ހަތަރު އަހަރަށްފަހު އަނެއްކާވެސް ފޯބްސްގެ ދުނިޔޭގެ އެންމެ މުއްސަނދި އެކްޓަރުންގެ ލިސްޓުގެ އެންމެ މަތީގައި ޑްވެއިން ޖޯންސަން ހިމެނިއްޖެއެވެ. މި އެކްޓަރަށް ލިސްޓުގެ އެންމެ ކުރީން ޖާގަ ލިބުނީ ރަޔަން ރެޔްނޯލްޑްސް އަދި ޖެރީ ސެއިންފެލްޑް ފަދަ މީހުނާވެސް ވާދަކޮށްފައެވެ. އޭނާއަށް ވޭތުވެދިޔަ އަހަރު 88 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށް ލަފާކޮށްފައިވެއެވެ. އެއީ "ރެޑް ވަން"، "މޮއާނާ 2" އަދި އޭނާގެ ކުރީގެ މަސައްކަތްތަކުން ލިބޭ ރޯޔަލްޓީގެ ސަބަބުންނެވެ.
ރިޕޯޓުން އިތުރަށް ދައްކާގޮތުގައި، މި އެކްޓަރުން މި ހުރިހާ ފައިސާއެއް ހޯދާފައިވަނީ ބޮޑެތި ސްކްރީންތަކުން ބޭރުގައެވެ. މިގޮތުން 2024 ވަނަ އަހަރުގެ އެންމެ މަތީ 10 ފިލްމުގެ ތެރެއިން 6 ފިލްމަކީ އެނިމޭޓެޑް ފިލްމުތަކެވެ. މިފަދަ ފިލްމުތަކުން އެކްޓަރުންނަށް އާންމުކޮށް ބޮޑެތި އަދަދުތަކުން ފައިސާއެއް ނުލިބެއެވެ.
ފުރަތަމަ 20 ގެ ތެރޭގައި ހިމެނުނީ އަންހެން ތިން އެކްޓަރުންނެވެ. އެއީ ވަރަށް ބިޒީކޮށް މަސައްކަތްކުރާ ނިކޯލް ކިޑްމަން (ބޭބީގަރލް، އަ ފެމިލީ އެފެއަރ)، މަރިސްކާ ހަރގިޓޭ އަދި ސްކާލެޓް ޖޮހަންސަން އެވެ. ސްކާލެޓްއަކީ މި 20 މީހުންގެ ތެރެއިން އެންމެ ޅަ އެކްޓަރުވެސް މެއެވެ. އޭނާގެ އުމުރަކީ 40 އަހަރެވެ. ވަރަށް ކާމިޔާބު އަހަރެއް ހޭދަކުރި ނަމަވެސް، ޓިމޮތީ ޗަލަމެޓަށް މި ލިސްޓުން ޖާގައެއް ނުލިބުނެވެ. އެއީ އޭނާ 2024 ވަނަ އަހަރުގެ ހިޓް ފިލްމުތަކުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އޭގެ އަހަރެއް ކުރިން ކަމަށްވާތީއެވެ.
ގިނަ ތަރީންނަށް ސްޓްރީމިން އިން ވެސް ވަރަށް ގިނަ ފައިސާ ލިބިފައިވެއެވެ. ބްރެޑް ޕިޓް އަދި ޖޯޖް ކްލޫނީއަށް "ވޯލްފްސް" އިން މީހަކަށް 35 މިލިއަން ޑޮލަރު ލިބިފައިވެއެވެ. ސްޓްރީމިން އިން ފިލްމުތަކުގެ ހިއްސާ ގަތުމުގެ ފުރުސަތު ނޯންނާތީ، އެކްޓަރުންނަށް ކުރިއާލައި ބޮޑެތި އަދަދުތަކުން ފައިސާ ދެވެއެވެ.
ޑްވެއިން ޖޯންސަން ދެން މަސައްކަތްކުރާނީ މާޓިން ސްކޯސޭސީގެ ފިލްމެއްގައި ލިއޮނާޑޯ ޑިކެޕްރިއޯ އަދި އެމިލީ ބްލަންޓާ އެކުގައެވެ. އަދި އޭނާގެ އޭ24 ފިލްމެއްވެސް އަންނާން އެބައޮތެވެ. ބެނީ ސަފްޑީ ޑައިރެކްޓްކުރާ "ދަ ސްމޭޝިން މެޝިން" އަކީ ބައޮގްރަފިކަލް ޑްރާމާ ފިލްމެކެވެ. މި ފިލްމުގައި ޖޯންސަން ސިފަކުރަނީ މާކް ކެރް އެވެ. މާކް ކެރްއަކީ ކުރީގެ ޔޫއެފްސީ ފައިޓަރެކެވެ. އޭނާ މަޝްހޫރުވެފައިވަނީ 1990 ގެ އަހަރުތަކުގެ ފަހުކޮޅު މިކްސްޑް މާޝަލް އާޓްސްގައި އޭނާގެ ވަރުގަދަކަމުންނެވެ.
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން
މުނިފޫހިފިލުވުން