އެންމެ ގިނައިން ވާރޭ ވެހުނު އެއް ރަށަށެވެ.
ދިއްފުއްޓަށް ވެހުނު ވާރޭގައި އެ ރަށުގެ މަގުތަކުގައި ފެންބޮޑުވެ، ބައެއް ގޭގެއަށް ފެން ވަދެ، ހިފައިގެންގުޅޭ ބައެއް ތަކެއްޗާއި އިލެކްޓްރޯނިކް ބައެއް ސާމާނަށް ގެއްލުންވެފައިވެއެވެ.
މެޓުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އިއްޔެ ދެވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ހުޅުމާލެއަށެވެ. އެއީ 185.2 މިލިމީޓަރުގެ ވާރެއެވެ. ތިން ވަނައަށް އެންމެ ގިނައިން ވާރޭ ވެހުނީ ފ. ނިލަންދޫއަށެވެ. އެއީ 178.2 މިލިމީޓަރުގެ ވާރެއެވެ.
މެޓުން ވަނީ މިއަދުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށްފައެވެ. އެގޮތުން ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިހާރުވެސް ވަނީ ޔެލޯ އެލާޓް ނެރެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު