މި އަހަރުގެ ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިޔާ ޑރ. މުހައްމަދު މުއިއްޒު އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައްޔާއި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އިސްލާމީ ގައުމުތަކުގެ ލީޑަރުންނާއި، ސަރުކާރުތަކާއި ރައްޔިތުންނަށް ތަހުނިޔާ އަރިސްކުރައްވައިފިއެވެ.
އިސްލާމީ ގައުމުތަކުގެ ލީޑަރުންނަށް ފޮނުއްވި މެސެޖުގައި އެމަނިކުފާނު ވަނީ، މި މައްސަރަކީ ރޫހު އާލާކޮށް، މުރާޖައާކުރުމާއި އެއްބައިވަންތަކަމުގެ މައްސަރުކަމާއި، އޯގާތެރިކަމާއި، ދީލަތިކަން އިތުރުކޮށް، އަގީދާ ހަރުދަނާކުރުމުގެ މައްސަރުކަން ފާހަގަކުރައްވައި އެކަންކަމުގެ މައްޗަށް އަލިއަޅުއްވައިލައްވައިފައެވެ.
މި ރަމަޟާންމަހު، އެކުވެރިކަމުގެ ގުޅުންތައް ހަރުދަނާ ކުރެވި، ހިދުމަތްކުރުމުގެ އަޒުމު ވަރުގަދަވެގެންދާނޭ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ. އިސްލާމީ ގައުމުތަކުގެ ވެރީންނާއި ރައްޔިތުން ފުރިހަމަ ސިއްހަތެއްގައި ލެހެއްޓެވުމަށާއި، ކާމިޔާބީ މިންވަރުކުރެއްވުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ދުއާ ދަންނަވާފައިވެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، މި ދަނޑިވަޅުގައި ފަލަސްތީނުގެ ގައްޒާ އާއި ހުޅަނގު އައްސޭރީގައި ތިބި މުސްލިމުން ތަހައްމަލުކުރަމުން ދާ ވޭނަށް ތަސައްލީއެއް ހޯދައިދިނުމުގައި ހަރަކާތް އަވަސްކުރުމަށް އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވައިފައެވެ. މުސްތަގިއްލުކަން ހޯދުމަށް ފަލަސްތީނުން ކުރާ މަސައްކަތަށް އަދުލުވެރި އަދި ދެމެހެއްޓެނިވި ހައްލެއް ހޯދައިދީ، 1967 ވަނަ އަހަރުގެ ކުރިން ކަނޑައަޅާފައިވާ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، ފަލަސްތީނުގެ މިނިވަން އަދި އިސްތިގްލާލީ ދައުލަތެއް ގާއިމުކުރެވި، އިރުމަތީ ގުދުސްއަކީ ފަލަސްތީނުގެ ވެރިރަށް ކަމުގައި ކަށަވަރުކޮށްދެއްވުމަށް އެމަނިކުފާނު ވަނީ އިސްލާމީ އުންމަތަށް އިލްތިމާސްކުރައްވާފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު