ކުރިއަށް އޮތް ރޯދަ މަހަށް 12 އަހަރުގެ ކުއްޖެއްގެ ޗެލެންޖަކާއެކު ދިރާގުން އަގުހުރި އިނާމުތަކެއް ލިބޭ ތަފާތު ޕްރޮމޯޝަންތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން އިއްޔެ ބޭއްވި ޕްރެސް ކޮންފަރެންސްގައި އެ ކުންފުނީގެ އޮފިޝަލުންގެ އިތުރުން 12 އަހަރުގެ މިޝާވެސް ބައިވެރިވިއެވެ. ނަމަވެސް ޕްރެސް ކޮންފަރެންސްގައި މިޝާގެ ރޯދަ ޗެލެންޖު ހާމަކޮށްފައެއް ނުވެއެވެ. އެކަން އޮތީ ސަޕްރައިޒެއްގެ ގޮތުގައެވެ. އެ ޗެލެންޖުގައި ހިމެނޭ ކަންތައްތައް އެނގިގެންދާނީ ރޯދަމަހުގެ ތެރޭގައެވެ.
ދިރާގުގެ މެނޭޖާ މާކެޓިން ކޮމިއުނިކޭޝަންސް، ހަސަން ޝާރިހު އާދަމް ވިދާޅުވި ގޮތުގައި، ރޯދަ މަހަކީ ވަރަށް ގިނަ ލުއި ފަސޭހަތަކާއި އިނާއަތްތައް ލިބިގެންދާ މަހެއް ކަމުގައިވާތީ އެ މަހުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް މިޝާގެ ރޯދަ ޗެލެންޖް އެހީ ވެދޭނެއެވެ.
އެގޮތުން ދިރާގުން ލޯންޗުކުރި ޕްރޮމޯޝަންތަކަކީ:
ކޮންމެ ދުވަހަހު ދިރާގު އެޕްގައިވާ ކަރާ ފަޅައިގެން ދެ ޖީބީ ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ. އަދި ވަކި އަދަދަކަށް ކަރާ ފަޅައިގެން، ހާއްސަ އިނާމުތަކެއް ހޯދުމުގެ ފުރުސަތު އޮންނާނެއެވެ. އެ އިނާމުތަކުގެ ތެރޭގައި 10 ޖީބީ ހިލޭ ޑޭޓާ، އެއާޕޮޑް، ސެމްސަން އެސް 25 ފޯން، 1 ޓީބީ ހިލޭ ޑޭޓާ އަދި ސްވިޒަލޭންޑަށް ޗުއްޓީ ދަތުރެއް ހިމެނެއެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ވަނީ ފިޔަވަތި، އަމާން ވެށި އަދި އަމާން ހިޔާއަށް 150،000 ރުފިޔާ ހަދިޔާކުރަން ނިންމައިފައެވެ. ދިރާގުގެ ކަސްޓަމަރުންނަށްވެސް އެ ފުރުސަތު ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ދިރާގު އެޕް މެދުވެރިކޮށް ރޯދަ މަހު އެ ކުޑަކުދިންނަށް އެހީތެރިކަން ފޯރުކޮށްދެވޭނެއެވެ.
އޭގެ އިތުރުން ދިރާގު ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުން، އެހެން ފަރާތްތަކަށް ޑޭޓާ ހަދިޔާކޮށްގެން ހިލޭ ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ އޮފާއަކާއި ދިރާގު ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ސިލެކްޓް ޑޭޓާ އެޑް-އޮން އެކްޓިވޭޓް ކޮށްގެން ހިލޭ ބޯނަސް ޑޭޓާ ހޯދުމުގެ ފުރުސަތު ލިބޭ އޮފާއެއްވެސް ދިރާގުން ވަނީ ތައާރަފުކޮށްފައެވެ.
އަދި އަލަށް 5ޖީ ޓާބޯ ހިދުމަތް ނަގާ ކަސްޓަމަރުންގެ ތެރެއިން 549 ރުފިޔާ އިން މަތީގެ ޕްލޭންތައް ނަގާ ކަސްޓަމަރުންނަށް 5ޖީ ރައުޓަރެއް ހިލޭ ލިބޭ އޮފާއަކާއި ބިދޭސީ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ދިރާގު އެޕް އިން އެޑް-އޮން އެކްޓިވޭޓް ކޮށްގެން ހިލޭ އައިއެމްއޯ، 90 ދުވަހުގެ މުއްދަތައް ލިބޭ އޮފާއެއްވެސް ހިމެނެއެވެ.
ދިރާގުން މި އަހަރުވެސް ވަނީ އެ ކުންފުނީގެ އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ފިތުރު ޒަކާތް ދެއްކޭނެ ގޮތްވެސް ހަމަޖައްސައިފައެވެ.
ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން ކުރިއަށް ގެންދާ ހާއްސަ ކަންތައްތައް ފާހަގަކުރައްވައި އެ ކުންފުނީގެ މެނޭޖާ ޕަބްލިކް ރިލޭޝަންސް، ޖައިޝާން ހަމީދު ވިދާޅުވި ގޮތުގައި، މި ރޯދަ މަހުވެސް، ދިރާގުގެ ގުޑި-ފެސްޓް އަދި ތަށިބަރި މޫވްމަންޓް ކުރިއަށްދާނެއެވެ. އަދި މި އަހަރުވެސް ދިރާގާއި މަމްސް އެއިޑް ގުޅިގެން 'ރަމަޟާން އެއިޑް' ކެމްޕެއިންގެ ދަށުން، އެހީއަށް ބޭނުންވެފައިވާ 100 އާއިލާއަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްވެސް ހަމަޖެހިފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު