ހައްދުންމަތީގައި އޮންނަ ތާރީޚީގޮތުން އެންމެ ދޮށީ ރަށަކީ އިސްދޫއެވެ. މިހާރު އެއީ އިސްދޫކަލައިދޫއެވެ. އެރަށުގެ ފަޅުތެރޭގައި ހުރި ވަރަށްގިނަ ކުދިކުދި ރަށްރަށް އެރަށާ ގުޅި މިހާރު އެއްފަސްވެފައިވެއެވެ. ހައްދުންމަތީގެ ނަން އެރަށަކަށް ނިސްބަތްކުރެވޭ އިހައްދޫ ވެސް އޮތީ އިސްދޫއާ ގާތުން އެރަށުގެ އިރުމަތިން އެފަޅުގެ ތެރޭގައެވެ. އެރަށް މިހާރު ގިރައިގެންގޮސް ފެންނާންއޮތީ ހަމައެކަނި އާނުގަޑެކެވެ. ކޮންމެއަކަސް ދިވެހި ތާރީޚުގެ އެންމެ ކުރީގެ ލިޔުންތަކެއްގެ ގޮތުގައި ފެންނާންހުރި ބައެއް ލިޔުންތައް ގުޅިފައިވަނީވެސް ހައްދުންމައްޗާއެވެ. އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނެވެ. މި ލޯމާފާނުތަކަކީ ރާއްޖެ އިސްލާމްވިތާ 42 އަހަރު ފަހުން ތީމުގޭ ވަންހައިގެ ރަސްރަސްކަލުންކުރެ ސުލްތާން ގަޑަނާދީއްތަ މަހާރަދުންގެ ދައުރުގައި ލިޔެވިފައިވާ ލޯމާފާނު ތަކެކެވެ. ލޯމާފާނަކީ ރަދުންގެ އަމުރުފުޅުތަކާއި ތާރީޚީ ވާހަކަތައް ލިޔުމަށް ލޮއިން ނުވަތަ އެޒާތުގެ ކޮންމެވެސް މައުދަނަކުން ހަދައިފައި ހުންނަ ހަނިދިގު ފޮތިތަކެކެވެ.
ދިވެހިރާއްޖެ އިސްލާމްވުމުގެ ކުރިން ދިވެހިން ތަބާވީ ބުދުދީނަށެވެ. އެދުވަސްވަރުގެ އާސާރުތަކާއި އަސަރުތައް ދިވެހިރާއްޖޭގެ ބައެއް ރަށްރަށުން މިހާރުވެސް ފެނެއެވެ. މިފަދަ އާސާރުތައް އެންމެ ބޮޑަށް ފެންނަ އެއްރަށަކީވެސް ހައްދުންމަތީ އިސްދޫއެވެ. ބުދުދީނުގެ ޒަމާނުގައި ބުދަށް އަޅުކަންކުރުމުގެ އެންމެ ބޮޑު އެއް މޮނާސްޓްރީ ހުރީ އިސްދޫގައެވެ. މިހާރުވެސް ދެ އުސްގަޑެއް އިސްދޫން ފެނެއެވެ. އެތަނުން އެއް އުސްގަޑަކީ މިއަދު ރާއްޖޭގެ ރަށަކުން ފެންނަ އެންމެ އުސް ހަވިއްތައެވެ. ހަވިއްތައަކީ ބުދުދީނުގެ މީހުން އަޅުކަން ކުރުމަށް ހަދައިފައި ހުންނަ ބައެއް ކަހަލަ ތަންތަނެވެ. އިސްލާމްދީން އިޚުތިޔާރު ކުރުމަށްފަހު އެފަދަ ތަންތަން ގަލާއި އަކިރިޔާއި ވެލިން ފޮރުވާފައިވަނީއެވެ. އުސްގަޑުތަކެއްގެ ގޮތުގައި އެޒާތުގެ ހަވިއްތަތައް މިހާރު ފެނުމުގެ ސިއްރަކީ އެއީއެވެ. ބުދުދީނުގެ މޮނާސްޓްރީއަކާ ގުޅިފައިވާ ވަރަށް ބޮޑު ވެވެއްވެސް އިސްދޫގައި އޮތެވެ. ވެވަކީ މީހުންއެރި ފެންވަރައި ހެދުމަށް ކޮނެ ކައިރި ހަދާފައި ހުންނަ ފެންފެންގަޑެވެ. އިސްދޫ ވެވުގެ މަތީ ގާތަށް ނަގައި ހުސްކޮށްފައިވިޔަސް އަޑީގެ ގާތައް އަދިވެސް އެބަހުރިކަމަށް ބުނެވެއެވެ.
ދިވެހިރާއްޖޭގެ ރަސްގެފާނު އިސްލާމްދީން އިޚުތިޔާރު ކުރެއްވި ކަމަށް އެނގިގެންވަނީ މީލާދީން 1153 ވަނަ އަހަރުއެވެ. ހައްދުންމައްޗާ ހަމަޔަށް އިސްލާމްދީން ފޯރީ ކިހައި ދުވަހަކުން ކަމެއް ނޭނގެއެވެ. އެނގޭ މިންވަރަކީ ރާއްޖެ އިސްލާމްވީއިރު ތަޚުތުގައި އިންނެވި ސުލްތާން މުހައްމަދު ބިން އަބްދު ﷲ ނުވަތަ ދަރުމަވަންތަ ރަސްގެފާނުގެ ފަހަށް ރަސްކަން ކުރެއްވި އެއާއިލާގެ ހަތަރުވަނަ ރަދުން އައްސުލްތާނު ދިނެއިކަލަމިންޖާ ސިރީފެންނާދީއްތަ މަހާރަދުންގެ ޒަމާނުގައި އިސްދޫއާއި ދަނބިދޫގައި ވަރަށް ބޮޑެތި ކަންތައްގަޑެއް ހިނގިކަމެވެ. ދީނީ ގަޑުބަޑެއް އުފެދުނު ކަމެވެ. މިދެންނެވި ދިނެއިކަލަމިންޖާގެ ނަންފުޅު އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނުގައި ބަޔާންވެގެންވަނީ ގަޑަނާދީއްތަ މަހާރަދުންގެ ގޮތުގައެވެ. އިސްދޫ ލޯމާފާނާއި ދަނބިދޫ ލޯމާފާނު ލިޔެވިފައިވަނީ މިދެންނެވި ގަޑުބަޑަށްފަހުގައެވެ. އެކަންތައްތައް މައިތިރިކުރުމަށްފަހު އެކަމުގެ ހަނދާނެއްގެ ގޮތުގައެވެ.
ދަނބިދޫއަކީ އިސްދޫ ފަޅުތެރެއިން ހަމަދާދި ކައިރީގައި އެރަށުގެ ދެކުނުގައި އޮންނަ ބިޔަ ރަށެކެވެ. އިސްދޫ ފަދައިން ގަދީމީ ރަށެކެވެ. ކުރިން އިޝާރާތް ކުރެވުނު ގަޑުބަޑުގެ ސަބަބަކީ އިސްދޫ އާއި ދަނބިދޫގައި އަލުން ބުދުދީން އާލާވެ އެދެރަށުގެ މީސްތަކުންގެ ތެރެއިން ބަޔަކު އެދީނަށް އުޅެން ފެށުމެވެ. މިޚަބަރު މާލެއާ ހަމައަށް ފޯރުމުން ސުލްތާން ގަޑަނާދީއްތަ މަހާރަދުން އިސްދޫއާއި ދަނބިދޫއަށް ފޮނުއްވަނީ ބޮޑު ލަޝްކަރެކެވެ. އެ ލަޝްކަރު ގޮސް ބުދުދީނަށް އެނބުރުނު މީސްތަކުންނާއި އެމީހުންގެ ވެރީންނަށްތިބި ހާމުދުރުން ހައްޔަރުކޮށް މާލެގެނެސް ރަދުންގެ ދަރުބާރުގައި އެމީހުންނާމެދު ސަރިޔަތް ހިންގީއެވެ. އިސްލާމްދީނުގެ ހަމަތަކުގެ މަތިން ނިޔާ އިއްވީއެވެ. އެނިޔާ ތަންފީޒު ކުރެއްވުމުގެ ކުރިން މުރުތައްދުވީ މީހުންނަށް ސުލްތާން ގަޑަނާދީއްތަ މަހާރަދުން ނަސޭހަތްތެރިވެ ވަޑައިގެންނެވިއެވެ. ބައެއް މީހުން އެ ނަސޭހަތް ގަބޫލުކޮށް އަލުން އިސްލާމްކަން އިޚުތިޔާރު ކުރިއެވެ.
ހަރުކަށި މަދުބަޔަކު އިސްލާމްވުމަށް އިންކާރުކޮށް ދެކޮޅުވެރިވެގެންފިއެވެ. ނަސޭހަތް ގަބޫލުނުކުރި މީހުންނާމެދު ހުކުމް ތަންފީޒު ކުރެވުނުކަން ލޯމާފާނުތަކުން އެނގެއެވެ. އެ ހުކުމަކީ ގަތުލުކުރުމެވެ. ކުރީއްސުރެ އިސްލާމްދީން ގަބޫލުކޮށްގެންތިބި މީހުންގެ ތެރެއަށް ފަހުން އިސްލާމްވި މީހުން ބަލައިގަތީ ޖިޒީ ދިނުމަށް ޝަރުތުކޮށްފައެވެ. ޖިޒީއަކީ ދައުލަތެއްގެ ދަށުގައިވާ ބަޔަކު އެދައުލަތަކަށް ދައްކާ ފައިސާއެވެ. ނުވަތަ ތަކެއްޗެވެ. އިސްދޫއާއި ދަނބިދޫން މުރުތައްދުވެގަތް މީހުންގެ އަތުން އަތުލެވުނު ޖިޒީގެ ބާވަތަކީ އަހަރަކު އެތައް ބޮނޑި ބިލެތާއި އެތައް ކިބަ ފޯކާއި އެތައް މަދޮށީގެ ރަނެވެ. މިޖިޒީ މިބީދައިން އެއާއިލާތަކުން ދައްކަމުންއައިކަން ތާރީޚުން ސާފުވެއެވެ. މިކަން ހުއްޓުނީ އެތައް ސަތޭކަ އަހަރެއް ފަހުންނެވެ. މުރުތައްދުވީ މީހުންގެ އާއިލާތަކާއި މުރުތައްދުނުވާ މީހުންގެ އާއިލާތައް މަސްހުނިވެ އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާ ހިސާބަށް މަސްހުނި ވުމުންނެވެ. މިއެއްޗެއް ދޭން ޖެހެނީ ކޮންބަޔަކު ކީއްވެގެންކަން އޮޅުންނުފިލާވަރަށް ދުވަސްވުމުންނެވެ.
އިސްދޫއަކީ ރާއްޖޭގެ ރަށްރަށުގެ ތެރެއިން އެންމެ ކުރިން އާބާދުވި އެއްރަށެވެ. ނަމުންވެސް އެހަގީގަތް ހާމަވެއެވެ. ރާއްޖޭގެ އިރުމަތީ ބިތުގައިވާ ރަށްރަށުގެ ތެރެއިން އެންމެ އިރުމަތީގައި އޮންނަ މައި ރަށަކީވެސް އިސްދޫއެވެ. މަތީގައި އިޝާރާތް ކުރެވުނު ހާދިސާއަށް ފަހުގައިވެސް ދިވެހި ތާރީޚުގައި އިސްދޫ އަދާކޮށްފައިވާ ދައުރު ނުހަނު ބޮޑެވެ. ރާއްޖޭގެ ދެކުނުގެ ރަށްރަށުގެ ރައްޔިތުންގެ ފަރާތުން ރަސްކަމުގެ ދަރުބާރުގައި ބަސްބުނުމުގެ ބާރު އޮތީވެސް އެއްޒަމާނެއްގައި އިސްދޫގެ ވެރިޔާއަށެވެ. އެއީ ރާއްޖޭގެ ދެކުނުގެ މަންދޫބެވެ. ދިވެހިރާއްޖޭގައި ރަސްކަންކުރި ޚާންދާނުތަކުގެ ތެރެއިން އެއް ޚާންދާން ނިސްބަތް ކުރެވެނީވެސް އިސްދޫއަށެވެ. އެއީ އިސްދޫ ޑައިނާސްޓީއެވެ. އިސްދޫ އަލިރަސްގެފާނާއި ހަސަން ދިހަވަނަޔާއި ސުލްތާން މުޒުހިރުއްދީން ނިސްބަތްވެވަޑައިގަންނަވަނީ މިދެންނެވި އިސްދޫ ރަސްދަރިކޮޅަށެވެ. އެހެންވީމާ އިސްދޫގެ ތާރީޚަކީ ވަރަށް ޝައުގުވެރިކުރަނިވި ވަރަށްވެސް ދިގު ތާރީޚެކެވެ.
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު
ދިވެހިރާއްޖޭގެ ތާރީޚު